Roadha Mihaaru
އެމެރިކާގެ ކޮންގްރެސްގެ މައިނޯރިޓީ ލީޑަރަކަށް ހަކީމް

އެމެރިކާގެ ކޮންގްރެސްގެ މައިނޯރިޓީ ލީޑަރަކަށް ހަކީމް ޖެފްރީޒް

01 ޑިސެމްބަރ 2022

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ މައިނޯރިޓީ ލީޑަރުގެ މަގާމަށް، ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ހަކީމް ޖެފްރީޒް ކަނޑައެޅުމަށް އެ ޕާޓީގެ ފަރާތުން އިއްޔެ ނިންމައިފި އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ މައިނޯރިޓީ ލީޑަރުގެ މަގާމަށް، ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ހަކީމް ޖެފްރީޒް ކަނޑައެޅުމަށް އެ ޕާޓީގެ ފަރާތުން އިއްޔެ ނިންމައިފި އެވެ.

މިއީ އެމެރިކާގެ ތާރީޚުގައި ވެސް، ގާނޫނު ހަދާ މަޖިލީހުގައި ޕާޓީއެއް ތަމްސީލުކުރައްވާ ލީޑަރުގެ މަގާމަށް ކަޅު ނަސްލުގެ މެމްބަރަކު އިންތިޚާބުކުރި ފުރަތަމަ ފަހަރެވެ. ހަކީމް ޖެފްރީޒްއަކީ ގާނޫނު ހަދާ މަޖިލީހުގައި ނިއު ޔޯކްގެ އަށް ވަނަ ޑިސްޓްރިކްޓް ތަމްސީލު ކުރައްވާ މެމްބަރެވެ.

ހަކީމް، އެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ މަގާމަށް އައްޔަންކުރަން ޑިމޮކްރެޓިކް ޕާޓީން ނިންމީ، އެ މަޖިލީހުގައި އެ ޕާޓީގެ އިސް ލީޑަރުގެ މަގާމުގައި ހުންނެވި ނެންސީ ޕެލޯސީ އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ މައިނޯރިޓީ ލީޑަރުގެ މަގާމަށް، ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިންތިޚާބުކުރި ހަކީމް ޖެފްރީޒް

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ މައިނޯރިޓީ ލީޑަރުގެ މަގާމަށް، ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިންތިޚާބުކުރި ހަކީމް ޖެފްރީޒް

ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ މެދުގައި އިއްޔެ ބޭއްވި ސިއްރު ބައްދަލުވުމެއްގައި، ހަކީމް އެ މަގާމަށް އައްޔަންކުރަން ނިންމީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ނިމިދިޔަ އާންމު އިންތިޚާބުގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީ އަށް ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމާ ގުޅިގެން، ހަކީމީ ހުންނަވާނީ ގާނޫނު ހަދާ މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ މަގާމުގަ އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދައުރު ގުނަމުންދާ ގޮތުން، ހަކީމީ އެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ، މިއަންނަ އަހަރުގެ ޖެނުއަރީ 3 ވަނަ ދުވަހު އެވެ. ޕާޓީގެ ފަރާތުން އޭނާ އެ މަގާމަށް އައްޔަން ކުރަން ނިންމުމާ ގުޅިގެން ހަކީމީ ވިދާޅުވީ އޭނާގެ ޒައާމަތުގައި އިސްކަން ދެއްވާނީ، ނަސްލީ އިންސާފު ގާއިމުކުރުމަށާއި، ހަތިޔާރުން ހިންގާ ޖަރީމާތައް މަދުކުރުމަށާއި، ދަރިމައިވުމުގެ ހައްގުތަކަށެވެ.

އެމެރިކާގެ ދުސްތޫރީ އަދި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން، ޑިމޮކްރެޓިކް ޕާޓީން އަންނަނީ މުހިންމު ބަދަލުތަކެއް ނުވަތަ އާ ކަންތައްތަކެއް އެމެރިކާގެ ތާރީޚުގައި ލިޔަމުންނެވެ. އެ ގޮތުން އެމެރިކާގެ ރައީސްގެ މަގާމު، ދޮން ނަސްލުގެ ނޫން ބޭފުޅަކު ފުރަތަމަ ފަހަރަށް ލިބިވަޑައިގަތީ ޑިމޮކްރެޓިކް ޕާޓީގެ ބަރަކް އޮބާމާ އަށެވެ. ކެންޔާ ދަރިކޮޅުން އުފަންވި އޮބާމާ އެމެރިކާގެ ރައީސްކަން ކުރެއްވީ 2009 ން 2017 އަށެވެ.

އެމެރިކާގެ ތާރީޚުގައި ވެސް އެ ގައުމުގެ ނައިބު ރައީސްގެ މަގާމަށް އިންތިޚާބުވި އަންހެން ބޭފުޅަކީ، މިހާރު އެ މަގާމުގައި ހުންނެވި، ޑިމޮކްރެޓިކް ޕާޓީގެ ކަމަލާ ހެރިސް އެވެ. އިންޑިއާ ނަސްލުގެ މަންމައަކާއި ޖަމައިކާ ނަސްލުގެ ބައްޕައަކަށް އުފަން ކަމަލާ އަކީ، އެމެރިކާގެ ނައިބު ރައީސްގެ މަގާމު ފުރުއްވާ، އެފްރިކާ އަދި އިންޑިއާ ނަސްލުގެ ފުރަތަމަ ބޭފުޅާ ވެސްމެ އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި އެއްވެސް ޕާޓީއެއްގެ ލީޑަރުގެ މަގާމު މިހާތަނަށް ފުރުއްވި ހަމައެކަނި އަންހެން ބޭފުޅަކީ ވެސް ޑިމޮކްރެޓިކް ޕާޓީގެ ނެންސީ ޕެލޯސީ އެވެ. ދެ ހާސް އޮނަވިހި ވަނަ އަހަރުން ފެށިގެން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ނެންސީއަކީ، އެ މަގާމު ފުރުއްވާ ފުރަތަމަ އަންހެން ބޭފުޅާ ވެސްމެ އެވެ.