Roadha Mihaaru
ޕޯސްޓްމޯޓަމަށް ފަހު ރަޝީދުގެ ޖަނާޒާ މިއަދު ބާއްވަނީ

ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރަޝީދުގެ ހަށިގަނޑު ރާއްޖެ ގެނެސް މިއަދު ޖަނާޒާ ބާއްވަނީ

05 ނޮވެމްބަރ 2022

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް އިންޑިއާގައި ހެދުމަށް ފަހު އޭނާގެ ހަށިގަނޑު މިއަދު ރާއްޖެ ގެނެސް މިރޭ ޖަނާޒާ ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް އިންޑިއާގައި ހެދުމަށް ފަހު އޭނާގެ ހަށިގަނޑު މިއަދު ރާއްޖެ ގެނެސް މިރޭ ޖަނާޒާ ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރަޝީދުގެ އާއިލާ މީހަކު "މިހާރު" އަށް ބުނީ މިއަދު މެންދުރު ފަހު 1:30 ގައި ރަޝީދުގެ ހަށިގަނޑު ރާއްޖެ ގެނެސް އާއިލާއާ ހަވާލުކުރާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އެހެންވެ، ރަޝީދުގެ ޖަނާޒާގެ ކަންކަން އާއިލާއިން މިހާރު އިންތިޒާމުކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

"ކަށުނަމާދު އޮންނާނީ މަގްރިބް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި،" އޭނާ ބުންޏެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ މަހު 26 ގައި ގދ. ހޯނޑެއްދޫ، ސްވެން، ރަޝީދު ހައްޔަރުކޮށްފައި ހުއްޓާ އޭނާގެ މެޔަށް ތަދެއް އަރައިގެން އުޅުމަށް ފަހު މަރުވި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ނެޝެނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވަނީ ތަހުގީގު ފަށައިފަ އެވެ.

ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން އެންއައިސީން ނިންމީ އެ މައްސަލާގަ އެވެ. އޭނާގެ ޕޯސްޓްމޯޓަމް ހަދަން މިދިޔަ ހޯމަ ދުވަހު އިންޑިއާ އަށް ފޮނުވާލީ، ޕޯސްޓްމޯޓަމް ހެދުން ހުއްޓުވައި ހަށިގަނޑު ހޯދަން އާއިލާއިން ސިވިލް ކޯޓަށް ހުށަހެޅުމުން އެފަދަ އަމުރެއް ދެވެން ނެތް ކަމަށް ކޯޓުން ހުކުމްކުރި ފަހުންނެވެ.

އޭނާގެ އާއިލާއިން މީގެ ކުރިން ބުނެފަައި ވަނީ ޕޯސްޓްމޯޓަމް ހަދައިފި ނަމަ، އާއިލާއިން ހަށިގަނޑާ ހަވާލު ނުވާނެ ކަމަށެވެ. ރަޝީދުގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވާލުމުގެ ކުރިން މޯޗަރީގައި ބާއްވައިގެން އާއިލާ އަށް މޫނު ވެސް ދެއްކި އެވެ.