31 އޮކްޓޯބަރ 2022
ފުލުހުންގެ ބޮލުގައި އަޅުވަނީ އަބްދުﷲ ރަޝީދުގެ މަރުގެ އިލްޒާމެވެ! މޭގައި އަތް އަޅައިގެން ލޯންޗުގައި އިންދައި އޭނާ ފެނުނު މީހުންނާއި ޑޮކްޓަރަށް ދައްކައިދޭން އެދުނު އަޑު އެހި މީހުންގެ ތުހުމަތަކީ "ފަރުވާގައި ފުލުހުން އިހުމާލުވެއްޖެ" އެވެ. ހަވީރު ހަތަރެއް ޖެހިއިރު ފަރުވާއަށް އެދުމުން ގަޑިއެއްހާ އިރު ފަހުން އެ ދުވަހު ސިއްހީ މަރުކަޒަށް ގެންދިޔައިރު މަރުވެފައި އޮތް މައްސަލައިގެ ދިފާއުގައި ފުލުހުން ދައްކާ ވާހަކަ ގަބޫލުނުކުރެވޭ ސަބަބުތައް ދައްކަ އެވެ.
ފުލުހުންގެ ބޮލުގައި އަޅުވަނީ އަބްދުﷲ ރަޝީދުގެ މަރުގެ އިލްޒާމެވެ! މޭގައި އަތް އަޅައިގެން ލޯންޗުގައި އިންދައި އޭނާ ފެނުނު މީހުންނާއި ޑޮކްޓަރަށް ދައްކައިދޭން އެދުނު އަޑު އެހި މީހުންގެ ތުހުމަތަކީ "ފަރުވާގައި ފުލުހުން އިހުމާލުވެއްޖެ" އެވެ. ހަވީރު ހަތަރެއް ޖެހިއިރު ފަރުވާއަށް އެދުމުން ގަޑިއެއްހާ އިރު ފަހުން އެ ދުވަހު ސިއްހީ މަރުކަޒަށް ގެންދިޔައިރު މަރުވެފައި އޮތް މައްސަލައިގެ ދިފާއުގައި ފުލުހުން ދައްކާ ވާހަކަ ގަބޫލުނުކުރެވޭ ސަބަބުތައް ދައްކަ އެވެ.
ގދ. ހޯނޑެއްދޫން އޭނާ ހައްޔަރުކުރީ ފުލުހުން އަތުލައިގަތް ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތަށެވެ. އޭނާ ހައްޔަރުކުރުމުން ފަރުވާއަށް އެދެމުން ދިޔަ ކަމަށް ވެ އެވެ. އެކަމަކު ފަހުން އޭނާ ހަށިގަނޑު ގެންދިޔައީ ޖެހިގެން އޮތް މަޑަވެލީ ހެލްތު ސެންޓަރަށެވެ.
"[ހޯނޑެއްދޫ] ހެލްތު ސެންޓަރުގެ މެނޭޖަރާއި ކައުންސިލްގެ ނައިބު ރައީސް ވެސް އެ ވަގުތު އެ ސަރަހައްދުގައި ތިބި. މޭގައި އަތް އަޅައިގެން އިނީމާ އޭނައަށް ފަރުވާ ބޭނުންވާ ނަމަ އެކަން ހަމަޖައްސަން ފުލުހެއްގެ ގާތު އެދުނީމާ ބުނީ އޭނަ އޯކޭއޭ. އެއްވެސް ކަމެއް ބޭނުންވާ ނަމަ ހޮސްޕިޓަލް މެނޭޖަރު މެދުވެރިކޮށް ހަމަޖައްސަން އެދުނިން،" ލޯންޗަށް އެރުވިއިރު ބަނދަރު ސަރަހައްދުގައި ހުންނެވި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވި އެވެ.
އަބްދުﷲ ރަޝީދު: އޭނާ މަރުވީ ފަރުވާދޭން އެދެމުން ދަނިކޮށް ކަަމަށް އާއިލާ އިން ތުހުމަތުކުރޭ.
އޭގެ ގަޑިއެއްހާ އިރު ފަހުން އޭނާއަށް ލިބިވަޑައިގަތީ ރަޝީދުގެ މަރުގެ ޚަބަރެވެ. ސިއްހީ މަރުކަޒުގެ އިސް ބޭފުޅުންނާ ހަވާލާދެއްވައި ފިރުޝާން ވިދާޅުވި ގޮތުގައި ސިއްހީ މަރުކަޒަށް ގެންދިޔައިރު އޭނާ މަރުވިތާ ގާތްގަނޑަކަށް 30 މިނެޓް ވެދާނެ އެވެ.
އޭނާގެ ކަންބޮޑުވުމަކީ ހޯނޑެއްދޫން ފަރުވާ ނުދީ ލަސްވެ އެހެން ރަށަކަށް ހަށިގަނޑު ގެންދަން ޖެހުމެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ފަރުވާ ލަސްވެފައި އެ އޮތީ. ކުށްވެރިވެ ތަހުގީގު ހިންގުން އެއީ އެހެން ކަމެއް، އެކަމަކު ކޮންމެ މީހަކަށް ވިޔަސް ފަރުވާ އަށް އިހުމާލުވެގެން ނުވާނެ،" ފިރުޝާން ވިދާޅުވި އެވެ.
އާއިލާ އިން ވެސް އަޑުގަދަކޮށް ފުލުހުންނަށް އަމާޒުކުރަނީ ކުރަނީ މި ތުހުމަތެވެ. އެކަމަކު ކަން ހިނގި ގޮތް އެނގޭނީ މިނިވަން ތަހުގީގަކުންނެވެ.
ގިނަ އަދަދެއްގެ ޑްރަގްސް އަތުލައިގަންނަން ފުލުހުން ހިންގާ ބޮޑެތި އޮޕަރޭޝަންސްތަކާއި އެ ނޫން ހާލަތްތަކުގައި ވެސް ހައްޔަރުކުރާ މީހުން، ފަރުވާ ބޭނުންވާ ކަމަށް ހަދައި އޮޅުވާލުމުގެ ކަންކަން ހިނގަ އެވެ. ބޭނުމަކީ އެ މައްސަލައަކާ ގުޅުން އޮތް މީހުންނަށް މެސެޖްތަކެއް ދިނުމެވެ. މިފަދަ ހާލަތްތައް އެސެސްކޮށް ކަންކުރާ ގޮތް ނިންމުމުގެ އިހްތިޔާރު ސީންގައި ތިބޭ ފުލުހުންނަށް ލިބެ އެވެ.
ރަޝީދުގެ މަރުގެ މައްސަލާގައި ބަލަން ވެފައި އޮތީ ހައްޔަރުކުރި ފަހުން ވަށައިގެން ހިނގި ކަންކަމާއި ފުލުހުން އަމަލުކުރި ގޮތުގެ އިތުރުން މަރުގެ ސަބަބު ދެނެގަތުމެވެ.
ހަގީގަތް ހޯދައި ފަރުވާގައި ލަސްކުރި ނަމަ ފުލުހުން ޖަވާބުދާރީ ކުރުވަން ޖެހެ އެވެ. އެކަމުގައި އިހުމާލުވެފައިވާ ނަމަ ފިޔަވަޅު އަޅަން ވެސް ޖެހެ އެވެ. އެކަމަކު ތުހުމަތު ރައްދުވާ ފަރާތާ ގުޅިގެން ހިންގާ ތަހުގީގަކުން މި ނަތީޖާ ނެރެވިދާނެ ހެއްޔެވެ؟ ފުލުހުންނަށް ތުހުމަތުވާ މައްސަލައެއް، ފުލުހުންނާ އެކު ގުޅިގެން ހިންގާ ތަހުގީގަކުން އިންސާފުވެރި ވެދާނެ ހެއްޔެވެ؟
ރަޝީދުގެ މަރުގެ މައްސަލާގައި އިންސާފަށް ވާސިލްވާން ހިންގަނީ ޖޮއިންޓް އިންވެސްޓިގޭޝަނެކެވެ. އެންއައިސީގެ ތަހުގީގުގައި ފުލުހުންގެ ދައުރަކީ އެހީތެރިވުން ކަމަށް އެ މުއައްސަސާ އިން ބުންޏެވެ.
އެންއައިސީއަކީ ދިވެހި ފުލުހުންގެ ހިދުމަތް ހިމެނޭ ގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުންކުރާ ގާނޫނާއި ގަވާއިދާ ޚިލާފު އަމަލުތައް ބަލައި ތަހުގީގުކުރުމާއި އެފަދަ އަމަލެއް ހިންގައިފި ކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ އެކަމެއް ބަލައި ތަހުގީގު ކުރުމުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ މުއައްސަސާ އެވެ.
ރަޝީދުގެ މަންމަ އާއި އާއިލާގެ ބައެއް މެމްބަރުން ވަކީލުންނާ އެކު ކޯޓު ބޭރުގައި: އޭނާގެ ހަށިގަނޑު ހޯމަދުވަހު ބޭރަށް ގެންދާކަން އެނގުނީ ދައުލަތުން ކޯޓުގައި ހާމަކުރުމުން ކަމަށް ވަކީލުން ބުނޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެކަމަކު މާފަންނު އުޖާލާގޭގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ފުލުހުން ބައެއްގެ ގައިގައި ތަޅައި އަނިޔާކުރި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން މިދިޔަ ސެޕްޓެމްބަރު މަހު ކުރި ހުކުމުގައި ކަނޑައަޅާފައިވާ ގޮތުން އެއް އިދާރާއަށްވުރެ ގިނަ އިދާރާއަށް ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ލިބިގެންވާ ހާލަތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާ ހިނގަން ޖެހޭނެ އެވެ.
● 76 ވަނަ މާއްދާ - ގުޅިގެން ހިންގާ ތަހްގީގު (ހ) ގާނޫނު ތަންފީޒުކުރާ އެއް އިދާރާއިން ތަހުގީގުކުރަމުންދާ ކުށަކީ ގާނޫނު ތަންފީޒުކުރާ އެހެން އިދާރާއަކުން ތަހުގީގުކުރުމުގެ އިހްތިސާސް ލިބޭ ކުށެއް ކަމުގައިވާ ނަމަ، އެ ކުށުގެ ތަހުގީގު ހިންގަންވާނީ މި މާއްދާގައިވާ ގޮތުގެމަތިންނެވެ.
(ށ) ފުލުހުން ތަހްގީގު ކުރަމުންދާ ޖިނާއީ މައްސަލައެއްގައި ވަކި ހާއްސަ ބާވަތެއްގެ ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ގާނޫނަކުން ލިބިދީފައިވާ އިދާރާއެއްގެ އިހްތިސާސް ހިނގާ ނަމަ، އަންނަނިވި ދެގޮތުންކުރެ ގޮތަކަށް އަމަލުކުރަންވާނެ އެވެ.
(1) އެ ކުށުގެ އެ ބައިގެ ތަހުގީގު އެ އިދާރާއަކުން ކުރިއަށް ގެންދިޔުމަށްޓަކައި އެ އިދާރާއަށް މައްސަލަ ހުށަހެޅުން؛ ނުވަތަ
(2) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގިދާނެ އެވެ.
އެންއައިސީގެ އަހަރީ ދުވަސް ފާހަގަކުރަން މި މަހު ބޭއްވި ހަފުލާއެއްގައި އެ ކޮމިޝަންގެ މެމްބަރުންނާއި ޕީޖީ ޝަމީމް އަހަރީ ދުވަހުގެ ކޭކު ފަޅުއްވަނީ.---ފޮޓޯ: އެންއައިސީ
ފުލުހުންނަކީ އާންމު އުސޫލުން ޖިނާއީ ތަހުގީގު ކުރާ އިދާރާއަށް ވާތީ ފުލުހުން ތަހުގީގުކުރާ މައްސަލައެއްގައި ވަކި ހާއްސަ ބާވަތެއްގެ ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ބާރު ގާނޫނަކުން ލިބިދީފައިވާ އިހްތިސާސް ހިނގާ ނަމަ އެ ތަހުގީގު ހިންގަންވާނީ އެ ކުށުގެ އެ ބައިގެ ތަހުގީގު އެ އިދާރާއަކަށް ހުށަހަޅައިގެން ނުވަތަ ޖޮއިންޓް އިންވެސްޓިގޭޝަނުން ކަމަށް ބުނަނީ އެންމެ ފުރިހަމައަށް ތަހުގީގުކުރަން ކަމަށް ހުކުމުގައިވެ އެވެ.
"ޖިނާއީ އިޖުރާއަތުގެ 76 ވަނަ މާއްދާ އެކުލަވާލާފައިވާ ގޮތުން އެއީ އިހުތިޔާރީ މާއްދާއެއް ކަމުގައި އަހުރެން ނުދެކެމެވެ." އަޣުލަބިއްޔަތު ރައުޔު ދެއްވި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ވިދާޅުވެފައިވެ އެވެ.
މާނަ އަކީ ޖިނާއީ ތަހުގީގެއްގައި ދެ އިދާރާއަކަށް އިހްތިސާސް ލިބޭ ކަމެއް ހިނގާފައިވާ ނަމަ 76 ވަނަ މާއްދާގައި ބުނާ ގޮތަށް އަމަލުކުރުން ލާޒިމްވުމެވެ. އެ ތަހުގީގެއްގައި ދެ އިދާރާއަކުން ބަލަންޖެހޭ ކަމެއް ހިމެނޭ ނަމަ ގުޅިގެން ނޫން ގޮތަކަށް ތަހުގީގު ކުރުމުގެ އިހުތިޔާރު ނެތުމެވެ.
ޕޯސްޓް މޯޓަށް ހެދުން ހުއްޓުވުމުގެ ދައުވާއާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ޝަރީއަތުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން މި ހުކުމުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެންއައިސީން މައްސަލަ ބެލުމުގެ ގަވައިދާ އެއްގޮތަށް ޖޮއިންޓް އިންވެސްޓިގޭޝަން އެއްބަސްވުމެއް ހެދީ ކަމަށް ބުނެފަ އެވެ.
ޖިނާއީ ކުށްތައް ހިމެނިފައިވާތީ ޖިނާއީ ދައުވާއެއްކުރަން އެ ކޮމިޝަނަށް ފެނިއްޖެ ހިނދެއްގައި އެކަން ކުރިއަށް ގެންދިއުމަށް ފުލުހުން ނުވަތަ ޕީޖީ އޮފީހަށް ހުށަހެޅުމުގެ ބާރު އެންއައިސީއަށް ލިބެ އެވެ.
ފުލުހުންނަށް އަމާޒުވާ ތުހުމަތުތައް ބަލަން އެ މުއައްސަސާއާ ގުޅިގެން ތަހުގީގެއް ހިންގަން ޖެހުނު ސަބަބުގެ ތަފްސީލަކަށް އެންއައިސީން ނުގޮސް ހަވާލާދެނީ ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާއަށެވެ.
ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމާ ގުޅޭ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔައިރު، އޭނާގެ މަންމަ (ކ) އާއި އާއިލާގެ ބައެއް މީހުން އެ ކޯޓުގެ ބޭރުގައި މަޑުކޮށްލައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޕޯސްޓް މޯޓަށް ހެދުން ހުއްޓުވަން އާއިލާއިން ހުށަހެޅި މައްސަލާގައި އެގޮތަށް އަމުރު ނެރެވެން ނެތް ކަމަށް ކުރި ހުކުމުގައި ބުނެފައިވަނީ މިއީ އެންއައިސީ އިން އިސްނަގައިގެން ބަލަމުން އަންނަ މައްސަލައެއް ކަމަށާއި އެ ތަހުގީގަށް ފުލުހުންގެ އެހީތެރިކަން ބޭނުންވާތީ ޖިނާއީ އިޖުރާއަތުގެ 76 ވަނަ މާއްދާ އާއި އެންއައިސީން މައްސަލަތައް ބެލުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދާއި ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޖޮއިންޓް އިންވެސްޓިގޭޝަން އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އޮޓޮޕްސީ ހެދުމަށް އެންއައިސީން އެދިފައިވަނީ މި އެއްބަސްވުމުގެ ދަށުން ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
މި އެއްބަސްވުމުގެ ތަފްސީލެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ. ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރާ ސަބަބު ސާފުވާނީ މިހާރުވެސް ހިނގަމުންދާ މި ތަހުގީގުގައި އެންއައިސީ އާއި ފުލުހުން ބަލަން ބޭނުންވާ ކަންކަން ހާމަކޮށްފި ނަމަ އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ގަބޫލުކުރައްވާ ގޮތުގައި އެންއައިސީއަށް އެކަނި ހިންގޭނެ މި ތަހުގީގު ފުލުހުންނާ ގުޅިގެން ތަހުގީގުކުރާ ނަމަ ފުލުހުންގެ ދައުރު މިހާރަށް ވުރެން ބޮޑަށް ހާމަކޮށްދޭން ޖެހެ އެވެ. އެހީތެރިކަން ހޯދާ ސަބަބު ވެސް ބުނެދޭން ޖެހޭނެ އެވެ.
"އެ މީހުންގެ ފޮރެންސިކް ސަޕޯޓުތޯ އައިޓީ ސަޕޯޓުތޯ. އަޅުގަނޑު ވެސް ގަބޫލުކުރަން ބައެއް އެކްސްޕަޓީސް ނުހުރެދާނެ. އެކަމަކު މީގައި ތަފްސީލު ހާމަކުރަން ޖެހެނީ," އޭނާ ވިދާޅުވި އެވެ.
ރިޔާޒް ގަބޫލުކުރައްވާ ގޮތުގައި ފުލުހުން ނުހިމަނައި މި މައްސަލަ ތަހުގީގު ކުރަން ޖެހެ އެވެ. ސަބަބަކީ މި މަރާ ގުޅުވައި ފުލުހުންގެ ނެގްލިޖެންސެއް އޮތް ކަމަށް ކުރާ ތުހުމަތު ނުފޫޒެއް ނެތި ރަނގަޅަށް ބެލުމެވެ.
މި ތަހުގީގުގައި ރަޝީދު މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން އެންއައިސީން ނިންމާފައި ވާތީ ވެސް ބައެއް މީހުން ސުވާލު އުފައްދަ އެވެ. އެއީ އޮޓޮޕްސީ ހެދުމަކީ ހަމައެކަނި ފުލުހުންނަށް ލިބިދީފައި އޮންނަ ބާރަކަށް ވާތީ އެވެ. އެ ސުވާލުގެ ޖަވާބަކީ ވެސް ގާނޫނާއި ގަވައިދާއި ސުޕްރީމް ކޯޓުގެ ހުކުމުގެ ބާރު ލިބޭ ޖޮއިންޓް އިންވެސްޓިގޭޝަން އެއްބަސްވުމެވެ. އެންއައިސީން ޕޯސްޓް މޯޓަމް ހެދުމުގައި އެހީއަށް އެދެން ފުލުހުން ނޫން މުއައްސަސާއެއް ނެތެވެ.
ހަމަ މި މައްސަލައަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެސް ވާހަކަ ދައްކާފައިވެ އެވެ.
"ބައެއް ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތް ބައްޓަންކޮށްފައިވާ ގޮތުން ނުވަތަ އެ ފަރާތްތަކުގެ ވަސީލަތްތަކާއި ގާބިލްކަން ހުރި ގޮތުން ގުޅިގެން ތަހުގީގެއް ހިންގުމަކީ އުނދަގުލާއި ނުވަތަ އެހެންވެސް ގޮންޖެހުމާ ކުރިމަތިލާންޖެހޭ ސަބަބެއް ކަމުގައި ވުމީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން އަމަލު ނުކުރުމަށް އޮތް ގާނޫނީ ސަބަބެއް ކަމުގައި ވެސް އަހުރެން ނުދެކެމެވެ. އެފަދައިން ގުޅިގެން ތަހުގީގު ހިންގުމަށް ލާޒިމުކޮށްފައި އޮތުމަކީ އެކަށީގެންވާ ފަދައަކުން ޖިނާއީ ތަހުގީގުތައް ހިންގުމަށް އޮތް ހުރަކަށްވާ ނަމަ، އެކަމުގެ ފަރުވާ ލިބިދެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމުގައި އަހުރެން ދެކެމެވެ."
ޕޯސްޓް މޯޓަމް ހަދައި މަރުވި ސަބަބު ދެނެގަތުމަށް އާއިލާ އިން ދެކޮޅު ހަދަ އެވެ. ހަށިގަނޑު ވީހާވެސް އަވަހަކަށް ވަޅުލަން ބޭނުންވެގެން އާއިލާ އިން ވަނީ ހަށިގަނޑު ހޯދަން އެދި ކޯޓަށް ހުށަހެޅި މައްސަލާގައި ނިންމީ ޕޯސްޓް މޯޓަމް ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ފުލުހުންގެ ބޮޑެތި އޮޕަރޭޝަންތަކުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ނިންމާފައިވިޔަސް އޭނާ ހައްޔަރުކުރި އިރު ބޮޑީ ވޯން ކެމެރާ ބޭނުމެއް ނުކުރެ އެވެ.
އެންއައިސީން ބުނި ގޮތުގައި ފުލުހުންނަށް އަމާޒުވާ ތުހުމަތު ބަލާނީ މިނިވަންކަމާ އެކުގަ އެވެ. ގުޅިގެން ތަހުގީގެއް ހިންގިޔަސް އިތުބާރާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނުދޭނެ އެވެ.
އަބްދުﷲ ރަޝީދުގެ އާއިލާއަށް އޭނާގެ މޫނު ދެއްކުން ކުރިއަށް ގެންދަނީ.
"އަޅުގަނޑުމެން އެޝުއާކޮށްދެން މި މައްސާލާގައި އިންސާފަށް ވާސިލްވުމުގައި އެއްވެސް ކަހަލަ މައްސަލަ ދިމާނުވާނެ ކަމަށް," އޮފިޝަލް ވިދާޅުވި އެވެ.
އެންއައިސީއަށް އެކަނި މި މައްސަލަ ތަހުގީގު ކުރެވެން އޮއްވައި ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދަން ނިންމީ ކީއްވެތޯ އެހުމުން އޮފިޝަލް ވިދާޅުވީ ހިނގަމުންދާ ތަހުގީގަކަށް ވާތީ އެ މައުލޫމާތު ދެވޭކަށް އަދި ނެތެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ރަޝީދު މަރުވި މައްސަލަ މި ތަހުގީގު ކުރަނީ ހަގީގަތް ދެނެގަތުމަށެވެ. ތަހުގީގު އިސްކޮށް އިންސާނިއްޔަތުކަން އެއްފަރާތްކުރި ކަމުގެ ތުހުމަތަށް ފުލުހުން ޖަވާބުދާރީކުރުވުމަށެވެ. ފަރުވާގައި އިހުމާލުނުވާ ނަމަ އެކަން ކަށަވަރުކޮށްދީ ފުލުހުންގެ އިތުބާރު ދެމެހެއްޓުމަށެވެ.
ތުހުމަތު ރައްދުވާ މީހުންގެ ބައިވެރިވުމާ އެކު ހިންގާ ތަހުގީގަކުން އެކަން ވެދާނެތޯ އެއީ އުފައްދާ ސުވާލެކެވެ.
ޕޯސްޓްމޯޓަމަށް ފަހު ރަޝީދުގެ ޖަނާޒާ މިއަދު ބާއްވަނީ
ރުހުން ނެތީސް، މީހެއްގެ ޕޯސްޓްމޯޓަމް ހެދިދާނެތަ؟
ރަޝީދުގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސްފި
ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން މިރޭ ފަތިހު ފުރުވައިލަނީ
ރަޝީދުގެ ޕޯސްޓްމޯޓަމް ހުއްޓުވުމުގެ އަމުރެއް ނުދިން
އިންސާފަށް ވާސިލުވާން ޕޯސްޓްމޯޓަމް މުހިއްމު: އެންއައިސީ
އިހުމާލުއޮތްތޯ ބަލާ ތަހުގީގަށް އެއްބާރުލުން ދޭނަން:ސީޕީ
ޕޯސްޓްމޯޓަމް ހެދިއްޔާ ހަށިގަނޑާ ހަވާލުނުވާނަން: އާއިލާ
އަނިޔާކުރި ފުލުހުންގެ ތަހުގީގުގެ ބޮޑު ބައި ނިމިއްޖެ
މަރުވެފައި އޮއްވާ ފެނުނީ ޖަލުން ދޫކޮށްލި މީހެއް