Roadha Mihaaru
ސެނެޓްގެ ސާފު އަޣުލަބިއްޔަތު ޑިމޮކްރޭޓުންނަށް

ސެނެޓްގެ ސާފު އަޣުލަބިއްޔަތު ޑިމޮކްރޭޓުންނަށް

07 ޑިސެމްބަރ 2022

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓްގެ ސާފު އަޣުލަބިއްޔަތު، ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީން ހޯދައިފި އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓްގެ ސާފު އަޣުލަބިއްޔަތު، ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީން ހޯދައިފި އެވެ.

ޑިމޮކްރެޓިކް ޕާޓީ އަށް ސެނެޓްގެ ސާފު އަޣުލަބިއްޔަތު މި ލިބުނީ، ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގެ ވޯޓުލުމުގައި، ސެނެޓްގެ 50 ގޮނޑި ލިބިފައިވަނިކޮށް، ވަކި ކޮޅަކަށް ނަތީޖާ ބުރަނުވެ އޮތް ޖޯޖިއާގެ ގޮނޑި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަށް ކާމިޔާބުވުމުންނެވެ.

ނޮވެމްބަރު 8ގައި އޮތް އިންތިޚާބުގައި، ޖޯޖިއާގެ ގޮނޑި އަށް ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލީ މީހުންގެ 50 ޕަސެންޓް ވޯޓެއް ނުލިބެ އެވެ. އެހެންކަމުން އެންމެ ގިނަ ވޯޓު ހޯއްދެވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ރަފައޭލް ވާނޮކް އާއި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ހާޝެލް ވޯކްގެ ތެރެއިން ތާއީދު ބޮޑު ބޭފުޅަކު ކަނޑައެޅުމަށް ވޯޓުލުމުގެ ދެ ވަނަ ބުރެއް ބޭއްވީ އިއްޔެ އެވެ.

އިއްޔެގެ ވޯޓުލުމުގައި ކުރި ހޯއްދަވައި ވޯޓުގެ 50 ޕަސެންޓަށް ވުރެ މަތީ އަޣުލަބިއްޔަތެއް ހޯއްދެވީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ރަފައޭލް ވާނޮކް އެވެ.

އިއްޔެގެ ވޯޓުލުމުގައި، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކާމިޔާބު ހޯއްދެވި ނަމަ، ސެނެޓްގައި ދެ ޕާޓީގެ މެމްބަރުންގެ އަދަދު ހަމަހަމަ ވާނެ އެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ސެނެޓްގެ މެޖޯރިޓީ ޕާޓީ ކަނޑައަޅާނީ، ސެނެޓްގެ ރައީސްގެ ހައިސިއްޔަތުން، އެވަގުތަކު އެމެރިކާގެ ނައިބު ރައީސްކަމުގައި ހުންނަވާ ބޭފުޅަކު ދެއްވާ ވޯޓަކުންނެވެ.

އިއްޔެގެ ވޯޓުލުމުގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކުރި ހޯއްދަވައި ދެ ޕާޓީގެ އަދަދު ހަމަހަމަވި ނަމަވެސް، މިވަގުތު ސެނެޓްގެ ރައީސްގެ މަގާމުގައި ހުންނެވި ކަމަލާ ހެރިސްއަކީ ޑިމޮކްރެޓިކް ޕާޓީގެ ބޭފުޅެއް ކަމަށްވާތީ، މެޖޯރިޓީ ޕާޓީއަކަށް ވާނީ ޑިމޮކްރެޓިކް ޕާޓީ އެވެ.

ނިމިދިޔަ އާންމު އިންތިޚާބުގައި، ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސާފު އަޣުލަބިއްޔަތު ލިބުނީ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށެވެ. ނަމަވެސް ސެނެޓްގެ ފުރިހަމަ ކޮންޓްރޯލް، ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީ އަށް ލިބިފައިވާތީ، ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް މަޖިލީހުން ފާސްކުރާ ކޮންމެ ފާސްކުރުމެއް ބާތިލުކުރުމުގެ ބާރު ސެނެޓަށް އޮންނާނެ އެވެ.