Roadha Mihaaru
އިންސާފަށް ވާސިލުވާން ޕޯސްޓްމޯޓަމް މުހިއްމު: އެންއައިސީ

ރަޝީދުގެ މަރުގެ މައްސަލާގައި އިންސާފަށް ވާސިލުވާން ޕޯސްޓްމޯޓަމް މުހިއްމު: އެންއައިސީ

28 އޮކްޓޯބަރ 2022

ޑްރަގް އޮޕަރޭޝަނަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހދ. ހޯނޑެއްދޫން ހައްޔަރުކުރި، އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި އިންސާފަށް ވާސިލުވުމަށް މުހިއްމުކަމަށްވާތީ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށްވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ރޭ ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޑްރަގް އޮޕަރޭޝަނަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހދ. ހޯނޑެއްދޫން ހައްޔަރުކުރި، އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި އިންސާފަށް ވާސިލުވުމަށް މުހިއްމުކަމަށްވާތީ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށްވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ރޭ ބުނެފި އެވެ.

ޕޯސްޓްމޯޓަމް ހަދަން ބޭނުންނުވާ ބުނެ ރަޝީދު 42، ގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްދޭން އާދޭސްކޮށް އިއްޔެ ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ބާއްވާ، އާއިލާ އިން ބުނެފައި ވަނީ ޕޯސްޓްމޯޓަމް ހަދައިފި ނަމަ، އެ ހަށިގަނޑާ ހަވާލުނުވާނެ ކަމަށެވެ.

އެކަމަކު އެ މައްސަލާގައި ރޭ އެންއައިސީން ނެރުނު ބަޔާނުގައި ބުނީ އެ މައްސަލާގައި އިންސާފަށް ވާސިލުވާން މުހިއްމު ކަމަށްވާތީ ތަހުގީގުގެ ބޭނުމަށް ކަނޑައަޅާފައިވާ އިޖުރާއަތުގެ ދަށުން ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ ރަޝީދު މަރުވުމުގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮތްތޯ ބެލުމަށް ކޮމިޝަނުން އިސްނަގައިގެން ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

ފުލުހުންނާ ގުޅިގެން ހިންގަމުންދާ އެ ތަހުގީގުގައި ލީޑު އިންވެސްޓިގޭޓަރުގެ ރޯލު އަދާކުރާނީ އެ ކޮމިޝަނުން ކަމަށާއި ފުލުހުންގެ ދައުރަކީ ކޮމިޝަނުގެ ތަހުގީގަށް އެހީވުން ކަމަށް ވެސް އެންއައިސީ ބަޔާނުގައިވެ އެވެ.

އެ މައްސަލައާ ގުޅިގެން އެންއައިސީގެ ލީގަލް ކައުންސިލާއާ "މިހާރު" އިން ސުވާލުކުރުމުން ވިދާޅުވީ މިވަގުތު ތަހުގީގުކުރިއަށްދާ މައްސަލަައަކަށްވާތީ އެކަމުގައި އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ. އެހެންވެ ތަހުގީގު ނިމޭނެ ދުވަހެއް ވެސް ސާފެއް ނުވެ އެވެ.

އާއިލާ އިން ދެކޮޅު ހަދާއިރު ވެސް ޕޯސްޓްމޯޓަމް ހަދަނީ ކީއްވެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެ ކޮމިޝަނުން ނެރެފައިވާ ބަޔާނުގައިވާ ފަދައިން "އިންސާފަށް ވާސިލުވުމަށް މުހިއްމުކަމަށްވާތީ" ކަމަށެވެ.

އެ މައްސަލާގައި ރައީސް އޮފީހުން ބުނެފައި ވަނީ އެކަމުގެ ތަހުގީގު ހިނގަމުންދާ ގޮތް ރައީސް ވެސް ގާތުން ބައްލަވަމުން އަންނަ ކަމަށެވެ. އެކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރައީސް މަޝްވަރާ ކުރައްވައި އިންސާފުވެރިކަމާ އެކު ރަނގަޅަށް ތަހުގީގުކުރިއަށް ގެންދިއުމަށް އިރުޝާދު ދެއްވި ކަމަށް ވެސް އެ އޮފީހުން ބުންޏެެވެ.

މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމުގެ ތުހުމަތުގައި ރަޝީދު ހައްޔަރުކޮށްފައި ހުއްޓާ، އޭނާ މަރުވީ މިދިޔަ އަންގާރަ ދުވަހުގެ އިރުއޮއްސުން ހާއިރެވެ. ގދ. މަޑަވެލި ސިއްްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދީ ކައުންސިލުން ބުނެފައިވެ އެވެ.

ރަޝީދުގެ އާއިލާއިން މައިގަނޑު ގޮތެއްގައި ތުހުމަތުކުރަނީ ފުލުހުން ލޯންޗަށް އަރުވައިގެން ދިޔައިރު ވެސް އޭނާގެ މޭގައި ރިއްސާ ކަމަށް ބުނެފައިވަނިކޮށް ފަރުވާ ނުދީ ލަސްކުރި މައްސަލަ އެވެ.