މިދިޔަ އަހަރު މާލެއިން އަތުލައިގަތް 119 ކިލޯގެ ޑްރަގުގެ މައްސަލައިގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި ތިން މީހުން، މައްސަލަ ބަލާ ސެކްޝަންގައި ދާއިމީ ފަނޑިޔާރަކު ނެތި މައްސަލަ ލަސްވާ ކަމަށް ބުނެ އެތަނުން އެކަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
29 ނޮވެމްބަރ 2022
މިދިޔަ އަހަރު މާލެއިން އަތުލައިގަތް 119 ކިލޯގެ ޑްރަގުގެ މައްސަލައިގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި ތިން މީހުން، މައްސަލަ ބަލާ ސެކްޝަންގައި ދާއިމީ ފަނޑިޔާރަކު ނެތި މައްސަލަ ލަސްވާ ކަމަށް ބުނެ އެތަނުން އެކަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
މިދިޔަ އަހަރު ޑިސެމްބަރު 12 ގައި މާލޭގެ މަގުމަތިން ޓެކްސީއެއް ހުއްޓުވައި، ޓެކްސީންނާއި އިތުރު ކާރަކާއި ސައިކަލެއްގައި ފޮރުވާފައި ހުއްޓާ އަތުލައިގަތް 119 ކިލޯގެ ޑްރަގުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ގދ. ހޯނޑެއްދޫ ތިން މީހުން ކަމަށްވާ އަލީ ޒުބައިރާއި އަހުމަދު ސުނައިނާއި އަހުމަދު މުޖާހިދުގެ މައްޗަށެވެ.
މި މީހުންގެ ތެރެއިން ދޫކޮށްލީ މުޖާހިދެވެ.
މި ޚަބަރު ފުރަތަމަ ޝާއިއުކުރި އިރު ތިން މީހުން ވެސް ދޫކޮށްލި ކަމަށް ލިޔެވިފައިވަނީ ކޯޓުން އެގޮތަށް މައުލޫމާތު ދިނުމުންނެވެ. ކޯޓުން ފަހުން، އެ މައުލޫމާތު ގޯސް ކަމަށް ވަނީ ބުނެފަ އެވެ.
އެ ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނިންމީ މިދިޔަ މާޗް މަހު 9 ގަ އެވެ.
ކްރިމިނަލް ކޯޓުގެ ތަރުޖަމާނު މުހައްމަދު އަމާން "މިހާރު" އަށް ވިދާޅުވީ މުޖާހިދު ދޫކޮށްލީ މައްސަލަ ބަލާ ސެކްޝަނުގައި ދާއިމީ ފަނޑިޔާރެއް ނެތުމުން މައްސަލައިގެ އަޑުއެހުންތައް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދެވިދާނެ ކަމަަށް ނުފެންނާތީ ކަމަށެވެ. އޭނާ ބަންދުން ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާ އެކު އެވެ. އެއީ؛
● ކޯޓުން އަންގާ ގޮތެއްގެ މަތިން ކޯޓަށް ހާޒިރުވުން
● ދިރިއުޅުމުގެ އަސާސީ ކަންކަން ފުއްދުމަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުދިއުން
● ދައުލަތުގެ ހެކިންނާ މުއާސަލާތު އަދި މުއާމަލާތް ނުކުރުން
● ހެއްކަށް ނުފޫޒު ނުފޯރުވުން
އޭރު އެ މައްސަލަ ބަލަމުން ދިޔައީ ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ. އޭނާ އޯގަސްޓް 9 ގައި ވަނީ ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކޮށްފަ އެވެ.
ރާއްޖެއަށް 119 ކިލޯގެ ޑްރަގު އެތެރެކުރި މައްސަލާގައި ފަސް މީހަކު ހައްޔަރުކުރި އެވެ. އަދި މި މީހުންނާ، ރާއްޖެއަށް ޑްރަގް އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ޚާލިދު ވެސް ގުޅުން އޮންނަ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ފަހުން އޭނާ ރާއްޖެއިން ބޭރުގައި އުޅެނިކޮށް މިހާރު ވަނީ ރާއްޖެއަށް ގެނެސްފަ އެވެ.
މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރުމުގެ އެހެން މައްސަލައެއްގައި 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމުގެ ކުރިން އަރުޝަދާއި އެހެން ބައެއްގެ މައްޗަށް ދައުވާކުރި އެވެ. އެ ދައުވާތައް ކްރިމިނަލް ކޯޓުން ސާބިތު ނުވުމުން މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
ޒުބައިރާއި ސުނައިނަކީ ނުވަ ކިލޯގެ މަސްތުވާތަކެތީގެ އެ މައްސަލާގައި ވެސް ދައުވާ ލިބުނު ދެ މީހުންނެވެ.
ފުވައްމުލަކު ޑްރަގް ކޭސް: ދެ މީހުން އަލުން ހައްޔަރު
ވައިގެ މަގުން ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި
ފެޑެކްސް އިން ޑްރަގު ގެނައި މީހަކު އުމުރަށް ޖަލަށް
ޑްރަގާއެކު ހައްޔަރުކުރުމުން ބުނީ ބައްޕަގެ އެއްޗެއްކަމަށް
ޑްރަގު އެތެރެކުރި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފި
ރަހީނުކޮށްގެން ގެންގުޅުނު ފްލެޓްގައި އަނެއްކާ ރެއިޑެއް!
ހެއްކެއް ހާޒިރުނުކޮށް އޮތުމުން ބޮޑު ހުކުމެއް ބާތިލް
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު
ކެފޭ އުސޫލުން ޑްރަގުގެ ވިޔަފާރިކުރި ދެ މީހަކު ހައްޔަރު
އެއާޕޯޓް ޑްރަގް މައްސަލައިގެ އިސް މީހަކު ދޫކޮށްލައިފި