Roadha Mihaaru
ހައްޔަރުކުރި ދެ މީހުންގެ ބަންދަށް އިތުރު 10 ދުވަސް

ހޯނޑެއްދޫން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި

01 ނޮވެމްބަރ 2022

މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތަށް ގދ. ހޯޑެއްދޫން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތަށް ގދ. ހޯޑެއްދޫން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި އެވެ.

ޑްރަގު އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހޯނޑެއްދޫން މިދިޔަ އަނގާރަ ދުވަހު ތިން މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން އެކަކު ހައްޔަރުކުރަން ގެންދިޔަ މަގުމަތީގައި ނިޔާވުމުގައި ޕޮލިހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ނެޝެނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ތަހުގީގު ވަނީ ފަށައިފަ އެވެ.

އެކަމާ ގުޅިގެން އޭނާގެ ޕޯސްޓްމޯޓަމެއް ހަދަން އެންއައިސީން ނިންމީ އެވެ. ރަޝީދުގެ ޕޯސްޓް މޯޓަމް އިއްޔެ ރޭ ފަތިހު އިންޑިއާ އަށް ފޮނުވާލީ ޕޯސްޓް މޯޓަމް ހެދުން ހުއްޓުވައި ހަށިގަނޑު ހޯދަން އާއިލާ އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެފަދަ އަމުރެއް ދެވެން ނެތް ކަމަށް ހުކުމްކުރި ފަހުންނެވެ.

ޕޮލިހުންގެ މީޑިއާ އޮފިޝަލު "މިހާރު" އަށް ވިދާޅުވީ ހައްޔަރުގައި ތިބި ދެ މީހުންގެ ބަންދަށް ފުރަތަމަ ހަތް ދުވަސް ޖެހި ކަމަށެވެ. އެ މުއްދަތު އިއްޔެ ހަމަވެ، ބަދާމެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓު ކޯޓަށް ގެންދިއުމުން އިތުރު 10 ދުވަސް ޖަހާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެއީ މިހާރު ވެސް ކުރިއަށްދާ އޮޕަރޭޝަނަކަށް ވުމުން ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ވިއްކައި، ވިޔަފާރިކުރާ ކަމަށް ޕޮލިހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ކުރިއަށް ގެންދާ އެ އޮޕަރޭޝަނުގައި ދަނީ ހޯނޑެއްދޫގެ އެކި ތަންތަން ބަލައިފާސްކުރަމުންނެވެ.

އަދި އެ ރަށު ވަލު ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ފުލުހުން ވަނީ ހޯދައިފަ އެވެ.

އެތަނުން ފެނިފައި ވަނީ ކިހާ އަދަދެއްގެ މަސްތުވާ ތަކެއްޗެއްކަން ފުލުހުން ހާމަނުކުރިޔަސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި މިހާތަނަށް 15 ވަރަކަށް ކިލޯގެ މަސްތުވާތަކެތި އެ ރަށުން ފެނިފައިވެ އެވެ.

ނަމަވެސް މިއީ މިހާރު ވެސް ކުރިއަށްދާ އޮޕަރޭޝަނަކަށް ވުމުން ހައްޔަރު ކުރި މީހުންނާއި ފެނުނު މަސްތުވާ ތަކެއްޗާ ގުޅުމެއް އޮތްކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.