Roadha Mihaaru
ޓްރަމްޕް ބޭނުންވަނީ ޝަރީއަތް އަވަސްކުރަން

ޓްރަމްޕް ބޭނުންވަނީ ސެނެޓްގައި ޝަރީއަތް އަވަހަށް ފަށަން

21 ޑިސެމްބަރ 2019

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރުމަށް ފަހު އިމްޕީޗްމަންޓް ޝަރީއަތް ހިންގަން ސެނެޓަށް މައްސަލަ ފޮނުވުމުގައި ކޮންގްރެސް އިން ލަސްކުރަމުން ދާއިރު، އެ ޝަރީއަތް އަވަހަށް ފަށަން ބޭނުންވާ ކަމަށް ޓްރަމްޕް ރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރުމަށް ފަހު އިމްޕީޗްމަންޓް ޝަރީއަތް ހިންގަން ސެނެޓަށް މައްސަލަ ފޮނުވުމުގައި ކޮންގްރެސް އިން ލަސްކުރަމުން ދާއިރު، އެ ޝަރީއަތް އަވަހަށް ފަށަން ބޭނުންވާ ކަމަށް ޓްރަމްޕް ރޭ ވިދާޅުވެއްޖެ އެވެ.

މަގާމުގެ ނުފޫޒު ނާޖާއިޒްގެ ގޮތުގައި ބޭނުން ކުރެއްވުމާއި ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުއްވުމުގެ ކުށުގައި ޓްރަމްޕް ވަނީ ކޮންގްރެސްގެ ތިރި ގެ، ހައުސް އިން އިމްޕީޗްކޮށްފަ އެވެ. އޭނާއަކީ އެމެރިކާގައި އިމްޕީޗްކުރި ތިން ވަނަ ރައީސެވެ.

އެކަމަކު އެމެރިކާގެ ރައީސްކަމުގެ މަގާމުން ޓްރަމްޕް ދުރުކުރުމާ މެދު ގޮތެއް ނިންމާނީ ސެނެޓަށް އެ މައްސަލަ ފޮނުވުމުން ހިންގާ ޝަރީއަތުގައި، ތިންބައި ކުޅަ ދެބައިގެ ވޯޓު ލިބިގެންނެވެ.

ހައުސްގެ ނިންމުން ރަސްމީކޮށް ސެނެޓަށް ފޮނުވުމުގެ ބަދަލުގައި، ހައުސްގެ މެމްބަރުން މިހާރު ވަނީ ކްރިސްމަސް އާއި އާ އަހަރުގެ ޗުއްޓީއަށް ވަޑައިގެންފަ އެވެ. ޑިމޮކްރަޓިކް ޕާޓީން ކޮންޓްރޯލްކުރާ ހައުސް އިން އެގޮތަށް އަމަލްކުރަނީ ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮތް ސެނެޓުގައި އިމްޕީޗްމަންޓް ޝަރީއަތް އިންސާފުވެރި ނުވާނެ ކަމަށް ބުނެ އެވެ.

ސެނެޓުގެ އިމްޕީޗްމަންޓް ޝަރީއަތުން ޓްރަމްޕް ސަލާމަތްވެވަޑައިގަތުމުގެ ފުރުސަތު ބޮޑެވެ.

ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިމޮކްރެޓިކުން އޭނާގެ މައްސަލަ ސެނެޓަށް ފޮނުވަން ބޭނުން ނުވަނީ އޭނާއާ ދެކޮޅަށް ކުރި ތުހުމަތުތައް ބަލިކަށިކަމުން ކަމަށެވެ. ކޮންގްރެސްގައި ދިފާއުވުމުގައި ފުރުސަތު އަމިއްލަފުޅަށް ދޫކޮށްލެއްވި ޓްރަމްޕް ވިދާޅުވީ ކޮންގްރެސްގައި ޑިމޮކްރެޓުން ގާނޫނީ އެއްވެސް އިޖްރާއާތެއް ފުރިހަމަ ނުކުރާ ކަމަށެވެ. އެހެންވެ އިމްޕީޗްމަންޓް ޝަރީއަތް އަވަހަށް ފަށަން ޓްރަމްޕް ގޮވާލެއްވި އެވެ.

ސެނެޓްގައި ތިބޭ 100 މެމްބަރުންގެ ތެރެއިން 53 މެމްބަރުން ނިސްބަތްވަނީ ރިޕަބްލިކަން ޕާޓީއަށެވެ. ޑިމޮކްރެޓިކް ޕާޓީއަށް 45 ގޮނޑި އަދި މިނިވަން ދެ މެމްބަރުން ތިއްބަވަ އެވެ. ޓްރަމްޕަށް ރައީސްކަން ގެއްލޭނީ 67 މެމްބަރުންގެ ވޯޓު ލިބިގެންނެވެ.

ސެނެޓުގައި ޝަރީއަތް ފަށާނީ ކޮންގްރެސް އިން އިމްޕީޗްމަންޓް ލިޔުންތައް ފޮނުވުމުންނާއި އިމްޕީޗްމަންޓް މެނޭޖަރުން ހައުސް އިން ކަނޑައެޅުމުންނެވެ. އިމްޕީޗްމަންޓެއް ފާސްވުމުން ސެނެޓަށް އެ މައްސަލަ ފޮނުވަން ވަކި މުއްދަތެއް، އެމެރިކާގެ ގާނޫނުއަސާސީގައި ދީފައެއް ނުވެ އެވެ.

ޑިމޮކްރެޓިކް މެމްބަރުން ވިދާޅުވަމުން ގެންދަވަނީ ޓްރަމްޕާ ދެކޮޅަށް ހައުސިން އިން ހިންގި ތަހުގީގަށް ނުފޮނުވާ ހިފެހެއްޓި ވައިޓް ހައުސްގެ އެކްޓިން ޗީފް އޮފް ސްޓާފް މިކް މުލްވަނީ އާއި ޓްރަމްޕްގެ ކުރީގެ ސަލާމަތީ ކަންކަމާ ބެހޭ މުޝީރު ޖޯން ބޯލްޓަން، ސެނެޓްގެ ޝަރީއަތަށް ހާޒިރުކޮށް ހެކިބަސް ނެގުމަށެވެ.

އެކަމަކު ސެނެޓުގެ މެޖޯރިޓީ ލީޑަރު އަދި ޓްރަމްޕް ސަލާމަތްކުރައްވަން ކޮނޑާއި ކޮނޑު ވިއްދައިގެން ހުންނެވި މެޗް މެކޮނަލް ވަނީ އެ ހުށައެޅުން ގަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑިމޮކްރެޓިކް މެމްބަރުން އުޅުއްވަނީ ހައުސްގައި ތާކުންތާކު ނުޖެހޭ އިމްޕީޗްމެންޓެއް ކޮށްފައި، އެކަން ސެނެޓް ލައްވާ ރަނގަޅުކުރުވާށެވެ.

ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ވިދާޅުވާ ގޮތުގައި ސެނެޓްގައި ހިނގާ ޝަރީއަތަށް އިތުރު ހެކިން ހާޒިރުކުރުމުން، މައްސަލައަށް ލިބޭ އިތުބާރު ކުރިއަށް ވުރެ ވެސް ވާނީ ބޮޑެވެ. އެހެންކަމުން ރިޕަބްލިކަން ޕާޓީން އެކަމާ ދެކޮޅު ހަދަނީ ރަނގަޅު ސަބަބެއް އޮވެގެން ނޫން ކަމަށާއި އެއީ އިންސާފުވެރިކޮށް މައްސަލަ ކުރިއަށް ނުގެންދަން ކުރާ ކަމެއް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.