Roadha Mihaaru
އުއްޗުގެ ކާމިޔާބީގެ ވާހަކަތައް މެލޭޝިއާއަށް!

އުއްޗުގެ ވިޔަފާރީގެ ކާމިޔާބީތައް މެލޭޝިއާގެ ޔުނިވާސިޓީއެއްގެ ކޭސް ސްޓަޑީއަކަށް

29 ޑިސެމްބަރ 2022

ދިވެހި ޓޫރިޒަމް ދާއިރާގައި އެންމެ ބޮޑު ކުރިއެރުމެއް ހޯއްދެވި އެއް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކާމިޔާބީތަކުގެ މައްޗަށް މެލޭޝިއާގެ ޔުނިވާސިޓީއެއްގެ ޕްރޮފެސަރަކު ލިޔުއްވި ފޮތެއް އެ ޔުނިވާސިޓީގެ ދަރިވަރުން ކޭސް ސްޓަޑީއެއްެ ގޮތުގައި ބޭނުންކުރަން ފަށައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ދިވެހި ޓޫރިޒަމް ދާއިރާގައި އެންމެ ބޮޑު ކުރިއެރުމެއް ހޯއްދެވި އެއް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކާމިޔާބީތަކުގެ މައްޗަށް މެލޭޝިއާގެ ޔުނިވާސިޓީއެއްގެ ޕްރޮފެސަރަކު ލިޔުއްވި ފޮތެއް އެ ޔުނިވާސިޓީގެ ދަރިވަރުން ކޭސް ސްޓަޑީއެއްެ ގޮތުގައި ބޭނުންކުރަން ފަށައިފި އެވެ.

މީގެ ދުވަސްތަކެއް ކުރިން އެ ފޮތް ލިޔުއްވީ މެލޭޝިއާގެ ކެލަންޓަން ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މުހައްމަދު ރަފީ ޔަގޫބެވެ. އުއްޗުގެ އުފަން ދުވަސް ފާހަގަކުރަން މިދިޔަ ހޯމަ ދުވަހުގެ ރޭ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ބޭއްވި ހަފުލާގައި އޭނާ ވަނީ އުއްޗުއާ އެ ފޮތް ރަސްމީކޮށް ހަވާލު ކުރައްވައިފަ އެވެ.

ކެލަންޓަން ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެންޓްރެޕްރެނިއާޝިޕް އެންޑް ބިޒްނަސްގެ ޑީންގެ މަގާމު ވެސް ފުރުއްވާ ވައިސް ޗާންސެލަރު ރަފީ ޔަގޫބު "މިހާރު" އަށް ވިދާޅުވީ، އެ ޔުނިވާސިޓީގެ ގްރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓް ދަރިވަރުން ކޭސް ސްޓަޑީއެއްގެ ގޮތުގައި އުއްޗުގެ ވިޔަފާރީގެ ކާމިޔާބީތަކާއި ގެންގުޅުއްވި އުސޫލުތައް މިހާރު ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި އެ ޔުނިވާސިޓީގައި ކިޔަވާ ޗައިނާގެ ދަރިވަރުން ވެސް އުއްޗުގެ ފޮތް ކޭސް ސްޓަޑީއެއްގެ ގޮތުގައި ބޭނުންކުރާ ކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ.

"ދަ ސެރަންގް-ކްލެޑް އެންޓްރެޕްރެނިއާ ފްރޮމް މޯލްޑިވްސް: މުހައްމަދު މޫސާ" ގެ ނަން ދީފައިވާ ފޮތުގައި ވަނީ އުއްޗުގެ އުމުރުން ވަރަށް ކުޑައިރުން ފެށިގެން މާލޭގެ ބާޒާރުމަތީގައި ދޮންކޭލާއި ބިލެތް ފަދަ އެއްޗެހި ވިއްކަވަން ފެެއްޓެވި ގޮތާއި އެ ހިސާބުން ފެށިގެން ވިޔަފާރީގެ ދާއިރާގައި ކުރިއެރުން ހޯއްދަވަމުން އައި ގޮތަށް ބަލާލައިފައި ވެ އެވެ. ރާއްޖޭގެ އެންމެ މުއްސަނދި އެއް ބޭފުޅާގެ ލަގަބު މިހާރު އުއްޗުގެ އަތުގައި އޮތް އިރު އޭނާ ގެންގުޅުއްވާ އާދައިގެ ދިރިއުޅުއްވުމުގެ ވާހަކަތައް ވެސް ރަފީ ޔަގޫބުގެ ފޮތުގައި ތަފުސީލުކޮށް ލިޔުއްވާފައި ވެ އެވެ. އެ ފޮތުގައިވާ ގޮތުން ނަމަ އުމުރުން އެންމެ 7 އަހަރުން ފެށިގެން އުއްޗު ވަނީ ބާޒާރުމަތީގައި ވިޔަފާރި ފައްޓަވައިފަ އެވެ.

އެ ދަރިވަރުންނަށް ވެސް އާދަޔާ ހިލާފު ނަމޫނާ ބޭފުޅެއްގެ ގޮތުގައި އުއްޗު ނެގުނީ. އެހެންވެ، ކޭސް ސްޓަޑީއަކަށް އުއްޗުގެ ކާމިޔާބީގެ ސިއްރުތައް ދެނެގަނެ ކުރިއަށް ދާން އަޅުގަނޑަށް ފެނުނީ ވަރަށް ޝައުގުވެރި ކުދިންތަކެއް،" --- މެލޭޝިއާގެ ޕްރޮފެސަރު

އެ ފޮތް ލިޔުއްވުމަށްޓަކައި ރަފީ ޔަގޫބު ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން އުއްޗުއާ އިންޓަވިއު ކުރައްވައިފަ އެވެ.

"އަޅުގަނޑަށް އުއްޗު ފާހަވީ ވަރަށް ވަރުގަދަ ޝަހުސިއްޔަތެއްގެ ގޮތުގައި. ޓޫރިޒަމް ދާއިރާގައި އެހާ ކާމިޔާބު ބޭފުޅަކު މުންޑު އަނދެގެން އެހާ އާދައިގެ ގޮތަކަށް އުޅުއްވާ މަންޒަރު ފެނުނީމާ އަޅުގަނޑަށް ވީ ހައިރާން ކަމަކަށް. އިންޓަވިއު އަށް އައިސް އުޅުނު އިރު ވެސް އަޅުގަނޑަށް ފެނުނީ ކެއުމާއި އެހެނިހެން ކަންކަމުގައި ވެސް ހަމަ އެ ގޮތަށް. އެހާ މުއްސަނދި އިރު ވެސް އަމިއްލަ ދިރިއުޅުއްވުމުގައި މާ ކަންތައް ބޮޑު ކޮށްލައިގެން ނޫޅުއްވާ ކަން ފާހަގަކުރެވުނު،" ރަފީ ޔަގޫބު "މިހާރު އަށް ވިދާލުވި އެވެ.

ފޮތް ލިޔުއްވަމުން ގެންދެވިއިރު އޭނާ އަށް ދެން އެންމެ ބޮޑަށް ފާހަގަވީ އުއްޗު އޭނާގެ އާއިލާގެ ބޭފުޅުންގެ ކަންކަމަށް ދެއްވާ އިސް ކަމެވެ. ރަފީ ޔަގޫބު ވިދާޅުވިގޮތުގައި އުއްޗުއަކީ "ވަރަށް އާއިލީ" ބޭފުޅެކެވެ.

"އާއިލާގެ ބޭފުޅުންގެ ބޭނުންތަކަށް ވަރަށް ބޮޑަށް އިސްކަން ދެއްވާކަން އަޅުގަނޑު ހޯދި ހޯދުންތަކުން ފާހަވި. އާއިލާގެ ބޭފުޅަކު ކަމެއް ޖެހިއްޖެ ނަމަ އެ ކަމެއް ދޫނުކުރައްވައި ކޮށްދެއްވާ ކަން ވެސް އެނގުނު،" އޭނާ ވިދާޅުވި އެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ދަށުން 10 ވަރަކަށް ރިސޯޓުގެ އިތުރުން ބޭންކިން އާއި ހޮސްޕިޓަލާއި އޭވިއޭޝަނާއި ޕްރައިވެޓް ލީސިން އާއި ކޮންސްޓްރަކްޝަން ދާއިރާގެ މަސައްތައް ހިންގަ އެވެ.

މުހައްމަދު ރަފީ ޔަގޫބު ތައްޔާރު ކުރެއްވި ފޮތް އުއްޗުގެ ބޭފުޅެއް ކަމަށްވާ ފާތިމަތު މުހައްމަދާ މިދިޔަ ހޯމަ ދުވަހުގެ ރޭ ހަވާލު ކުރައްވަނީ.---ފޮޓޯ: އެލީޒް

މުހައްމަދު ރަފީ ޔަގޫބު ތައްޔާރު ކުރެއްވި ފޮތް އުއްޗުގެ ބޭފުޅެއް ކަމަށްވާ ފާތިމަތު މުހައްމަދާ މިދިޔަ ހޯމަ ދުވަހުގެ ރޭ ހަވާލު ކުރައްވަނީ.---ފޮޓޯ: އެލީޒް

"އުއްޗުއަކީ އެންމެ ކުޑައިރުއްސުރެ ފެށިގެން ވިޔަފާރި އަށް ގާތްގަނޑަކަށް 24 ގަޑިއިރު ދެއްވާ ބޭފުޅެއް. ބާޒާރުމަތީގައި ވިޔަފާރި ކުރެއްވިއިރު ވެސް އޭނާ ވިދާޅުވި ގޮތުން ނަމަ ފަތިހު ފަހެއް ޖަހާއިރު ފިހާރަ ހުޅުއްވާ. ފިހާރަ ލައްޕަވަނީ ދަންވަރު. އަނެއްކާ ފަތިހު ނުކުންނަވާ. އެހާ ހީވާގި،" ރަފީ ޔަގޫބު ވިދާޅުވި އެވެ.

"މިހާރު ވެސް އެ ގޮތް. އެހާ ފަތިހު ހޭލައްވައިގެން އުޅުއްވަނީ ވިޔަފާރީގައި ކުރިއެރުން ހޯދޭނެ ގޮތެއް ބައްލަވަން. ސައުވީސް ގަޑިއިރު އެ ހޭދަކުރައްވަނީ އެ ކަމުގައި. ވިޔަފާރި އަށް އެހާ ވަގުތު ދެއްވާ ބޭފުޅަކު މަދުވާނެ."

ރަފީ ޔަގޫބު ވިދާޅުވީ، އުއްޗުގެ ކާމިޔާބީގެ ވާހަކަތައް ކޭސް ސްޓަޑީއެއްގެ ގޮތުގައި ކެލަންޓަން ޔުނިވާސިޓީގެ ދަރިވަރުން ބޭނުންކުރަނީ ވަރަށް ބޮޑު ޝައުގަކާއެކު ކަމަށެވެ.

"އެ ދަރިވަރުންނަށް ވެސް އާދަޔާ ހިލާފު ނަމޫނާ ބޭފުޅެއްގެ ގޮތުގައި އުއްޗު ނެގުނީ. އެހެންވެ، ކޭސް ސްޓަޑީއަކަށް އުއްޗުގެ ކާމިޔާބީގެ ސިއްރުތައް ދެނެގަނެ ކުރިއަށް ދާން އަޅުގަނޑަށް ފެނުނީ ވަރަށް ޝައުގުވެރި ކުދިންތަކެއް،" އޭނާ ވިދާޅުވި އެވެ.