Roadha Mihaaru
ރަޝީދުގެ އޮޓޮޕްސީ ހަދަން އާއިލާއިން ދެކޮޅު ހަދައިފި

ރަޝީދުގެ އޮޓޮޕްސީ ހަދަން ދެކޮޅު، ހަށިގަނޑު ވަޅުލަން ހަވާލުކޮށްދީ: އާއިލާ

26 އޮކްޓޯބަރ 2022

ގދ. ހޯނޑެއްދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހުއްޓާ އެ ރަށު އަބްދުﷲ ރަޝީދު ނިޔާވީ ފުލުހުންގެ އިހުމާލުން ކަމަށް ތުހުމަތުކޮށް އޭނާގެ ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ދެކޮޅުހަދައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގދ. ހޯނޑެއްދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހުއްޓާ އެ ރަށު އަބްދުﷲ ރަޝީދު ނިޔާވީ ފުލުހުންގެ އިހުމާލުން ކަމަށް ތުހުމަތުކޮށް އޭނާގެ ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ދެކޮޅުހަދައިފި އެވެ.

އިއްޔެ ފުލުހުން އެ ރަށުގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ތިން މީހެކެވެ. އޭގެ ތެރެއިން ނިޔާވި ރަޝީދަކީ ހައްޔަރުކުރި ފުރަތަމަ މީހާ އެވެ. އޭނާ ނިޔާވީ ހައްޔަރުކޮށްގެން އެރަށުން ފުރައިގެން އެހެން ތަނަކަށް ގެންދަން އުޅެނިކޮށް، ލޯންޗުމަތީގަ އެވެ.

އޭނާ ނިޔާވީ ފުލުހުންގެ އިހުމާލުން ކަމަށް ކުރާ ތުހުމަތުތައް ފުލުހުން ދޮގުކުރެ އެވެ. ފަރުވާ އަށް އިހުމާލު ވެފައި ނުވާނެ ކަމަށާއި ފަރުވާ ބޭނުންވާކަން އެނގުމާ އެކު ސިއްހީ މަރުކަޒަށް ރަޝީދު ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ރަޝީދުގެ ބައްޕަ، މުހައްމަދު އަލީ މިރޭ "މިހާރު" އަށް ބުނީ ހޯނޑެއްދޫން ހައްޔަރުކޮށްގެން ގެންދިޔުމަށް ފަހު އެ ލޯންޗު ގިނައިރުތަކެއް ވަންދެން އެ ރަށު ޖެޓީގައި އޮތް ކަމަށެވެ. ލޯންޗުގައި ހުރެ ވެސް ރަޝީދު ވަނީ މެއަށް ތަދެއް އަރާ ވާހަކަ ފުލުހުން ގާތުގައި ބުނި ނަމަވެސް ފަރުވާ ދިނުމަށް ފުލުހުން ދެކޮޅު ހެދި ކަމަށް އޭނާ ބުންޏެވެ.

"މި ރަށު މަރުކަޒުގެ ބޮޑުމީހާ، ޝުޖާއު އޭނާ ވެސް ބުނި ކަމަށް ވަނީ އަބްދުﷲ ޑޮކްޓަރަށް ދައްކަން ގެންދަންވީނޫން ހެއްޔޭ. ވަރަށް ތަދުވެގެން ރިއްސާ ކަމަށް ވަންޏާ ކަމަކު ނުދާނޭ. ބުނީމާ އެތާ ތިބި ފުލުހުން ބުންޏޯ އެއީ މަކަރޭ. ދެންވެސް އެސޮރު މެޔަށް ތަދުވާތީ އުޅޭތީ މަރުކަޒުން ބުނެފިޔޯ ޑޮކްޓަރު ގެންނަވީ ނޫންހެއްޔޭ ލޯންޗަށް. ބުނީމާ ވެސް ބުންޏޯ އެއީ މަކަރޭ،" ރަޝީދުގެ ބައްޕަ ކިޔައިދިނެވެ.

މުހައްމަދު ބުނީ އެ އާއިލާ މީހުން ރަޝީދު ފުރުވަން ބަނދަރަށް ދިޔަ ކަމަށެވެ. ނަމަވެސް ފުލުހުން ގެންދިޔަ ގޮތަށް އޭނާ އާއި ދެން ތިބި ދެ މީހުން ލޯންޗަށް އަރުވައިގެން ގެންދިޔައީ ކަމަށް ބުންޏެވެ.

މުހައްމަދު ރަޝީދު

މުހައްމަދު ރަޝީދު

"ބަނދަރުމަތީގައި މީހުން ތަންކޮޅެއް ގިނަވާން ފެށީމަ ލޯންޗު ނަގައިގެން ގޮސް ބަނދަރު ތޮށިގަނޑުގެ އެންމެ އެކޮޅުކޮޅުގައި ލޯންޗު އަޅާފައި އޮތީ. އޭރު އޭގައި ތިބީ މި ރަށުން ގެންދިޔަ ތިން މީހުން އެކަނި. ދަރިފުޅާ ދެން ތިބި ދެ މީހުން. މިހާރު އެ މީހުން ވެސް ތިބީ ތިނަދޫ ގޮޅިއެއްގައި ހައްޔަރުކޮށްފައި،" ކަން ހިނގިގޮތް ރަޝީދުގެ ބައްޕަ ކިޔައިދިނެވެ.

"ދެން ރަޝީދު އެހެން ތެޅިތެޅި މަރުވީމާ އެ މީހުން އެތަނުން ފުރީ. މަޑަވެލި ޕޮލިހުންނާ އޭނާ ހަވާލުކޮށްފައި ތިނަދޫއަށް އަނެއް ދެމީހުން ބާލާފައި ފުރައިގެން އެ ދިޔަ ގޮތަށް އެ މީހުން ނާދޭ،"

މަރުވިކަން ފުލުހުންގެ ފަރާތުން ނާންގާ ކަމަށާއި ރަޝީދުގެ ހަށިގަނޑު މަޑަވެއްޔަށް ގެންދިޔަކަން އެނގުނީ އެ ރަށުގައި ހުރި ރައްޓެއްސެއްގެ ފަރާތުން ކަމަށް މުހައްމަދު ބުންޏެވެ. އަދި ފުލުހުންގެ ފަރާތުން އެކަން ނޭންގުމުން އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"މަޑަވެލީގަ ހުރި މި ރަށު މީހަކު ގުޅާފައި ބުނީ ރަޝީދު މަރުވެގެން މަޑަވެއްޔަށް ގެނެސްފިއޭ. ފުލުހުންގެ ފަރާތުން ނުގުޅާ އާއިލާގެ އެއްވެސް މީހަކަށް. މަރު ވީމަ ވެސް ނުގުޅާ. ރަށު އެ މީހާ ގުޅީމާ އަހަރުމެން ވެސް ދިޔައީ އެ ރަށަށް،" އޭނާ ބުންޏެވެ.

ރަޝީދުގެ ބައްޕަ، ފުލުހުންގެ ފަރާތުން ދަރިފުޅަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް ތުހުމަތުކުރި އެވެ. އޭނާ ބުނީ މޭމަތީގަ އާއި ބުރަކަށީގައި އަނިޔާ ހުރި ކަމަށާއި އެ ތަންތަނުން ލޭ އައިސްފައި ހުރި ކަމަށެވެ.

"އަނިޔާއެއް ހުރި މޭ މަތީގައި. ހުރީ ހަލާކުވެފައި. މޭމަތި ރަތްވެފައި ހުރީ. ބުރަކަށީގަވެސް ހުރި އެއް ފަޅީގަ ލޭ އައިސް. އެ ވާހަކަ ދެއްކީމާ ބުނީ އެއީ މަރުވެފައި އެހެން އޮތީމާ ދަށަށް ލޭ ޖެހިފައޭ،" މުހައްމަދު ބުންޏެވެ.

އެ އާއިލާއިން ރަޝީދުގެ އޮޓޮޕްސީ ހަދަން ބޭނުން ނުވާ ކަމަށް ތަކުރާރުކޮށް ބުނެފައި ވާނެ ކަމަށާއި ނަމަވެސް ފުލުހުންގެ ފަރާތުން ރަޝީދުގެ ހަށިގަނޑު ބޭރަށް ފޮނުވަނީކަން ނުވަތަ ނޫންކަން ވެސް މިހާތަނަށް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

އަހަރުމެން ބޭނުމެއް ނޫން މަރުވީމާ އަނެއްކާ މަސްގަނޑު ނަގައިގެން އެކްސްރޭތަކެއް ހަދާކަށް. އެހެން އެއްޗެއް ވެސް ހަދާކަށް. އަހަރުމެން ބުނެފިން ބޭރަށް ފޮނުވާކަށް މަސްގަނޑު ބާއްވާނެ ކަމެއް ނެތޭ. މޫނު ބަލަން ބޭނުން ބަޔަކަށް ދައްކާފައި ވަޅުލާށޭ ބޭނުމީ: ބައްޕަ

އަހަރުމެން އުޅުނީ މިކޮޅުގައި ވަޅުލަން. ރަޝީދުގެ އަންހެނުންނާއި ހަތަރު ދަރިންނަށް އާދެވޭނެ ގޮތެއް ނެތީމާ އެ މީހުން ވެސް ބުނީ ފޮނުވާށޭ މާލެ ކޮޅަށް. އެ ގެންދިޔަ ގޮތަކަށް އަދި ނޭނގެ ވާނުވާއެއް. ސަހަރާގެ ކޮންމެވެސް ތަނަކަށް ލާފައޭ ބުނީ،"

"އަހަރުމެން ބޭނުމެއް ނޫން މަރުވީމާ އަނެއްކާ މަސްގަނޑު ނަގައިގެން އެކްސްރޭތަކެއް ހަދާކަށް. އެހެން އެއްޗެއް ވެސް ހަދާކަށް. އަހަރުމެން ބުނެފިން ބޭރަށް ފޮނުވާކަށް މަސްގަނޑު ބާއްވާނެ ކަމެއް ނެތޭ. މޫނު ބަލަން ބޭނުން ބަޔަކަށް ދައްކާފައި ވަޅުލާށޭ ބޭނުމީ،" ރަޝީދުގެ އޮޓޮޕްސީ ހަދަން ބޭނުން ނުވާ ކަމަށް ބުނި ނަމަވެސް ފުލުހުން އެކަމަށް ވަކި އެއްޗެއް ނުބުނާ ކަމަށް ރަޝީދުގެ ބައްޕަ ބުންޏެވެ.

ރަޝީދު ހައްޔަރު ކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ނަމަވެސް ބަލައި ފާސްކުރިއިރު ވެސް އެއްވެސް އެއްޗެއް ނުފެނުނު ކަމަށް މުހައްމަދު ބުންޏެވެ.

"އެމީހުން މަސްތުވާތަކެތީގެ މައްސަލައެއްގައޭ ކިޔާފައި ބަލައި ފާސްކުރި. އެކަމަކު ނުފެނުން އެކައްޗެއް ވެސް. [މަސްތުވާތަކެތީގެ މައްސަލައެއްގައި ކުރިން ހައްޔަރުކުރި] އަރުޝަދަކީ ރަޝީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއްގެ ދަރިއެއް. އަރުޝަދާ އެ ދެމީހުންގެ އޮވޭ ގުޅުމެއް. އެކަމަކު ރަޝީދު އެކަހަލަ ކަމެއްގައި އުޅޭކަމަށް ނުވޭ،"

ރަޝީދުގެ ބައްޕަ ބުނީ ގެންދިޔައީ އެފަދަ ތުހުމަތަކަށް ނަމަވެސް ބަލިވެއްޖެ ނަމަ ޑޮކްޓަރަށް ދެއްކުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ.

ރަޝީދުގެ މަރާ ގުޅިގެން ބަޔަކު ވަނީ އޭނާ ގެ ހަށިގަނޑު ގެންދިޔަ، މަޑަވެލި ސިއްހީ މަރުކަޒު ދޮށަށް އެއްވެ ނުރުހުން ފާޅުކޮށްފަ އެވެ. އެ މީހުން ބުނެފައި ވަނީ އިއްޔެގެ މެންދުރެއްހާއިރު ހައްޔަރުކުރަނިކޮށް ފަރުވާދޭން އެދުމުން އަޅާނުލައި އޭނާ ލޯންޗަށް އަރުވައިގެން ގެންދިޔަ މަގުމަތީގައި ނިޔާވީ ކަމަށާއި އެކަމުގެ ޒިންމާ ފުލުހުން ނަގަން ޖެހޭނެ ކަމަށެވެ. އެ މީހުން ތުހުމަތުކުރާ ގޮތުގައި، އެ ހާދިސާ ހިނގީ ފުލުހުން އޭނާ އަށް ފަރުވާދޭން އިހުމާލުވެފައިވާތީ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ރަޝީދުގެ މަރާ ގުޅިގެން އާއިލާ އާއި އެ ރަށުގެ ގިނަ ބަޔަކު ސުވާލު އުފެއްދުމުން، މައްސަލަ ބަލައިދޭން ފުލުހުންގެ އިދާރާ އިން ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ. މަރުގެ ހަގީގަތް ދެނެގަތުމަށް އޮޓޮޕްސީ ހެދުމަކީ މިހާރު އާއިލާއިން ނުރުހުނު ކަމުގައި ވިޔަސް ފުލުހުންނަށް ލިބިދޭ އިހްތިޔާރެކެވެ.