Roadha Mihaaru
ޕެނަލްޓީގެ އެހީގައި ރެއާލް ކުރިއަށް

ފަހު ވަގުތު ލިބުނު ޕެނަލްޓީގެ އެހީގައި ރެއާލް ކުރިއަށް ޖެހިލައިފި

31 ޑިސެމްބަރ 2022

ވަލަޑޮލިޑް (ޑިސެމްބަރު 31) - މެޗުގެ ފަހު ހަތް މިނިޓުގެ ތެރޭ ކަރީމް ބެންޒެމާ ޖެހި ދެ ގޯލާ އެކު ރެއާލް މެޑްރިޑުން 2-0 އިން ރެއާލް ވަލަޑޮލިޑް ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ވަލަޑޮލިޑް (ޑިސެމްބަރު 31) - މެޗުގެ ފަހު ހަތް މިނިޓުގެ ތެރޭ ކަރީމް ބެންޒެމާ ޖެހި ދެ ގޯލާ އެކު ރެއާލް މެޑްރިޑުން 2-0 އިން ރެއާލް ވަލަޑޮލިޑް ބަލިކޮށްފި އެވެ.

ރެއާލުން ޖެހި ދެ ގޯލު ވެސް ޖެހީ، މެޗުގެ 82 ވަނަ މިނިޓުގައި ވަލަޑޮލިޑްގެ ފޯވާޑް ސާޖިއޯ ލިއޯނަށް ރަތް ކާޑު ދެއްކި ފަހުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ކޯނަރެއްގައި އެންޓޮނީ ރުޑިގާ ބޮލުން ފޮނުވާލި ހަމަލާއެއް ވަލަޑޮލިޑްގެ ޑިފެންޑަރެއް އަތުގައި ޖެހުނު ކަމަށް އެޕީލް ކުރުމުން ހިނގާދިޔަ ދެބަސްވުންތަކާ ގުޅިގެންނެވެ.

ރެފްރީ ވަނީ ވީއޭއާރު ބެލުމަށް ފަހު އެއީ ޕެނަލްޓީއެއް ކަމަށް ނިންމައި، ލިއޯން އަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

ބެންޒެމާ ރެއާލްގެ ދެވަނަ ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ބެންޒެމާ ރެއާލްގެ ދެވަނަ ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ 83 ވަނަ މިނިޓުގައި ކެޕްޓަން ބެންޒެމާ ފޮނުވާލި ޕެނަލްޓީ ކާމިޔާބު ކޮށް، ރެއާލަށް ލީޑު ހޯދައިދިނެވެ. އަދި ދެ ވަނަ ލަނޑު 89 ވަނަ މިނިޓުގައި ބެންޒެމާ ޖެހީ އެޑުއާޑޯ ކަމަވިންގާ ދިން ޕާހަކުންނެވެ.

އަނިޔާގެ ސަބަބުން ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ގެއްލުނު ބެންޒެމާ ވަނީ ރެއާލާ އެކު ރޭގެ މެޗުގެ 90 މިނިޓު ކުޅެފަ އެވެ. ވޯލްޑް ކަޕް ފައިނަލް ގައި ކުޅުނު ފްރާންސްގެ ކަމަވިންގާ އާއި އޮރޭލިއެން ޗުއަމެނީ ކުޅެން ނުކުތީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފުގައި، ކްރޮއޭޝިއާ އަށް ވޯލްޑް ކަޕްގެ ތިން ވަނަ ހޯދައިިން ކެޕްޓަން ލޫކާ މޮޑްރިޗް ވެސް ކުޅެން އެރި އެވެ.

މި ނަތީޖާއާ އެކު ރެއާލް ވަނީ ބާސެލޯނާ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ވަގުތީ ގޮތުން ލީގު ތާވަލްގެ އެއް ވަނައަށް ޖެހިލައިފަ އެވެ. ރެއާލް ވަނީ މިހާތަނަށް ކުޅުނު 15 މެޗުން 38 ޕޮއިންޓް ހޯދައިފަ އެވެ. ބާސެލޯނާ މިހާތަނަށް ކުޅުނު 14 މެޗުން ހޯދި 37 ޕޮއިންޓާ އެކު މިވަގުތު އޮތީ ޓޭބަލްގެ ދެވަނައިގަ އެވެ.

ބާސެލޯނާ މި އަހަރު ކުޅޭ ފަހު މެޗުގައި މިއަދު ހަވީރު 6 ޖަހާއިރު އަމިއްލަ ދަނޑުގައި އެޓީމުގެ އަވަށްޓެރި އެސްޕަނިޔޯލާ ދެކޮޅަށް ކުޅޭނެ އެވެ.