Roadha Mihaaru
ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓު ހާމައެއް ނުކުރާނެ

ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓް އާއިލާއަކަށް ނުދިން، މީޑިއާ އަށް ވެސް ހާމައެއް ނުކުރާނެ

22 ޑިސެމްބަރ 2022

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯޑެއްދޫ މީހެއް ކަމަށްވާ އަބްދުﷲ ރަޝީދު (މާޓީ)ގެ ޕޯސްޓްމޯޓަމް ރިޕޯޓުގެ ވަގުތީ ނަތީޖާ ވެސް އާއިލާ އަށް ހަމަ ނުކުރާ ކަމަށް، އޭނާގެ މަރުގެ ތަހުގީގު ހިންގާ ނެޝެނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އިން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ. ހޯޑެއްދޫ މީހެއް ކަމަށްވާ އަބްދުﷲ ރަޝީދު (މާޓީ)ގެ ޕޯސްޓްމޯޓަމް ރިޕޯޓުގެ ވަގުތީ ނަތީޖާ ވެސް އާއިލާ އަށް ހަމަ ނުކުރާ ކަމަށް، އޭނާގެ މަރުގެ ތަހުގީގު ހިންގާ ނެޝެނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އިން ބުނެފި އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ހޯޑެއްދޫގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި އަބްދުﷲ ރަޝީދު މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ބުނެ، އެ މައްސަލާގައި ފުލުހުންނަށް ވަނީ ގިނަ ފާޑުކިޔުންތަކެއް ވެސް ކުރިމަތިވެފަ އެވެ.

އޭނާ މަރުވީ މެޔަށް ތަދެއް އެރުމުން އޭނާ އަށް ފަރުވާ ދިނުމަށް ފުލުހުން އިންކާރު ކުރުމުން ކަމަށް އާއިލާ އިން ތުހުމަތު ކުރެ އެވެ. ރަޝީދުގެ ޕޯސްޓްމޯޓަމް ހަދާފައި ވަނީ އާއިލާގެ ވެސް ނުގަބޫލުގަ އެވެ.

ރަޝީދުގެ މަންމަ، މަރިޔަމް އަހުމަދު މިއަދު ބުނީ ރަޝީދުގެ ޕޯސްޓްމޯޓަމްގެެ ވަގުތީ ރިޕޯޓު ލިބުމުން އާއިލާއާ ހިއްސާ ކުރާނެ ކަމަށް ފުލުހުން ކުރިން ބުނެފައިވާ ކަމަށެވެ. އެކަމަކު އެތައް ފަހަރަކު ފުލުހުގައި އެދިގެން ވެސް އާއިލާ އަށް ވަގުތީ ރިޕޯޓު ދީފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ކައިރީގައި އެންމެ ފުރަތަމަ ބުނީ ޕޯސްޓްމޯޓަމް ރިޕޯޓު ލިބޭތާ ދެތިން ދުވަސް ތެރޭގައި ވަގުތީ ރިޕޯޓު ދޭނަމޭ، އެ ލިބުނީމަ ދޭނަމޭ. ވަގުތީ ރިޕޯޓާ ދާއިމީ ރިޕޯޓާ މާ ބޮޑު ތަފާތެއް ނުހުންނާނެއޭ، ހަމަ އެކައްޗެކޭ އޮންނާނީ،" އޭނާ ބުންޏެވެ.

"އެ ރިޕޯޓު ލިބުނު ވާހަކަ [އެންއައިސީ] އިން ބުނީމަ ވަރަށް ހޯދަން އުޅެގެން ވެސް ނުދިން. މިހާރު ބުނަނީ ދާއިމީ ރިޕޯޓު ލިބުނީމަ މީޑިއާ އަށް ހާމަ ކުރާނަމޭ."

އެންއައިސީގެ މީޑިއާ އޮފިޝަލް ރިފްއަތު އަބްދުﷲ "މިހާރު" އަށް ވިދާޅުވީ ރަޝީދުގެ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓު އާއިލާ އަށް ހަމާ ނުކުރަނީ މި މައްސަލައިގެ ގޮތުން ކަމަށެވެ.

"އާއިލާއިން އުޅުން ވަގުތީ ރިޕޯޓު ހޯދަން، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އެއްވެސް މައުލޫމާތެއް އާއިލާއާ ވެސް ހިއްސާ ނުކުރަން ކޮމިޝަނުން ނިންމާފައި ވަނީ. އެހެންވެ އަދި ހިއްސާ ނުކޮށް އޮތީ. އަދި އޮތީ ފައިނަލް ރިޕޯޓު ލިބުނަސް މީޑިއާއާ ވެސް ހިއްސާ ކުރާގޮތަކަށް ނޫން،" ރިފްއަތު ވިދާޅުވި އެވެ.

ރަޝީދުގެ ހަށިގަނޑު މާލެ ގެނެސް އާއިލާއާ ހަވާލުކޮށްފައި ވަނީ އޮގަސްޓް 26ގަ އެވެ. އޭނާ ވަޅުލާފައި ވަނީ ޖެހިގެން އައި ދުވަހު އެވެ.

ހޯޑެއްދޫގައި ހިންގި އެ އޮޕަރޭޝަނުގައި ރަޝީދާ އެކު ތިން މީހަކު ފުލުހުން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ރަޝީދު މަރުވި އިރު، ބާކީ ތިބި ދެ މީހުންގެ ބަންދު މުއްދަތު މިހާރު ވަނީ ދެވަނަ ފަހަރަށް އިތުރުކޮށްފަ އެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި، ވިޔަފާރިކުރާ ކަމަށް ޕޮލިހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި ހޯޑެއްދޫގެ އިތުރުން އެ ރަށް ކައިރު ފަޅު ރައްތައް ވެސް ބަލައިފާސްކުރި އެވެ.

އަދި އެ ރަށްރަށު ވަލު ތެރޭގައި ވަޅުލާފައި ހުއްޓާ، 82 ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދައިފަ އެވެ.