Roadha Mihaaru
އެންއައިސީގެ ރައީސް ސުލައިމާން ވަކިކުރަން ފާސްކޮށްފި

އެންއައިސީގެ ރައީސް ސުލައިމާން ވަކިކުރަން ފާސްކޮށްފި

21 ޖުލައި 2020

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް އަހުމަދު ސުލައިމާން، އެ ކޮމިޝަނުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް އަހުމަދު ސުލައިމާން، އެ ކޮމިޝަނުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސުލައިމާނާ އެކު، އެ ކޮމިޝަނުގެ ހަތަރު މެމްބަރަކު ވަކިކުރަން ކަނޑައަޅައި މަޖިލީހުގެ މިނިވަން މުއައްސަަސާތަކުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓް މަޖިލީހުން މިއަދު ފާސްކުރި އިރު، އަނެއް ތިން މެމްބަރުން ވަނީ ކުރިން އިސްތިއުފާ ދެއްވައިފަ އެވެެ. އެހެންވެ، ކޮމިޓީގެ ރިޕޯޓް ފާސްކުރީ ސުލައިމާން ވަކިކުރަން ރައީސަށް ލަފާއަރުވާ ގޮތަށެވެ.

އެންއައިސީން ސުލައިމާން ވަކިިކުރަން ރައީސަށް ލަފާއަރުވަން މިނިވަން މުއައްސަސާތަކުން އެކުލަވައިލި ރިޕޯޓް ފާސްކުރީ މިއަަދުގެ ޖަލްސާގައި ބައިވެރިވެވަަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.

އެންއައިސީ އާ ބެހޭ ގޮތުުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓުގައިވާ ގޮތުން، މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވައިލި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލު އޮތުން އެކަށީގެންވާ ކަަމަށް ގަބޫލުކުރުމާ އެކުގައި ވެސް އެ މައްސަލަ ނުބަލާ އޮތް އޮތުމަކީ އެންއައިސީން މެމްބަރުން ވަކިކުރަން ޖެހޭ އެއް ސަބަބެވެ.

ދެވަނަ ސަބަބެއް ކަމަށް ރިޕޯޓުގައި އޮތީ، މާލޭގެ ގެެއެއްގެ ތެރޭގައި ފުލުހުން އާއްމުންގެ މީހަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވުނު މައްސަލައެއް ނުބެލި ދިގުލައިގެން ދިއުމެވެ. ކޮވިޑް-19 އާ ގުޅިގެން އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، އެންއައިސީގެ ހިދުމަތް މެދު ނުކެނޑި ދެވޭނެ ގޮތުގެ ތަފްސީލު ހޯދަން ކޮމިޓީން އެދުނު ކަމަށާއި އެ މައުލޫމާތު ވެސް ނުދޭ ކަމަށް ރިޕޯޓުގައި ވެ އެވެ.

އެންއައިސީގެ ގާނޫނުގައިވާ ގޮތުން، އެ ކޮމިޝަނުން މެމްބަރަކު ވަކިވާނެ އެއް ހާލަތަކީ ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމެވުމެވެ. މިނިވަން މުއައްސަސާތަކުގެ ރިޕޯޓް މިއަދު ފާސްކުރުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވދާޅުވީ އެކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވާނެ ކަމަށެވެ.

އެންއައިސީގެ މަސްއޫލިއްޔަތުގެ ތެރޭގައި ފުލުހުންނާ ގުޅޭ މައްސަލަތައް ތަހުގީގުކޮށް، ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުން ހިމެނެ އެވެ. ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނަމުގައި 2008 ގައި އުފެއްދި އެ ކޮމިޝަން، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނަމަށް ބަދަލު ކޮށްފައިވަނީ 2016 ގަ އެވެ.