Roadha Mihaaru
ރޯދަ ފަހު 10 ގައި މުވައްޒަފުން ގޭގައި މަސައްކަތްކުރަން ހިމަނައިފި

ރޯދަ ފަހު 10 ގައި ސަރުކާރު މުވައްޒަފުން އޮފީހަށް ނުނުކުމެ ގޭގައި މަސައްކަތްކުރަން ހިމަނައިފި

22 އޯގަސްޓް 2023

ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު މުވައްޒަފުން އޮފީހަށް ނުނުކުމެ ގޭގައި މަސައްކަތް ކުރާ ގޮތަށް، އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު މުވައްޒަފުން އޮފީހަށް ނުނުކުމެ ގޭގައި މަސައްކަތް ކުރާ ގޮތަށް، އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ކެމްޕެއިނަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގައި، އެ އަތޮޅު ދަރަވަންދޫގައި ބޭއްވި ޖަލްސާގައި ވަނީ "ހެޔޮވެރިކަން" ސިޔާސަތުގެ ދަށުން ކޮށްދޭނެ ކަންތައްތައް އާއްމުކޮށްފަ އެވެ.

އެ ސިޔާސަތުގެ "ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާކުރުން" ބައިގައި ބުނެފައިވަނީ ރޯދަ މަހުގެ ފަހު 10 އަކީ ގިނަ ބަޔަކު ރޭ އަޅުކަމުގައި މަސްއޫލުވެގެން އުޅޭ ދުވަސްވަރެއް ކަމަށެވެ.

އެހެންވެ، މުވައްޒަފުންނަށް ލުއި ފަސޭހަކޮށްދިނުމަށް ފަހު 10 ގައި "ވޯކް ފްރޮމް ހޯމް" ނުވަތަ ގޭގައި މަސައްކަތްކުރާނެ ގޮތް ތައާރަފްކޮށް، އެކަން ކަނޑައަޅާނެ ކަމަށް ބުންޏެވެ.

ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތްކުރާނެ ގޮތް ހުށަހެޅުމުގެ އިތުރުން، ސިވިލް ސާވިސް ހަރުދަނާކުރަން ވެސް ހުށަހަޅާފައިވެ އެވެ.

އޭގެ ތެރޭގައި ސިވިލް ސާވިސް އަކީ ވެރިކަން ހިންގުމުގެ ބާރުގެ ސިޔާސަތުތައް ހަލުވިކަމާއެކު ތަންފީޒުކުރެވޭނެ ފަދަ އެފިޝަންޓް ނިޒާމެއްގެ ގޮތަށް ބަދަލު ކުރުމަށާއި ސިވިލް ސާވިސްގެ ރެގިއުލޭޓަރީ ނިޒާމަކީ ޒަމާނީ ހިންގުމުގެ ގޮތަށް ބައްޓަންކުރެވިފައިވާ ފްލެކްސިބަލް އަސާސްތަކުގެ މައްޗަށް ގާއިމްކުރެވިފައިވާ ނިޒާމެއްގެ ގޮތަށް ބަދަލުކުރުމަށް ސިވިލް ސާވިސްގެ މޮޑެލްއަށް ގާނޫނީ އިސްލާހުތައް ގެނައުމަށް ހުށަހަޅާފައިވެ އެވެ.

ދައުލަތުގެ މުއައްސަސާތަކުގެ ގަވަނަންސްގައި ހުރި ފަރަގުތައް ނައްތާލައި އޮޕަރޭޝަނަލް މިނިވަންކަމާއެކު ދައުލަތުގެ މުއައްސަސާތައް ހިންގޭނެ ޒަމާނީ އޮނިގަނޑެއް ގާއިމްކުރުމަށްޓަކައި، ޕަބްލިކް ސާވިސެއް ގާއިމްކުރުމުގެ ގޮތުން ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނާނެ ކަމަށް ވެސް އެމްޑީޕީގެ މެނިފެސްޓޯގައި ބުންޏެވެ.