Roadha Mihaaru
"ރަޝިޔާގެ 74 އަވަށެއްގެ ކޮންޓްރޯލް ލިބިއްޖެ"

ރަޝިޔާގެ 74 އަވަށެއްގެ ކޮންޓްރޯލް ނަގާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

14 އޯގަސްޓް 2024

ރަޝިޔާ ތެރެއަށް ވަދެފައިވާ ޔުކްރެއިން ސިފައިން، މިހާތަނަށް ރަޝިޔާގެ މީހުން ދިރިއުޅޭ 74 އަވަށެއްގެ ކޮންޓްރޯލް ނަގާފައިވާ ކަމަށް ޔުކްރެއިންގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ރަޝިޔާ ތެރެއަށް ވަދެފައިވާ ޔުކްރެއިން ސިފައިން، މިހާތަނަށް ރަޝިޔާގެ މީހުން ދިރިއުޅޭ 74 އަވަށެއްގެ ކޮންޓްރޯލް ނަގާފައިވާ ކަމަށް ޔުކްރެއިންގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

މި ފަހުން ޔުކްރެއިންގެ ބޯޑަރު ސަރަހައްދުގެ ބައެއް އަވަށްތައް ރަޝިޔާއިން ހިފާފައި ވަނިކޮށް ރަޝިޔާއަށް ކުރުކްސް ސަރަހައްދުން ޔުކްރެއިން ސިފައިން ވަދެގަތީ މިދިޔަ އަންގާރަ ދުވަހު އެވެ.

ޔުކްރެއިން ސިފައިން 28 އަވަށެއް ހިފާފައިވާ ކަމަށް ކުރުކްސް ސަރަހައްދުގެ ގަވަރުނަރު ވިދާޅުވެފައިވަނިކޮށް، ޒެލެންސްކީ ވަނީ އެ އަދަދު 74 އަރާފައިވާ ކަމަށް އިއުލާނުކުރައްވައިފަ އެވެ.

"އުނދަގޫ އަދި ވަރުގަދަ ހަމަލާތަކާ ކުރިމަތިލަމުން ވެސް އަޅުގަނޑުމެންގެ ލަޝްކަރުތައް ދަނީ ކުރުކްސް ސަރަހައްދުގެ ތެރެއަށް ވަންނަމުން،" ޒެލެންސްކީ ވިދާޅުވި އެވެ.

މި ކުއްލި ހަމަލާއާ ގުޅިގެން، ރަޝިޔާއިން އިތުރު ސިފައިންނާއި ޓޭންކާއި ޑްރޯންތަކާއި ބަރު ހަތިޔާރުތައް ވަނީ ބޯޑަރު ސަރަހައްދަށް ޖަމާކޮށްފަ އެވެ. އަދި ރައީސް ލަޑީމިއާ ޕުޓިން މިހާރު ވަނީ ރަޝިޔާ ތެރޭގައި ތިބި ޔުކްރެއިން ސިފައިން ހުއްޓުވައި ބޭރުކުރުމަށް އަމުރުކުރައްވައިފަ އެވެ.

ޕުޓިން ވިދާޅުވީ ދުޝްމަނުންގެ އެއް އަމާޒަކީ ރަޝިޔާ ތެރޭގައި ފިތުނަ ފަސާދަ އާއި ހަމަނުޖެހުން އުފައްދައި، މީހުންނަށް ބިރު ދެއްކުމާއި މުޖުތަމައުގެ އެއްބައިވަންތަކަން ނަގާލުންކަން ސާފުކޮށް އެނގޭ ކަމަށެވެ.

ރަޝިޔާ އާއި ޔުކްރެއިނުން 2014 ވަނަ އަހަރުން ފެށިގެން ހަނގުރާމަކުރަމުން ގޮސް ޔުކްރެއިނަށް ރަޝިޔާ ސިފައިން އެރީ ފެބްރުއަރީ 24، 2022 ގަ އެވެ.