Roadha Mihaaru
ކޯޓުގައި ހެކިބަސް ދެއްވުމަށް ޕެންސަށް އަމުރުކޮށްފި

ކޯޓުގައި ހެކިބަސް ދެއްވުމަށް ޕެންސަށް އަމުރުކޮށްފި

29 މާޗް 2023

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ބަޔަކު، ޖެނުއަރީ 6، 2021 ގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކާ ގުޅޭ ތަހުގީގަށް ހެކިބަސް ދެއްވުމަށް، އޭރުގެ ނައިބު ރައީސް މައިކް ކޯޓަށް ވަޑައިގަތުމަށް ކޯޓުން އިއްޔެ އަމުރު ކޮށްފި އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ބަޔަކު، ޖެނުއަރީ 6، 2021 ގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކާ ގުޅޭ ތަހުގީގަށް ހެކިބަސް ދެއްވުމަށް، އޭރުގެ ނައިބު ރައީސް މައިކް ކޯޓަށް ވަޑައިގަތުމަށް ކޯޓުން އިއްޔެ އަމުރު ކޮށްފި އެވެ.

އެ ދުވަހު ޓްރަމްޕުގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް، ކެޕިޓޯލް އަށް ވަދެގަތީ އެ އިމާރާތާ މާ ދުރު ނޫން ހިސާބެއްގައި، ޓްރަމްޕުގެ ބޭއްވެވި އާންމު އެއްވުމެއްގައި އެކަމަށް ގޮވާލައި ހިތްވަރު ދެއްވުމުންނެވެ. އޭނާގެ ގޮވައިލެއްވުމަށް ކެޕިޓޯލްގެ ތެރެއަށް 2000 އަށް ވުރެ ގިނަ މީހުން ވަދެގަތް އިރު، ބައެއް މީހުން ވަނީ އެ އިމާރާތަށް އެކިވަރުގެ ގެއްލުންތައް ދީފަ އެވެ.

ޓްރަމްޕުގެ ސަޕޯޓަރުން ޖެނުއަރީ 6 ވަނަ ދުވަހު ހިންގި ހަމަނުޖެހުމުގައި ފުލުހުންގެ ލައިން ފަޅާލައި ކެޕިޓަލް އިމާރާތަށް ވަންނަން މަސައްކަތް ކުރަނީ. --އޭއެފްޕީ ފައިލް ފޮޓޯ

ޓްރަމްޕުގެ ސަޕޯޓަރުން ޖެނުއަރީ 6 ވަނަ ދުވަހު ހިންގި ހަމަނުޖެހުމުގައި ފުލުހުންގެ ލައިން ފަޅާލައި ކެޕިޓަލް އިމާރާތަށް ވަންނަން މަސައްކަތް ކުރަނީ. --އޭއެފްޕީ ފައިލް ފޮޓޯ

ސަޕޯޓަރުން ކެޕިޓޯލް އަށް ވަދެގަތުމަށް ޓްރަމްޕު ގޮވައިލެއްވީ، ނޮވެމްބަރު 2020 ގައި އެ ގައުމުގައި އޮތް ރިއާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ، ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމަށް ބޭއްވި ޖަލްސާ އަށް ހުރަސްއެޅުމުގެ ގޮތުންނެވެ. އެދުވަހު އޮތް ޖަލްސާގެ ރިއާސަތުގައި އިންނެވީ، ސެނެޓްގެ ރައީސް ހައިސިއްޔަތުން، ނައިބު ރައީސް މައިކް ޕެންސް އެވެ.

ޕެންސް ކޯޓަށް ވަޑައިގަތުމަށް ކޯޓުން އަމުރު ކޮށްފައިވަނީ، ކެޕިޓޮލް އަށް ވަދެގަތް ހާދިސާއާ ގުޅޭ ގޮތުން، އޭރުގެ ރައީސް ޓްރަމްޕާއި ޕެންސްއާ ދެމެދު އެއްވެސް ވާހަކައެއް ދެކެވިފައިވާ ނަމަ، އެ ވާހަކައެއް ތަހުގީގަށް ކިޔައިދެއްވުމަށެވެ. ޕެންސްގެ ފަރާތުން އޮޅުންފިލުވަން ކޯޓުން ބޭނުންވަނީ، ކެޕިޓޮލް އަށް ވަދެގަތް ހާދިސާއާ ގުޅޭ ގޮތުން، ރައީސް ޓްރަމްޕު ޣައިރު ގާނޫނީ އެއްވެސް އަމަލެއް ހިންގަވާފައިވޭތޯ އެވެ.

ޚަބަރު ފަތުރާ ބައެއް ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި، ކޯޓަށް ވަޑައިގެން ހެކިބަސް ދެއްވުމަށް ދަށު ކޯޓުން ނެރެފައިވާ އަމުރު އިސްތިއުނާފު ކުރުމަށްޓަކައި، ޕެންސްގެ ވަކީލުން މިހާރު ގެންދަވަނީ އެ އަމުރު ދިރާސާ ކުރައްވަމުންނެވެ. އޭނާގެ ވަކީލުންގެ ޓީމުން މީގެ ކުރިން ބުނެފައިވަނީ، ގާނޫނު ހަދާ މަޖިލީހުގައި ދައްކާ ވާހަކަތަކަށް ލިބިގެންވާ އިމްތިޔާޒުގެ ދަށުން، ޕެންސް އަށް ވެސް ހިމާޔަތް ލިބިފައިވާތީ، ކޯޓަށް ވަޑައިގެން ހެކިބަސް ދެއްވަން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް އިއްޔެ ކޯޓުން ފޮނުވި އަމުރުގައި ވަނީ، ސެނެޓްގެ ޖަލްސާގައި އެ ދުވަހު ޕެންސް އަމަލު ކުރެއްވި ގޮތެއް ނުވަތަ ދެއްކެވި ވާހަކަތަކެއް އޮޅުން ފިލުވަން ނޫން ކަމަށްވާތީ، އެ އަމުރު އިސްތިއުނާފު ކުރެވިދާނެތޯ ވަކީލުން ގެންދަވަނީ ދިރާސާ ކުރައްވަމުންނެވެ.

ޓްރަމްޕުގެ ރައީސްކަމުގެ ދައުރުގައި ނައިބު ރައީސްގެ މަގާމުގައި ހުންނެވި މައިކް ޕެންސް މީގެ ކުރިންވެސް ވަނީ، ޖެނުއަރީ 6، 2021 ގައި ޓްރަމްޕު އަމަލު ކުރެއްވި ގޮތް ކުށްވެރި ކުރައްވައިފަ އެވެ.

"އޭނާ (އެ ދުވަހު ދެއްކެވި) ޒިންމާދާރުކަމެއް ނެތް ވާހަކަތަކުގެ ސަބަބުން، އަހަރެންގެ އާއިލާ އާއި އެ ދުވަހު ކެޕިޓޮލްގައި ތިބިހާ ބައެއް، ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ދިޔަ. އަދި އެމެރިކާގެ ތާރީޚުން ޑޮނަލްޑް ޓްރަމްޕު ކޮންމެވެސް ދުވަހަކުން ޖަވާބުދާރީ ކުރުވާނެކަން އަހަރެންނަށް އެނގޭ،" މި މަހު ކުރީކޮޅު ވޮޝިންޓަންގައި ބޭއްވި ބައްދަލުވުމެއްގައި ޕެންސް ވިދާޅުވި އެވެ.