14 ނޮވެމްބަރ 2022
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ (ސެނެޓް)ގެ އަޣުލަބިއްޔަތު ހޯދުމަށް، އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ފަރާތުން ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން، އެ ޕާޓީގެ އެތެރޭގައި ކޯޅުން އުފެދި، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތުހުމަތުގެ އިނގިލި ދިއްކުރައްވަން ފައްޓަވައިފި އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ (ސެނެޓް)ގެ އަޣުލަބިއްޔަތު ހޯދުމަށް، އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ފަރާތުން ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން، އެ ޕާޓީގެ އެތެރޭގައި ކޯޅުން އުފެދި، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތުހުމަތުގެ އިނގިލި ދިއްކުރައްވަން ފައްޓަވައިފި އެވެ.
މިދިޔަ ހަފުތާގެ އަންގާރަ (ނޮވެމްބަރު 8) ދުވަހު އެމެރިކާގައި އޮތް، އާންމު އިންތިޚާބުގައި ރިޕަބްލިކަން ޕާޓީ އަށް ސެނެޓްގެ އަޣުލަބިއްޔަތު ހޯދައިދިނުމަށް، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ޑިމޮކްރެޓިކް ޕާޓީން ސެނެޓްގެ 50 ގޮނޑި ކަށަވަރުކޮށް، ސެނެޓްގެ އަޣުލަބިއްޔަތު ހޯދާނެކަން ޔަގީންކުރުމާ އެކު، ރިޕަބްލިކަން ޕާޓީގެ އިސް ވެރިންގެ މެދުގައި މިހާރު އަންނަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.
ޓްރަމްޕު ތުހުމަތު ކުރެއްވި ގޮތުގައި އޭނާގެ ރިޕަބްލިކަން ޕާޓީ އަށް ސެނެޓްގެ އަޣުލަބިއްޔަތު ނުލިބުނީ، ސެނެޓްގެ މައިނޯރިޓީ ލީޑަރުގެ މަގާމުގައި ހުންނެވި އެ ޕާޓީގެ މިޗް މެކްކޮނެލްގެ ސަބަބުންނެވެ. އޭނާ ކެމްޕޭންގައި ވެސް މަސައްކަތް ކުރެއްވީ ޕާޓީގެ ތާއީދަށް ވުރެ އޭނާގެ އަމިއްލަ ތާއީދު އިތުރުކުރުމަށް ކަމަށް ޓްރަމްޕު ތުހުމަތުކުރެއްވި އެވެ.
ނަމަވެސް އެ ޕާޓީގެ އެހެން ބައެއް ވެރިން ތުހުމަތުކުރައްވާ ގޮތުގައި ސެނެޓްގެ އަޣުލަބިއްޔަތު ނުލިބުނީ ޓްރަމްޕުގެ ސަބަބުންނެވެ. ސެނެޓްގެ އަޣުލަބިއްޔަތު ހޯދުމަށް އެކަށީގެންވާ މިންވަރަށް ޓްރަމްޕު އާންމުންގެ ތެރެއަށް ނުކުމެވަޑައިނުގެންނެވުމާއި އެކަށީގެންވާ ގޮތެއްގައި ކެމްޕޭން ނުކުރެއްވުމަކީ، ނާކާމިޔާބީގެ އަސްލު ސަބަބު ކަމަށް އެ ބޭފުޅުން ދެކެ އެވެ.
މޭރިލޭންޑްގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި ރިޕަބްލިކަން ޕާޓީގެ ލެރީ ހޯގަން ވިދާޅުވި ގޮތުގައި މިދިޔަ އަންގާރަ ދުވަހު އޮތް އިންތިޚާބަކީ، ޓްރަމްޕު އިސްވެ ހުންނަވައިގެން ވާދަކުރި އިންތިޚާބުތަކުގެ ތެރެއިން ޕާޓީ އަށް ނާކާމިޔާބުވި ތިން ވަނަ އިންތިޚާބެވެ. ރިޕަބްލިކަން ޕާޓީއަށް ކާމިޔާބު ހޯދައި ދީ ދީ ވަރުބަލިވެފައިވާ ކަމަށް ޓްރަމްޕު ވިދާޅުވާ އިރު، ޕާޓީގެ އެހެން މެމްބަރުން ތިބީ ނާކާމިޔާބުވާ ވަރުން ވަރުބަލިވެ ގޮތް ހުސްވެފައި ކަމަށް ވެސް ލެރީ ވިދާޅުވި އެވެ.
ސެނެޓްގެ އަޣުލަބިއްޔަތު ރިޕަބްލިކަން ޕާޓީ އަށް ގެއްލުނު ނަމަވެސް، ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ އަޣުލަބިއްޔަތާ ކައިރީގައި މިހާރު އޮތީ ރިޕަބްލިކަން ޕާޓީ އެވެ. ހައުސްގެ ޖުމްލަ 435 ގޮނޑީގެ ތެރެއިން، ރިޕަބްލިކަން ޕާޓީ އަށް މިހާތަނަށް ކަށަވަރުވެފައިވަނީ، 212 ގޮނޑި އެވެ. ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީ އަށް ކަށަވަރުވެފައިވަނީ 204 ގޮނޑި އެވެ.
މިހާރު ގުނައި ނުނިމި ހުރި ދާއިރާތަކުގެ ނަތީޖާތައް ސާފުވަމުން އަންނަ ވަރަކަށް ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުކުރާ ގޮނޑީގެ އަދަދު މަތިވަމުން އަންނާތީ، ހައުސްގެ އަޣުލަބިއްޔަތު ވެސް ރިޕަބްލިކަން ޕާޓީއަށް ގެއްލުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް އެމެރިކާގެ ބައެއް ނޫސްތަކުން އަންދާޒާކުރާ ގޮތުގައި ހައުސްގެ އަޣުލަބިއްޔަތު ހޯދުމުގެ ފުރުސަތު އެންމެ ބޮޑީ ރިޕަބްލިކަން ޕާޓީ އަށެވެ.
ވޯޓު ގުނަމުން އައިސް މިދިޔަ ހުކުރު ދުވަހާ ހަމައަށް އައި އިރު ވެސް، ސެނެޓްގެ 100 ގޮނޑީގެ ތެރެއިން ޑިމޮކްރެޓިކް ޕާޓީ އަށް ލިބިފައި އޮތީ އެންމެ 48 ގޮނޑި އެވެ. އަދި ރިޕަބްލިކަން ޕާޓީ އަށް ވެސް ލިބިފައި އޮތީ އެންމެ 49 ގޮނޑި އެވެ.
ނަމަވެސް މިހާތަނަށް ނަތީޖާ މުޅިން ސާފުނުވެ އޮތް ތިން ދާއިރާގެ ތެރެއިން، ނެވާޑާ އާއި އެރިޒޯނާގެ ގޮނޑި ވެސް ޑިމޮކްރެޓިކް ޕާޓީގެ ދެ ކެންޑިޑޭޓުން ކާމިޔާބުކުރުމާ ގުޅިގެން، ހަނި އަޣުލަބިއްޔަތަކުން، ކުރިއަށް އޮތް ދެ އަހަރު ވެސް ސެނެޓްގެ މެޖޯރިޓީ އޮންނާނީ އެ ޕާޓީ އަށް ކަމަށް ބެލެވެ އެވެ. މި ދެ ދާއިރާގައި ނެގި ވޯޓުގެ ނަތީޖާ މުޅިން ސާފުނުވިޔަސް، ބާކީ ހުރި ވޯޓުތައް ގުނައި ނިމުމުން ވެސް، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓުންނަށް އެ ދެ ދާއިރާ ދެން ކާމިޔާބު ނުވާނެ ކަމަށް ސީއެންއެން އިން ބުނެ އެވެ.
ވޯޓުގެ ނަތީޖާއާ މެދު މިހާތަނަށް ވަކި ގޮތަކަށް ނުނިމި އޮތް އަނެއް ދާއިރާއަކީ ޖޯޖިއާ އެވެ. އެ ދާއިރާގެ ގޮނޑި އަށް ވާދަކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަށާއި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓަށް ވެސް، ވޯޓު ލީ މީހުންގެ 50 ވޯޓު ހާސިލުކުރެވިފައި ނުވާތީ، އެ ދާއިރާ އަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ދެ ވަނަ ބުރުގެ ވޯޓުލުން، ޑިސެންބަރު މަހުގެ ތެރޭގަ އެވެ.
ޑިސެންބަރު މަހުގެ 6 ވަނަ ދުވަހު ބާއްވާ ދެ ވަނަ ބުރުގެ ވޯޓުލުމުގައި، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކާމިޔާބު ހޯއްދަވައިފި ނަމަ، ސެނެޓްގައި ދެ ޕާޓީގެ މެމްބަރުންގެ އަދަދު ހަމަހަމަ ވާނެ އެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ސެނެޓްގެ މެޖޯރިޓީ ޕާޓީ ކަނޑައަޅާނީ، ސެނެޓްގެ ރައީސްގެ ހައިސިއްޔަތުން، އެވަގުތަކު އެމެރިކާގެ ނައިބު ރައީސްކަމުގައި ހުންނަވާ ބޭފުޅަކު ދެއްވާ ވޯޓަކުންނެވެ.
މިއީ ޒުވާން ޖީލާ ގައުމު ހަވާލުކުރަންވީ ވަގުތު: ރޮމްނީ
ބައިޑެން، އޮބާމާ، ޓްރަމްޕު ވެސް ކެމްޕޭންގައި
ޓްރަމްޕަށް ދައުވާ ކުރެވޭ ވަރަށް ހެކި އެބަހުރި: ކޮމިޓީ
ސެނެޓުގައި ޝަރީއަތް ފަށާއިރު ވަކީލުން ޓްރަމްޕާ ދުރަށް
ޓްރަމްޕް އިމްޕީޗް ވެއްޖެތަ؟: ބޮޑު ބަހުސަކަށް!
ޓްރަމްޕް ބޭނުންވަނީ ޝަރީއަތް އަވަސްކުރަން
ޓްރަމްޕުގެ ތުހުމަތު ސާބިތުކޮށްދޭން މެކްކޭން ގޮވާލައިފި
ޑޮލަރަށް ބަރޯސާވުން ކުޑަކުރާތީ ޓްރަމްޕްގެ އިންޒާރެއް
ޓްރަމްޕަށް ކުރި ދައުވާއެއް އަނބުރާ ގެންދަނީ
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ