Roadha Mihaaru
ޖޮއިންޓް އިންވެސްޓިގޭޝަން ހިންގަނީ ކީއްވެތޯ ބަލަނީ

ރަޝީދު މަރުވި މައްސަލާގައި ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގަނީ ކީއްވެތޯ ބަލަނީ

01 ނޮވެމްބަރ 2022

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގަނީ ކީއްވެތޯ ބެލުމަށް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގަނީ ކީއްވެތޯ ބެލުމަށް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ގދ. ހޯނޑެއްދޫ، ސްވެން، އަބްދުﷲ ރަޝީދު ހައްޔަރުކުރަން ގެންދިޔަ މަގުމަތީގައި، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އޭނާގެ މެޔަށް ތަދެއް އަރައިގެން އުޅުމަށް ފަހު މަރުވި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ނެޝެނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ތަހުގީގު ވަނީ ފަށައިފަ އެވެ.

އެކަމާ ގުޅިގެން އޭނާގެ ޕޯސްޓްމޯޓަމެއް ހަދަން އެންއައިސީން ނިންމީ އެވެ. ރަޝީދުގެ ޕޯސްޓް މޯޓަމް އިއްޔެ ރޭ ފަތިހު އިންޑިއާ އަށް ފޮނުވާލީ ޕޯސްޓް މޯޓަމް ހެދުން ހުއްޓުވައި ހަށިގަނޑު ހޯދަން އާއިލާ އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެފަދަ އަމުރެއް ދެވެން ނެތް ކަމަށް ހުކުމްކުރި ފަހުންނެވެ.

އިއްޔެ ބޭއްވި އެ މަޖިލިސް ކޮމިޓީގެ ބައްދަލުވުމުގައި ގަމު ދާއިރާ މެމްބަރު މުހައްމަދު ވިސާމް ވަނީ ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު ކޮމިޓީ އަށް ހިއްސާ ކުރުމަށް އެދިވަޑައިގެންފަ އެވެ.

"ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ރަޝީދުގެ މައްސަލަ މިހާރު ބަލަމުން މި ދަނީ އެންއައިސީއިން. އެންއައިސީން ބުނެފަ އެބައޮތް ފުލުހުންނާ ގުޅިގެން ކަމަށް ތަހުގީގު ކުރިއަށް ގެންދަނީ. އެންއައިސީއަކީ ކޮމެޓީގެ ބެލުމުގެ ދަށުގައި އޮތް ކަމަކަށް ވާނީ ކޮމެޓީ އަށް މައުލޫމާތު ހިއްސާ ކުރުމަށް އެދެން."

ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވީ ރަޝީދުގެ މަރަކީ ފުލުހުންގެ އިހުމާލުން ވި ކަމެއް ކަމަށް ތުހުމަތު ކުރާއިރު އެކަން ތަހުގީގު ކުރަނީ ފުލުހުން ކަމަށް ވުމުން ޝައްކު އުފެދޭ ކަމަށެވެ.

ނަމަވެސް އެ މައްސަލައިގެ ތެރަށް ކޮމިޓީން ވަނުން އަދި އަވަސް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަށް ތާއީދު ކުރައްވާފައި ވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) އެވެ.

ހަސަން ވިދާޅުވީ މިހާތަނަށް އެއްވެސް ރައްޔިތަކު ރަޝީދު މަރުގެ ތަހުގީގު ހިންގާ ގޮތާ ގުޅޭގޮތުން އެއްވެސް މައްސަލަ ހުށަހަޅާފައި ނުވާ ކަމަށެވެ.

މެމްބަރުންގެ ވާހަކައަށް ފަހު ކޮމިޓީ މެމްބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ ޖޮއިންޓް އިންވެސްޓިގޭޝަނެއް ހެދުމަށް ނިންމީ ކީއްވެތޯ އާއި ތަހުގީގު ނިމޭނެ ކަމަށް ލަފާ ކުރެވޭ މުއްދަތާ ގުޅޭ މައުލޫމާތު ކޮމިޓީއާ ހިއްސާ ކުރުމަށް އެންއައިސީ އަށް ސިޓީއެއް ފޮނުވުމަށެވެ.

އެންއައިސީ އަށް އެކަނި މި މައްސަލަ ތަހުގީގު ކުރެވެން އޮއްވައި ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދަން ނިންމީ ކީއްވެތޯ އެހުމުން އެ ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ހިނގަމުންދާ ތަހުގީގަކަށް ވާތީ އެ މައުލޫމާތު ދެވޭކަށް އަދި ނެތް ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ރަޝީދު މަރުވި މައްސަލަ މި ތަހުގީގު ކުރަނީ ހަގީގަތް ދެނެގަތުމަށެވެ. ތަހުގީގު އިސްކޮށް އިންސާނިއްޔަތުކަން އެއްފަރާތްކުރި ކަމުގެ ތުހުމަތަށް ފުލުހުން ޖަވާބުދާރީކުރުވުމަށެވެ. ފަރުވާގައި އިހުމާލުނުވާ ނަމަ އެކަން ކަށަވަރުކޮށްދީ ފުލުހުންގެ އިތުބާރު ދެމެހެއްޓުމަށެވެ.

ތުހުމަތު ރައްދުވާ މީހުންގެ ބައިވެރިވުމާ އެކު ހިންގާ ތަހުގީގަކުން އެކަން ވެދާނެތޯ އެއީ އުފައްދާ ސުވާލެކެވެ.