Roadha Mihaaru
މައިކް ޕެންސް ވެސް ރިޔާސީ ރޭހަށް

މައިކް ޕެންސް ވެސް ރިޔާސީ ރޭހަށް

01 ޖޫން 2023

މިއަންނަ އަހަރުގެ ނޮވެމްބަރު މަހު އެމެރިކާގައި އޮންނަ ރިއާސީ އިންތިޚާބުގައި، އެ ގައުމުގެ ކުރީގެ ނައިބު ރައީސް މައިކް ޕެންސް ވާދަކުރައްވަން ނިންމަވައި މި މަހުގެ 7 ވަނަ ދުވަހު އެކަން އިއުލާން ކުރައްވާނެ ކަމަށް، އެމެރިކާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

މިއަންނަ އަހަރުގެ ނޮވެމްބަރު މަހު އެމެރިކާގައި އޮންނަ ރިއާސީ އިންތިޚާބުގައި، އެ ގައުމުގެ ކުރީގެ ނައިބު ރައީސް މައިކް ޕެންސް ވާދަކުރައްވަން ނިންމަވައި މި މަހުގެ 7 ވަނަ ދުވަހު އެކަން އިއުލާން ކުރައްވާނެ ކަމަށް، އެމެރިކާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މައިކް ޕެންސް އެކަން އިއުލާން ކުރައްވާނީ، އަޔޮވާ ސްޓޭޓްގެ ވެރިރަށް ޑެ މޯއިންގައި އެ ދުވަހު އޮންނަ ރަސްމިއްޔާތެއްގަ އެވެ. އޭނާގެ އިތުރުން ނިއު ޖާޒީގެ ގަވަރުނަރު ކްރިސް ކްރިސްޓީ ވެސް މިހާރު ވަނީ ރިއާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައި، މިފެށޭ ހަފުތާގައި އެކަން އިއުލާން ކުރައްވަން ނިންމަވައިފަ އެވެ.

ނޫސްތަކުން ބުނާ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވަން ނިންމެވިކަން ކްރިސް ކްރިސްޓީ އިއުލާން ކުރައްވާނީ މި މަހުގެ 6 ވަނަ ދުވަހު ނިއު ހެމްޝަޔާގައި އޮންނަ ރަސްމިއްޔާތެއްގަ އެވެ. ކްރިސްއަކީ އެއް ދުވަސްވަރެއްގައި ޓްރަމްޕުގެ ވަރަށް އަރިސް ބޭފުޅަށް ވިޔަސް، ޓްރަމްޕުގެ ސަޕޯޓަރުން، ޖެނުއަރީ 6، 2021 ގައި ގާނޫނު ހަދާ މަޖިލީހަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކަށް ފަހު، ކްރިސް ފާހަގަކުރެވިފައިވަނީ ޓްރަމްޕަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގަ އެވެ.

ޕެންސްއަކީ ވެސް އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ބޭފުޅަކަށް ވާތީ، ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ނަމަ އޭނާއަށް ވެސް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ، ކުރީގެ ރައީސް ޑޮނަލްޓް ޓްރަމްޕާ ވާދަކުރައްވައި ޕާޓީގެ ޓިކެޓް ހޯއްދެވުމެވެ. ޓްރަމްޕުގެ އިތުރުން، ޕާޓީގެ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައިވަނީ ފްލޮރިޑާގެ ގަވަރުނަރު ރޯން ޑިސެންޓިސް އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން، ރިއާސީ ޓިކެޓަށް ވާދަކުރައްވާނެކަން އަންނަ ހަފުތާގައި އިއުލާން ކުރައްވަން ނިންމަވާފައިވާ ނިއު ޖާޒީގެ ގަވަރުނަރު ކްރިސް ކްރިސްޓީއަކީ ވެސް އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ބޭފުޅެކެވެ. އެހެންކަމުން، މިހާތަނަށް އެ ލިސްޓުގައި ހަތަރު ބޭފުޅެއްގެ ނަން ލިޔެވުނީ އެވެ. އެ ހަތަރު ބޭފުޅުންގެ ތެރެއިން ވާދަވެރިކަން އެންމެ ބޮޑުވާނެ ކަމަށް ބެލެވެނީ ކުރީގެ ރައީސް ޑޮނަލްޓް ޓްރަމްޕާއި ކުރީގެ ނައިބު ރައީސް މައިކް ޕެންސްއާ ދެމެދު އެވެ.

ޕާޓީގެ ޓިކެޓް ހޯއްދަވަން މައިކް ޕެންސް ނުކުންނަވާ އިރު، އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ، ޓްރަމުގެ ކަޅު ސިޔާސީ ހިޔަނިން ނެއްޓިފައިވާ ކަން، ޕާޓީގެ އާންމު ރައްޔިތުންނަށް ގަބޫލުކޮށްދިނުމެވެ. ޓްރަމްޕުގެ ވެރިކަމުގައި ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވީ ޕެންސް ކަމަށްވާތީ، ޓްރަމްޕުގެ ވެރިކަމާ މެދު އުފެދިފައިވާ ކޮންމެ ނަފްރަތެއް، ޕެންސް އަށް ވެސް ރައްދުވާނެ އެވެ.

އެހެން ނަމަވެސް، 2021 ވަނަ އަހަރުގެ ރިއާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ، ގާނޫނު ހަދާ މަޖިލީހުން ތަސްދީގު ކުރި ދުވަހު، ޕެންސް އަމަލުކުރެއްވި ގޮތުން ޕާޓީގެ މެމްބަރުންގެ މެދުގައި އޭނާ އަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ދެބައިވެފަ އެވެ. އެ ދުވަހު ރައީސް ޓްރަމްޕު މަސައްކަތް ކުރެއްވީ، ޕެންސް ލައްވައި އިންތިޚާބުގެ ނަތީޖާ ތަސްދީގު ކުރުން ހުއްޓުވުމަށެވެ.

ނަމަވެސް އޭގެ ބަދަލުގައި ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ރައީސްގެ ހައިސިއްޔަތުން މައިކް ޕެންސް އެ ދުވަހު، ޓްރަމްޕަށް ނޫނެކޭ ވިދާޅުވެ، ބައިޑެން ވެރިކަމަށް ވަޑައިގަތުމަށް މަގު ފަހިކޮށްދެއްވި އެވެ. ޕެންސްގެ ފަރާތުން އެއްބާރުލުމެއް ލިބިވަޑައިނުގަތުމުން، ރައީސް ޓްރަމްޕުގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލީހަށް ފޮނުވައިގެން ބޮޑު ހަމަނުޖެހުމެއް ހިންގައި ބޮޑެތި ގެއްލުންތަކެއް ދިނެވެ.