Roadha Mihaaru
ފަހުވަގުތު ބެންޒެމާ ޖެހި ލަނޑުތަކުން ރެއާލް މޮޅުވެއްޖެ

ފަހު ވަގުތު ބެންޒެމާ ޖެހި ލަނޑުތަކުން ރެއާލް މެޑްރިޑުން އެސްޕަންޔޯލް ބަލިކޮށްފި

29 އޯގަސްޓް 2022

ކެޓަލޫނިއާ (އޮގަސްޓް 29) - އެސްޕަންޔޯލާ ދެކޮޅަށް ރަށުން ބޭރުގައި އެއްވަރުވާން ދަނިކޮށް ފަހު ވަގުތު ކެޕްޓަން ކަރީމް ބެންޒެމާ ޖަހައިދިން ދެ ގޯލާ އެކު ރެއާލް މެޑްރިޑް 3-1 އިން މޮޅުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކެޓަލޫނިއާ (އޮގަސްޓް 29) - އެސްޕަންޔޯލާ ދެކޮޅަށް ރަށުން ބޭރުގައި އެއްވަރުވާން ދަނިކޮށް ފަހު ވަގުތު ކެޕްޓަން ކަރީމް ބެންޒެމާ ޖަހައިދިން ދެ ގޯލާ އެކު ރެއާލް މެޑްރިޑް 3-1 އިން މޮޅުވެއްޖެ އެވެ.

މިއީ ބެންޒެމާ އާއި ކޯޗު ކާލޯ އަންޗެލޮޓީ، ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދުމަށް ފަހު ރެއާލް މެޑްރިޑުން ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ 12 ވަނަ މިނިޓުގައި އޮރޭލިއަން ޗުއަމެނީ ވަރަށް ރީތިކޮށް ހުސްކޮށްލާފައި ދިން ބޯޅައަކުން ރެއާލް އަށް ލީޑު ނަގައިދިނީ ވިނީޝަސް ޖޫނިއާ އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އެސްޕަނިޔޯލަށް ނަތީޖާ އެއްވަރު ކޮށްދިނީ މިދިޔަ ތިން ސީޒަނުގައި އަލަވޭސް އަށް ކުޅުނު ފޯވާޑް ޔޮސޭލޫ މާޓޫ އެވެ.

މީގެ ކުރިން ޕްރިމިއާ ލީގުގައި ވެސް ކުޅުނު ޔޮސޭލޫ ފުރަތަމަ ފޮނުވާލި ބޯޅަ ކީޕަރު ތިބައު ކޯޓުއާ ދިފާއު ކުރި ނަމަވެސް، ކޯޓުއާ ދިފާއު ކުރުމުން ކައިރީގައި ހުރި އެޑާ މިލިޓާއޯ ގައިގައި ޖެހިފައި ލިބުނު ބޯޅަ އޮސޭލޫ ވަނީ އެއް ފަހަރުން ގޯލަށް ފޮނުވާލައިފަ އެވެ.

ބެންޒެމާ ބޯޅައާ އެކު ކުރިއަށް ދާން އުޅުމުގެ ތެރޭން، އެސްޕަނިޔޯލް ކުޅުންތެރިން އޭނާ ވަށާލައިގެން. -- ފޮޓޯ: އޭއެފްޕީ

ބެންޒެމާ ބޯޅައާ އެކު ކުރިއަށް ދާން އުޅުމުގެ ތެރޭން، އެސްޕަނިޔޯލް ކުޅުންތެރިން އޭނާ ވަށާލައިގެން. -- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފު ފަށައިގެން ވެސް އެސްޕަންޔޯލުން ނެގި ހުރަހެއްގައި ޔޮސޭލޫ ވަނީ ރެއާލްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ނަމަވެސް ކޯޓުއާ ވަނީ މިފަހަރު ހުށިޔާރު ކަމާ އެކު ހަމަލާ ދިފާއު ކޮށްފަ އެވެ. އަދި ކައުންޓާ އެޓޭކެއްގައި އެޑުއާޑޯ ކަމަވިންގާ ތަނަވަސްކުރި ފުރުސަތެއްގައި ބެންޒެމާ ފޮނުވާލި ހަމަލާއެއް އެސްޕަންޔޯލްގެ ކީޕަރު ބެންޖަމިން ލެކޮމްޓޭ ދިފާއު ކުރި އެވެ.

މީގެ އިތުރުން ކަމަވިންގާ ފޮނުވާލި ހަމަލާއެއް ބްލޮކްވުމާ އެކު ޓޯނީ ކްރޫސް އަށް އެ ބޯޅާ ލިބުމުން އެއް ފަހަރުން ގޯލަށް ފޮނުވާލި ނަމަވެސް، އޮފްސައިޑުގައި ހުރެ ބެންޒެމާ އެ ބޯޅައަށް މަސައްކަތް ކުރުމުން ރެފްރީ އެ ގޯލު ބަލައެއް ނުގަނެ އެވެ.

ބެންޒެމާ ރެއާލް އަށް ލީޑު ހޯދައިދިން ލަނޑު މެޗުގެ 88 ވަނަ މިނިޓުގައި ޖެހީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި ރޮޑްރިގޯ ނަގައިދިން ހުރަހަކުންނެވެ. މެޗުގެ އިތުރު ވަގުތުގައި ވިނީޝަސްގެ ހަމަލާއެއް ބްލޮކް ވިއިރު، ޑޭވިޑް އަލަބާ ނަގައިދިން ހުރަހަކުން ބެންޒެމާ ބޮލުން ފޮނުވާލި ހަމަލާއެއް ކީޕަރު ލެކޮމްޓޭ ދިފާއު ކުރި އެވެ.

އިތުރު ވަގުތުގެ ތިން ވަނަ މިނިޓުގައި އެސްޕަންޔޯލްގެ ޑިފެންސުން ހެދި ގޯހެއްގެ ފައިދާ ނަގައި ރޮޑްރީގޯ ލަނޑެއް ޖެހި ނަމަވެސް، ކީޕަރު ލެކޮމްޓޭ ރެއާލްގެ ޑެނިއެލް ސެބާޔޯސް އަށް ޑީ އޭރިއާ ތެރެއިން ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ވީއޭއާރު ބެލުމަށް ފަހު ކީޕަރަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

އެސްޕަންޔޯލްގެ ކީޕަރަށް ރަތް ކާޑު ދެއްކުމުން ފަހު ވަގުތު ގޯލަށް އެރީ ޑިފެންޑަރަކަށް ކުޅެމުން އަންނަ އެޓީމުގެ ކެޕްޓަން ލިއަންޑްރޯ ކަބްރޭރާ އެވެ. ބެންޒެމާ މެޗުގައި ދެ ވަނަ ލަނޑު ޖެހީ ކީޕަރަށް ރަތް ކާޑު ދައްކާފައި ޑީ އޭރިއާ މެދުން އެޓީމަށް ދިން ހިލޭޖެހުން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.

ރެއާލް މެޑްރިޑް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. ރެއާލްގެ އިތުރުން މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފައިވާ ލަ ލީގާގެ ހަމައެކަނި ޓީމަކީ ރެއާލް ބެޓިސް އެވެ. އެސްޕަންޔޯލުން ލީގުގެ ފުރަތަމަ މެޗުން ޕޮއިންޓެއް ހޯދި ނަމަވެސް، ރޭގެ މެޗާ އެކު، އެޓީމު ފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ.