Roadha Mihaaru
ޔޫކްރޭނަށް ޑްރޯން ދިނުމަށް އަލުން ވިސްނުމަށް ގޮވާލައިފި

ޔޫކްރޭނަށް ޑްރޯން ދިނުމާ މެދު އަލުން ވިސްނުމަށް ގޮވާލައިފި

23 ނޮވެމްބަރ 2022

އެމެރިކާގައި އުފައްދާފައިވާ އެންމެ ފެންވަރު މަތީ އަސްކަރީ ޑްރޯން ކަމަށްވާ، "ގްރޭ އީގަލް ޑްރޯން" ހޯދުމަށް އެދި ޔޫކްރޭނުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު އިތުރަށް ވިސްނުމަށް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓްގެ މެމްބަރުންތަކެއް އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް ދަންނަވައިފި އެވެ.

އެމެރިކާގައި އުފައްދާފައިވާ އެންމެ ފެންވަރު މަތީ އަސްކަރީ ޑްރޯން ކަމަށްވާ، "ގްރޭ އީގަލް ޑްރޯން" ހޯދުމަށް އެދި ޔޫކްރޭނުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު އިތުރަށް ވިސްނުމަށް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓްގެ މެމްބަރުންތަކެއް އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް ދަންނަވައިފި އެވެ.

ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރެޓިކް ޕާޓީގެ 16 މެމްބަރުން ހިމެނޭ ސެނެޓްގެ ގްރޫޕަކުން، ރައީސް ބައިޑެން އަށް ހުށަހެޅުއްވީ، ޔޫކްރޭނުން އެދިފައިވާ ޑްރޯން އެ ގައުމަށް ދިނުމާ މެދު ފުންކޮށް އަލުން ވިސްނެވުމަށެވެ. ޔޫކްރޭނުން އެދިފައިވާ ގްރޭ އީގަލް ޑްރޯންއަކީ، މެދުކެނޑުމެއް ނެތި 24 ގަޑިއިރު ވަންދެން 29000 ފޫޓު މަތިން ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ.

މި ބާވަތުގެ ޑްރޯން ހޯދުމަށް މީގެ ކުރިން ވެސް ޔޫކްރޭނުން އެދުމުން، އެމެރިކާ ސަރުކާރުން ވަނީ އެ ހުށަހެޅުން އަނބުރާ ރައްދުކޮށްފަ އެވެ. އެމެރިކާ ސަރުކާރުން އެކަމަށް ދެކޮޅު ހެދީ، ޔޫކްރޭން ސިފައިން އެ ޑްރޯން ބޭނުންކުރުމުގެ ތެރޭގައި ރަޝިޔާ ސިފައިންގެ ހަމަލާއެއްގައި ޑްރޯނެއް ވައްޓާލައި، އެ ޑްރޯންގައި ހިމެނޭ ސިއްރުތައް ރަޝިޔާ އަށް ލިބިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

އޭގެ އިތުރުން، އެމެރިކާގެ އެފަދަ މުހިންމު އަސްކަރީ ވަސީލަތެއް ނުވަތަ ހަތިޔާރެއްގެ ބޭނުން ހިފައިގެން ރަޝިޔާއާ ދެކޮޅަށް ހަމަލާ ދޭން ފެށުމަކީ، މިހާރު ކުރަމުންދާ ހަނގުރާމަ އިތުރަށް ފުޅާވެދާނެ ކަމެއް ކަމަށް ވެސް ސަރުކާރުން ދެކެ އެވެ.

މި ބާވަތުގެ ޑްރޯން ހޯދުމަށް އެދި ޔޫކްރޭނުން އަނެއްކާ މި ހުށަހެޅީ، ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަށް އީރާންގައި އުފައްދާފައިވާ ޑްރޯންތަކެއް ބޭނުންކޮށްގެން ރަޝިޔާ އިން ޔޫކްރޭންގެ މުހިންމު ތަންތަނަށް ގިނަ ހަމަލާތަކެއް ދީ ބޮޑެތި ގެއްލުންތަކެއް ދޭން ފެށުމުންނެވެ. ޔޫކްރޭނުން ބުނާ ގޮތުގައި އީރާންގެ ޑްރޯންތައް ބޭނުންކޮށްގެން ދޭ ހަމަލާތަކުން ސަލާމަތް ވެވޭނީ، އެމެރިކާގައި އުފައްދާފައި ހުރި ބާރު ގަދަ ޑްރޯންތައް ލިބިގެންނެވެ.

ޔުކްރޭންގެ މި ހުށަހެޅުމާ މެދު އަލުން ވިސްނެވުމަށް ރައީސް ބައިޑެންއަށް ދެންނެވި އިރު، އެކަމަށް އެމެރިކާ ސަރުކާރުން ދެކޮޅު ހަދާ ސަބަބެއް އޮޅުންފިލުވުމަށް ވެސް ސެނެޓަރުން ވަނީ އެދިވަޑައިގެންފަ އެވެ. އެގޮތުން އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮއިސްޓަން އަށް ފޮނުއްވި ސިޓީއެއްގައި ސެނެޓަރުން އެދިފައިވަނީ ގްރޭ އީގަލް ޑްރޯންއަކީ ޔޫކްރޭން ސިފައިން ބޭނުންކުރަން އެކަށީގެންނުވާ އެއްޗެއް ކަމަށް، ދިފާއީ ވުޒާރާއިން ގަބޫލުކުރަނީ ކީއްވެގެންކަން، މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އޮޅުންފިލުވައިދިނުމަށެވެ.