Roadha Mihaaru
އެންއައިސީގެ މެމްބަރުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި

އެންއައިސީގެ ހަަތަރު މެމްބަރުން ވަކިކުރަން ރައީސަށް ލަފާ އަރުވަން ކޮމިޓީން ފާސްކޮށްފި

08 ޖުލައި 2020

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ހަތަރު މެމްބަރުން މަގާމުން ވަކިކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ހަތަރު މެމްބަރުން މަގާމުން ވަކިކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އެ ހަތަރު މެމްބަރުންނަކީ އެންއައިސީގެ ރައީސް އަހްމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު އަހްމަދު އަމީންގެ އިތުރުން ޚަދީޖާ އަބްދުﷲ އެވެ. މިއީ، ކުރީގެ ސަރުކާރުގައި އެ ކޮމިޝަނަށް އައްޔަންކުރި މެމްބަރުންނެވެ.

އެންއައިސީގައި ފަސް މެމްބަރުން ތިއްބަވާއިރު މި ސަރުކާރުގައި އެ ކޮމިޝަނަށް އައްޔަން ކުރެއްވީ ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދެވެ.

ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހަޅުއްވައި ކޮމިޓީން ނިންމީ އެ ހަތަރު ބޭފުޅުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ނުކުޅެދިފައިވާ ކަމަށް އެ ކޮމިޓީ އަށް ފެންނަ ކަަމަށެވެ. އެހެންކަމުން އެ ހަތަރު މެމްބަރުން ވެސް މަގާމުން ވަކިކުރަން ރައީސަށް ލަފާއަރުވަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.

މި މައްސަލަ ދެން ފޮނުވާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށެވެ.

އެންއައިސީ އަށް މެމްބަރުން އައްޔަންކުރެއްވުމާއި ވަކި ކުރެއްވުމުގެ ބާރު އޮންނަނީ ރައީސަށެވެ.

ފުލުހުންގެ މައްސަލަތައް ބަލާ އެންއައިސީގެ މެމްބަރުން ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކުރިއިރު، އެ ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާނުކުރާ ކަމުގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.

ވަކިވަކި ފުލުހުން ގާނޫނާ ހިލާފަށް ހިންގާ ކަންކަމުގައި ފިޔަވަޅު އެޅުމަށް އެންއައިސީ، ގާނޫނުގައިވާ ގޮތަށް ފުރިހަމަ ތަނެއްގެ ގޮތުގައި ނުހިނގާ ކަމަށް ދާދި ފަހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ސިފަކުރައްވައިފަ އެވެ.

އެ ކޮމިޝަންގެ މަސްއޫލިއްޔަތުގެ ތެރޭގައި ފުލުހުންނާ ގުޅޭ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުން ހިމެނެ އެވެ. ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނަމުގައި 2008 ވަނަ އަހަރު އުފެއްދި އެ ކޮމިޝަން، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނަމަށް ބަދަލު ކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ.