Roadha Mihaaru
އެމެރިކާގެ މަޖިލީހުގެ ރައީސް މަގާމުން އަޒުލުކޮށްފި

އެމެރިކާގެ މަޖިލީހުގެ ރައީސް މެކާތީ މަގާމުން އަޒުލުކޮށްފި

04 އޮކްޓޯބަރ 2023

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ކެވިން މެކާތީ އެ މަގާމުން އިއްޔެ އަޒުލުކޮށްފި އެވެ. މިއީ އެމެރިކާގެ މުޅި ތާރީޚުގައި ވެސް، މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ބޭފުޅަކު މަގާމުން އަޒުލުކުރި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ކެވިން މެކާތީ އެ މަގާމުން އިއްޔެ އަޒުލުކޮށްފި އެވެ. މިއީ އެމެރިކާގެ މުޅި ތާރީޚުގައި ވެސް، މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ބޭފުޅަކު މަގާމުން އަޒުލުކުރި ފުރަތަމަ ފަހަރެވެ.

ކެވިން މެކާތީ މަގާމުން އަޒުލުކުރީ، އޭނާ ވެސް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ މެންބަރެއް ކަމަށްވާ، ފްލޮރިޑާ ތަމްސީލު ކުރައްވާ މެމްބަރު މެޓް ގޭޓްޒް މަޖިލީހަށް ހުށަހެޅުއްވި، އިތުބާރު ނެތް ކަމުގެ ގަރާރެއްގަ އެވެ. މަޖިލީހުގެ ތިރިގޭގައި އިއްޔެ ބޭއްވި ޖަލްސާގައި އެ ގަރާރަށް ވޯޓަށް އެހުމުން، މަޖިލީހުގައި މިހާރު ހިމެނޭ ޖުމްލަ 433 މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވީ 426 މެންބަރުންނެވެ.

އޭގެ ތެރެއިން، އެ ގަރާރާ އެއްކޮޅަށް 216 މެންބަރަކު ވޯޓު ދެއްވި އެވެ. އެ ގަރާރާ ދެކޮޅަށް ވޯޓު ދެއްވީ 210 މެމްބަރުންނެވެ. އެ ވޯޓުގައި ހަތް މެމްބަރަކު ބައިވެރި ނުވެ އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި މި ވަގުތު މެޖޯރިޓީ ޕާޓީގެ ގޮތުގައި،221 މެމްބަރުންނާއެކު އޮތީ އިދިކޮޅު ރިޕަބްލިކަން ޕާޓީ އެވެ. ނަމަވެސް އެ ޕާޓީ އަށް ނިސްބަތްވާ މެކާތީ މަގާމުން އަޒުލުކުރީ، ރިޕަބްލިކަން ޕާޓީގެ އަށް މެންބަރަކު ވެސް، މެކާތީ މަގާމުން އަޒުލުކުރުމަށް ވޯޓު ދެއްވުމުންނެވެ.

ކެވިން މެކާތީ، ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތީ، ހުސްވި 2022 ވަނަ އަހަރުގެ ފަހުކޮޅު ބޭއްވި އާންމު އިންތިޚާބުގައި، ރިޕަބްލިކަން ޕާޓީ އަށް މަޖިލީހުގެ ތިރިގޭގެ އަޣުލަބިއްޔަތު ލިބުމާ ގުޅިގެން، މި އަހަރުގެ ޖެނުއަރީ 7 ވަނަ ދުވަހު އެވެ. އޭގެ އަށް މަސް ފަހުން، އޭނާ މަގާމުން ދުރުކުރި އިރު، އަމިއްލަ ޕާޓީގެ ތެރޭގައި ވަނީ އޭނާއާ މެދު ޚިޔާލު ތަފާތުވުން އުފެދިފަ އެވެ.

މެކާތީ މަގާމުން ދުރުކުރުމުގެ މަސައްކަތް ގޭޓްޒް ފެއްޓެވީ، ރައީސް ޖޯ ބައިޑެންގެ ސަރުކާރު ހުއްޓުނަ ނުދިނުމުގެ ގޮތުން ހުށަހެޅި ބިލަށް އޭނާ ތާއީދު ކުރައްވައި، މަޖިލީހުން ފާސްކޮށްދެއްވުމުންނެވެ. އެ ބިލަކީ އެމެރިކާގެ ދަރަނި، އެ ގައުމުގެ މަޖިލީހުން ފާސްކޮށްދީފައިވާ އެންމެ މަތީ މިންވަރަށް ފޯރުމާ ގުޅިގެން، ސަރުކާރު ހުއްޓިދާނެ ކަމުގެ ބިރު އުފެދިފައިވާތީ، އެމެރިކާ ސަރުކާރުން ހުށަހެޅި ބިލެކެވެ.

ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން މެކާތީ އަޒުލުކުރި ނަމަވެސް، ދެން ވެސް އެ މަގާމަށް އައްޔަން ކުރެވޭނީ، ރިޕަބްލިކަން ޕާޓީގެ ބޭފުޅެކެވެ. މެކާތީ އެ މަގާމުން ވަކި ކުރުމަށް، ރިޕަބްލިކަން ޕާޓީގެ ގިނަ މެންބަރުން ދެކޮޅު ހައްދަވާފައިވާތީ، އެ މަގާމަށް އަލުން އައްޔަންކުރުމުގެ ފުރުސަތު އޮތް ނަމަވެސް، މެކާތީ ވިދާޅުވީ ދެން އެ މަގާމަށް ވާދަ ނުކުރައްވާނެ ކަމަށެވެ.

އެހެންކަމުން، ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އެ ޕާޓީގެ ފަރާތުން ވާދަކުރައްވާނީ އަދި އައްޔަން ކުރައްވާނީ ކޮން ބޭފުޅެއް ކަމެއް ޔަގީނެއްނުވެ އެވެ. މަޖިލީހުގެ ރައީސްގެ މަގާމު ހުސްކޮށް އޮވެގެން، މަޖިލީހަށް ހުށަހަޅާފައިވާ އެއްވެސް ބިލެއްގެ މަސައްކަތް ކުރިއަކަށް ނުގެންދެވޭނެ އެވެ.