11 މާޗް 2018
ސަރުކާރުން ބޭނުންގޮތަކަށް ބޭނުން ކަމެއް، ބޭނުން ކޮންމެ އިރެއްގައި ވެސް ކުރަނީ އެވެ. އެއީ ގާނޫނެއް ބަދަލުކުރަން ވިޔަސް، ހުކުމެއް ނެރެން ވިޔަސް އަދި ހައްގުތަކެއް ހިފަހައްޓަން ވިޔަސްމެ އެވެ. އެކަމަށް ނޫނެކޭ ބުނެވޭނެ ހަމަ އެއްގޮތެއް ވެސް ނެތީ އެވެ. ސަރުކާރު ޒިންމާދާރު ކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ މުއައްސަސާތަކަށް ކޮންމެ ގޮތެއް ވެސް ވަރިހަމަ އެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ސިފަ މުޅިން ގެއްލިފަ އެވެ. މިއީ މިއަދުގެ ހާލެވެ.
ސަރުކާރުން ބޭނުންގޮތަކަށް ބޭނުން ކަމެއް، ބޭނުން ކޮންމެ އިރެއްގައި ވެސް ކުރަނީ އެވެ. އެއީ ގާނޫނެއް ބަދަލުކުރަން ވިޔަސް، ހުކުމެއް ނެރެން ވިޔަސް އަދި ހައްގުތަކެއް ހިފަހައްޓަން ވިޔަސްމެ އެވެ. އެކަމަށް ނޫނެކޭ ބުނެވޭނެ ހަމަ އެއްގޮތެއް ވެސް ނެތީ އެވެ. ސަރުކާރު ޒިންމާދާރު ކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ މުއައްސަސާތަކަށް ކޮންމެ ގޮތެއް ވެސް ވަރިހަމަ އެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ސިފަ މުޅިން ގެއްލިފަ އެވެ. މިއީ މިއަދުގެ ހާލެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު، ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބުކޮށްދޭނެ ކަމަށް ހަރުއަޑުން ގޮވަމުން ދިޔަ އަހުމަދު ޝަރީފް، އެ ހަމަޖެއްސީ އިންތިހާބުގެ ކަންކަން ބަލަހައްޓާ ކޮމިޝަންގެ ރައީސް ކަމަށެވެ. އެއްވެސް ފަރާތަކަށް ނުޖެހި މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވި ނަމަވެސް އެ ވާހަކަ، ރައީސް ޔާމީނާ ވާދަކުރައްވަން ތިއްބެވި އިދިކޮޅު ފަރާތްތަކުން އަދި ގަބޫލެއް ނުކުރެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގައި ހުންނަވައިގެން ސަރުކާރުން ބުނިހާ ގޮތެއް ހެއްދެވިކަމުގެ ތުހުމަތުން ސަލާމަތްނުވެވި އުޅުއްވަނިކޮށް އަހުމަދު ސުލައިމާނަށް ދެއްވީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް ކަމެވެ. ފުލުހުންނާއި ކަސްޓަމްސް ފަދަ ތަންތަނުގެ ނަޒާހާތްތެރިކަން ބެލެހެއްޓުމުގެ ވެރިޔާ ކަމެވެ.
ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ސަރުކާރާއި ސަރުކާރު ނިސްބަތްވާ ޕާޓީގެ އިސް ވެރިންނަށް ކުރެވޭއިރު އެކަންކަން ބަލާނެ އަދި ފިޔަވަޅެއް އަޅާނެ މުއައްސަސާއެއް ނެތެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތްތައް އެކަނި ބެލިކަމަށް ވިޔަސް އެކަން ސާފެވެ. ފާރަވެރިވާން ޖެހޭ މުއައްސަސާތައް އެ ތިބީ ސަރުކާރުން ކަންކުރާނެ ގޮތަކަށް ކަންކުރަންދެން ހިމޭނުންނެވެ.
މިނިވަން ތަންތަން ކަމަށް ގާނޫނުއަސާސީގައި ލިޔެފައިވާ މުއައްސަސާތަކުގެ އަޅުވެތިކަމުގެ ވާހަކަ އަލެއް ނޫނެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމެކޭ ކީ ނަމަވެސް އެއް ބާރުން، އަނެއް ދެ ބާރު ކޮންޓުރޯލްކުރުމުން ސަރުކާރު ޒިންމާދާރު ކުރުވުމުގެ އެއްވެސް މަސައްކަތެއް ނުކުރެވެ އެވެ.
ސަރުކާރު ޒިންމާދާރު ކުރުވާނެ މުއައްސަސާއެއް ނެތް ނަމަވެސް އެކަންކަން ބަލާ، އާންމުންގެ ސަމާލުކަމަށް ގެނެސްދޭނެ މަދު ޖަމިއްޔާތަކެއް ރާއްޖޭގައި ހަރަކާތްތެރިވެ އެވެ. ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަން އެންޑް އެޑްވޮކަސީ އައިމަން ރަޝީދު ވިދާޅުވީ މިނިވަން މުއައްސަސާތައް ސަރުކާރުން ކޮންޓުރޯލް ކުރަމުން ގެންދަނީ، ރައީސް ޔާމީން ހިންގެވި އަމިއްލަ ޕާޓީ، ޕީޕަލްސް އެލަޔަންސް (ޕީއޭ) އާއި ޕީޕީއެމްގެ އެކްޓިވިސްޓުން އެތަންތަނަށް އައްޔަންކޮށްގެން ކަމަށެވެ.
"ނުސީދާ ގޮތަކަށް ވަރަށް ހުރަސްތައް ކުރިމަތި ކުރުވާފައި މިހުންނަނީ ޕާޓީ އެކްޓިވިސްޓުން މަގާމުތަކަށް ލައިގެން. ގާނޫނު ބުނާ ގޮތަށް މުއައްސަސާތައް ހިންގާނެ ބަޔަކު ނެތް. ތިބީ ސަރުކާރު ބުނާހާ ގޮތެއް ހަދަން ތިބި ބައެއް. ނޫނީ ބިރުން ތިބި ބައެއް،" އައިމަން ވިދާޅުވި އެވެ.
ޕުރޮސިކިއުޓަ ޖެނެރަލްގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް އެ މަގާމަށް ލުމުގެ ކުރިން ރައީސް އޮފީހުގައި މަސައްކަތްކުރެއްވީ ސިޔާސީ މަގާމެއްގަ އެވެ. މީޑިއާތަކަށް ފިޔަވަޅު އަޅާ ބުރޯޑްކާސްޓިން ކޮމިޝަންގައި ތިއްބެވީ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންގެ ގާތް އެކުވެރިންނާއި ޕީޕީއެމްގެ ކަންކަމުގައި އުޅެމުން އައި އެކްޓިވިސްޓުންނެވެ.
ކުރިން ފުލުހުންގެ އިސް މަގާމެއްގައި ހުންނެވި އަދި ޕޮލިޓިކަލް ސައިންސް އިން މާސްޓާސް ހައްދަވައިގެން، މިހާރު އެމެރިކާގައި ދިރިއުޅުއްވަމުން ގެންދަވާ އަހުމަދު ފައިސަލް ވިދާޅުވީ އިހުލާސްތެރިކަމެއް ނެތް، ވަޒީފާ ނުވަތަ ބާރުވެރިކަމަށް ބޭނުންވާ ބަޔަކު މުއައްސަސާތަކަށް އައްޔަންކުރުމަކީ އެތަންތަން މިނިވަންނުވާ މައިގަނޑު އެއް ސަބަބު ކަމަށެވެ.
"ލިއެވިފައިވާ ހަމަތަކުގެ މަތިން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ބޭނުންވާ އަހުލާގީ ސަމުގާ ނެތް މީހުން އިސް މަގާމުތަކަށް ލުން. އޭގެ އިތުރުން ނިޒާމު ރާވާފައި އޮތް ގޮތުން ރައްޔިތުންނަށް ޖަވާބުދާރީވާން ނުޖެހޭ ބަޔަކަށް އެމީހުން ވުން،" މުއައްސަސާތައް މިނިވަންނުވާ ސަބަބުތައް ދައްކަވަމުން ފައިސަލް ވިދާޅުވި އެވެ.
މަގާމާއި ބާރުވެރިކަން ގެއްލިދާނެތީ ހައްގު ބަސް ބުނަން ކެރޭ މީހުން މިނިވަން މުއައްސަސާތަކުގައި ނެތްއިރު އެ މުއައްސަސާތަކުގެ ގާނޫނީ ޒިންމާ އަދާކުރަން އެހެނިހެން ހުރަސްތައް ވެސް ވަނީ ކުރިމަތި ކުރުވާފަ އެވެ. އޭގެ އެއް ކަމަކީ އެކަށީގެންވާ ބަޖެޓެއް ނުދިނުމެވެ. ސަރުކާރުން ކަނޑައަޅާ އަދަދެއް، ސަރުކާރުން ބުނިހާ ގޮތަކަށް ކަންކުރާ މަޖިލީހަކުން ފާސްކުރާ ގޮތަށް އޮތުމުން މުއައްސަސާތައް ހިންގަން އުނދަގޫތަކާ ކުރިމަތިވެ އެވެ.
"ސިޔާސީ ނުފޫޒުން ބަޖެޓު މިދެނީ ސިޔާސީ އިޖުރާތްތަކެއްގެ ތެރެއިން. ހަމައެކަނި މުސާރަ ދެވޭވަރުގެ ބަޖެޓެއް ދިނީމަ އެ މުއައްސަސާތަކަށް މަސައްކަތް ކުރެވޭނެ ޖާގައެއް ނެތް،" އައިމަން ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކުން ރައްޔިތުންނަށް ޖަވާބުދާރީވާން ނުޖެހޭ ގޮތަށް އުސޫލުތައް އޮތުމަކީ ވެސް މިނިވަން ނުވާ ސަބަބެއް ކަމަށް ފައިސަލް ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ އަހަރަކު 1.3 ބިލިއަން ރުފިޔާ ހޭދަވާ ފުލުހުން ރައްޔިތުންނަށް ޒިންމާދާރުވާން ޖެހޭ އެއްވެސް އުސޫލެއް ނެތް މައްސަލަ އެވެ.
"ހަތަރު އަހަރުގެ ތެރޭގައި ހަތަރު ކަމިޝަނަރުން ނަގާފައި، އަނެއްކާ ވަކިކުރި އެންމެންނަށް ވެސް އެމީހުންގެ މުޅި މުސާރައާ އެއްވަރުގެ އެލަވަންސެއް ދީފައި ނަގުދު ފައިސާއިން އެތައް ލައްކައެއް ދޭ ނިޒާމެއްގައި ކޮބައިތޯ ރައްޔިތުންނާއި އެމީހުންނާ ގުޅުވާލަދޭ ހިސާބަކީ؟ ނެތެއް ނޫންތޯ؟ މިއީ ގަސްދުގައި ނިޒާމު ރާވާފައި އޮތް ގޮތް،" ފައިސަލް ވިދާޅުވި އެވެ.
އެތައް ބަޔަކު މިހާރު ގަބޫލުކުރާ ގޮތުގައި ރާއްޖެ މިހާރު މި ދަނީ ހުދުމުހުތާރު ނިޒާމެއްގެ ތެރެއަށެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ، އައިމަން ވިދާޅުވި ގޮތުގައި، ސަރުކާރު ޒިންމާދާރު ކުރުވަން ޖެހޭ މުއައްސަސާތަކުގެ ބާރު ނެތުމެވެ. އެކަމުގެ ހައްލެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަނީ މިހާރު ސަރުކާރުގެ މެޖޯރިޓީ ގެއްލިފައިވާ ރައްޔިތުންގެ މަޖިލިސް، އިދިކޮޅު ހުރިހާ މެމްބަރުންނާ އެކު އަލުން މަސައްކަތް ފެށުމެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު މެމްބަރުންގެ ކޮންޓްރޯލްގެ ދަށުން މަޖިލިސް ފެށިއްޖެ ނަމަ މުއައްސަސާތައް މިނިވަންވުމުގެ ފުރުސަތު ބޮޑެވެ.
މިހާރު މި އޮތް ނިޒާމް ރަނގަޅަށް ހިންގުމަށާއި އިސްލާހުކުރަން ބޭނުންވަނީ ރައްޔިތުންނަށް ޖަވާބުދާރީވާން ކެރޭ އަދި އިހުލާސްތެރި ހިދުމަތެއް ކުރުމުގެ ރޫހު ހުރި ބައެކެވެ.
"މިއީ ގައުމީ ކާރިސާއެއް މިއަދު. ދުނިޔޭގެ އެންމެ ސޮފިސްޓިކޭޓޭޑް ނިޒާމެއް ގެނަޔަކަސް އެ ނިޒާމު ހިންގަން ބޭނުންވާ އިހްލާސްތެރިކަން ހުރި ބަޔަކު މުއައްސަސާތަކުގެ މަތިން ތިރިއަށް އަތުރާ ނުލެވޭ ކަމަށްވާ ނަމަ މިކަން ރަނގަޅެއް ނުވާނެ،" ފައިސަލް ވިދާޅުވި އެވެ.
ބުނިހާ ކޮންމެ ކަމެއް ވަރިހަމަ، އަދި ބުނި ކޮންމެ ގޮތަކަށް އަމަލުކުރަން ތިބި ބަޔަކާ ބޮޑެތި ޒިންމާތައް ހަވާލުކުރުމުން ދައުލަތް ދަނީ ކުޑަކަކޫ ޖެހެމުންނެވެ. އޭގެ ނަތީޖާއަކީ ހައްގުތައް ކަށަވަރުނުވުމެވެ. ހައްގުތައް ހިމާޔަތްނުކުރެވުމެވެ. އިންސާފު ނުލިބުމެވެ. އިންސާފު ހޯދަން ދާނެ ތަނެއް ނެތުމެވެ.
އީސީ އާއި އޭސީސީގެ ރައީސް ކަނޑައަޅާ ގޮތް ބަދަލުކުރަނީ
އޭސީސީ އަށް އައްޔަން ކުރަން ފޮނުވި ނަންތައް ފާސްކޮށްފި
އޭސީސީއަށް އައްޔަންކުރާ މެމްބަރުންގެ ނަންތައް ކޮމިޓީއަށް
އޭސީސީއެއް ނެތް، ކަންބޮޑުވާ މީހަކު ވެސް ނެތް؟
ކޮމިޓީގެ ތުހުމަތަށް މެމްބަރުން ޖަވާބުދާރީވެވަޑައިގެންފި
އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
ކޮރަޕްޝަންގެ 35 މައްސަލައެއްގައި މިއަހަރު ދައުވާކުރަނީ
އެންއައިސީގެ ރައީސް ސުލައިމާން ވަކިކުރަން ފާސްކޮށްފި
ބޮޑު ހިޔާނާތް:އެއް އަހަރުން ވެސް މައްސަލަތައް ނުނިމޭނެ
އޭސީސީގެ މެމްބަރުން ވަކިކުރާނެ ކަމުގެ އިންޒާރެއް!