08 ޖޫން 2023
ވެރިކަމުން ވަކިވެވަޑައިގަތުމަށް ފަހު ވެސް، ވެރިކަމުގައި ހުންނެވި ދުވަސްވަރުގެ ސަރުކާރުގެ ލިޔުންތަކެއް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގެންގުޅުއްވި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ، ޓްރަމްޕުގެ މައްޗަށް ތަހުގީގު އަމާޒުކޮށްގެން ކަމަށް ދައުލަތުގެ ވަކީލުން ޓްރަމްޕަށް އަންގައިފި އެވެ.
ވެރިކަމުން ވަކިވެވަޑައިގަތުމަށް ފަހު ވެސް، ވެރިކަމުގައި ހުންނެވި ދުވަސްވަރުގެ ސަރުކާރުގެ ލިޔުންތަކެއް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގެންގުޅުއްވި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ، ޓްރަމްޕުގެ މައްޗަށް ތަހުގީގު އަމާޒުކޮށްގެން ކަމަށް ދައުލަތުގެ ވަކީލުން ޓްރަމްޕަށް އަންގައިފި އެވެ.
އެމެރިކާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން، ވެރިކަމުން ވަކިވެވަޑައިގަތުމަށް ފަހު ދައުލަތުގެ ސިއްރު ލިޔުންތަކެއް ފޮރުވައިގެން ގެންގުޅުއްވި މައްސަލައިގައި، ޓްރަމްޕުގެ މައްޗަށް ތުހުމަތުކުރެވޭ ކަމަށް، ދައުލަތުގެ ވަކީލުން މިހާރު ވަނީ ޓްރަމްޕުގެ ވަކީލުންނަށް ރަސްމީކޮށް އަންގައިފަ އެވެ. ނިއު ޔޯކް ޓައިމްސް އާއި ބައެއް އެހެން ނޫސްތަކުން އިއްޔެ ބުނި ގޮތުގައި، ސްޕެޝަލް ކައުންސެލް ޖެކް ސްމިތުގެ އޮފީހުން އެކަން ރަސްމީކޮށް މިހާރު ވަނީ ލިޔުމުން ޓްރަމްޕުގެ ވަކީލުންނަށް އަންގައިފަ އެވެ.
ޖިނާއީ މައްސަލައެއްގައި އެއްވެސް މީހެއްގެ މައްޗަށް ތުހުމަތުކޮށް ދައުލަތުގެ ފަރާތުން ތަހުގީގެއް ކުރާ ނަމަ، އެ ގައުމުގެ ޖަސްޓިސް ޑިޕާޓްމަންޓްގެ ފަރާތުން އެމީހަކަށް އެކަން ރަސްމީކޮށް އަންގާނެ އެވެ. އެކަން އެ ގޮތަށް ކުރަނީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުން ދިފާއުވުމަށް، ނުވަތަ އޭނާއާ ދެކޮޅަށް ބޭނުންކުރެވިދާނެ އެއްވެސް ހެއްކެއް އޮތް ނަމަ، އެ ހެއްކެއް ޖޫރީންނަށް ހުށަހެޅުމުގެ ފުރުސަތު އެމީހަކަށް ދިނުމުގެ ގޮތުންނެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން އެކަން އަންގައި ނޯޓިސް ފޮނުވުމަކީ، އެމީހެއްގެ މައްޗަށް ރަސްމީކޮށް ދައުވާ ކުރުމެއް ނޫނެވެ. އަދި އެފަދަ ކޮންމެ ނޯޓިސްއަކާ ގުޅިގެން ދައުވާ ކުރުން ވެސް ލާޒިމެއް ނޫނެވެ. ސަބަބަކީ އެ ތުހުމަތަކާ ގުޅޭ ގޮތުން ކުރާ ތަހުގީގުގެ ހޯދުންތަކުން، އެ ތުހުމަތު އެމީހެއްގެ މައްޗަށް ސާބިތުނުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ރިއާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނީ ޓްރަމްޕު ކަމަށް ބެލެވޭއިރު، އޭނާގެ މައްޗަށް މިހާރުވެސް ވަނީ ފައިސާގެ ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ދައުވާކޮށްފަ އެވެ. އަދި 2020 ވަނަ އަހަރު އޮތް ރިއާސީ އިންތިޚާބުގެ ނަތީޖާ، ބަދަލުކޮށްލުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ޓްރަމްޕަށް ދައުވާކޮށްފައިވަނީ، ބަރަހަނާ ފިލްމު ކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއާ އެކުގައި ޓްރަމްޕު ޖިންސީ ގުޅުން ހިންގި މައްސަލައެއް ފެންމަތިވުމުން، އެވާހަކަ ނުދެއްކުމަށް ޓްރަމްޕުގެ ފަރާތުން އޭނާ އަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގަ އެވެ. ސްޓޯމީގެ ފަރާތުން އެ ވާހަކަތައް ފަޅާއަރުވައިލީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި ވަނިކޮށެވެ.
އެ ވާހަކަތައް އިތުރަށް ނުދެއްކުމަށް އެދި، 2016ގެ ރިއާސީ އިންތިޚާބުގެ އެއް މަސް ކުރިން ޓްރަމްޕުގެ ފަރާތުން ސްޓޯމީ އަށް 130000 ޑޮލަރު ދިން ކަމަށް، ޓްރަމްޕުގެ ކުރީގެ ވަކީލު މިޝެލް ކޮއެން ވަނީ، ހުވާ ކުރައްވައި ހެކިބަސް ދެއްވައިފަ އެވެ.
ދައުލަތުގެ ސިއްރު ލިޔުންތަކެއް ފޮރުވައިގެން ގެންގުޅުއްވި މައްސަލަ، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގު ކުރަން ފަށާފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ތަހުގީގުތައް ފެށީ، ވެރިކަމުގެ ދުވަސްވަރު އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ބޭނުންކުރެއްވި ހުރިހާ ލިޔުންތަކެއް، ވެރިކަން ދޫކޮށްލައްވާއިރު ހަވާލުކުރަންޖެހޭ އިދާރާ ހަވާލު ނުކުރާ ކަމަށް، ކަމާ ބެހޭ އިދާރާގެ އޮފިޝަލުންނަށް ކުރެވުނު ޝައްކުތަކާ ގުޅިގެންނެވެ.
އެ ތަހުގީގުގައި ޖަސްޓިސް ޑިޕާޓްމަންޓުގެ އޮފިޝަލުން ޓްރަމްޕުގެ އަމިއްލަ ގެކޮޅު ބަލައި ފާސްކުރި އިރު، ސަރުކާރުގެ 13000 އާ ގާތްކުރާ އަދަދެއްގެ ލިޔުން އެ ގޭގެ އަލަމާރިތަކުން ފެނުނެވެ. އޭގެ ތެރެއިން 100 ލިޔުމެއްގައި "ސިއްރު" ޖަހާފައި އޮތެވެ.
އަމިއްލަ ގެކޮޅުން ސިއްރު ލިޔުންތަކެއް ފެނުމާ ގުޅިގެން ޓްރަމްޕުގެ ވިދާޅުވެފައިވަނީ، އެ ލިޔުންތަކަކީ އޭނާ ވެރިކަމުގައި ހުންނެވި ދުވަސްވަރު، ސިއްރު ނޫން ކަމަށް ފަހުން ކަނޑައަޅާފައިވާ ލިޔުންތަކެއް ކަމަށެވެ. ނަމަވެސް އެ ލިޔުންތަކަކީ ސިއްރު ނޫން ލިޔުންތަކެއް ކަމަށް ކަނޑައެޅުއްވި ކަމުގެ އެއްވެސް ހެއްކެއް، ޓްރަމްޕުގެ ފަރާތުން ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ވެސް ނެތެވެ.
ރައީސް ޓްރަމްޕަކީ އެމެރިކާގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން، މިހާތަނަށް ޖިނާއީ ދައުވާއެއް އުފުލިފައިވާ ފުރަތަމަ ރައީސެވެ. އަދި ވެރިކަމުގައި ހުންނެވި ދުވަސްވަރު ވެސް އެމެރިކާގެ އެއްވެސް ރައީސެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައިފައެއް ނެތެވެ.
ޓްރަމްޕާއި އިންތިޚާބާ ދެމެދަށް ގާނޫނުއަސާސީ
އިންތިޚާބާ ގުޅޭ ތުހުމަތުތަކުގައި ޓްރަމްޕަށް ދައުވާކޮށްފި
ފަނޑިޔާރުގެ ވަރުގަދަ އިންޒާރެއް ޓްރަމްޕަށް
އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްލަން އުޅުނިން: ޓްރަމްޕު
މިއީ ސިޔާސީ ވާދަވެރިއަކަށް ކުރާ ގޯނާއެއް: ޓްރަމްޕް
ތުހުމަތުތަކަށް ޓްރަމްޕް އިންކާރު، އެއްޗެއް ވިދާޅެއްނުވި
ދައުވާތައް ސާބިތުވެއްޖެއްޔާ ޓްރަމްޕު ހަނާވެގެންދާނެ
ސިއްރު ލިޔުންތައް ފޮރުވާފައި ހުރީ ޓްރަމްޕުގެ ފާޚާނާގައި
މައިކް ޕެންސް ވެސް ރިޔާސީ ރޭހަށް
ޓްރަމްޕު ޖިންސީ ގޯނާކުރި، ބަދަލަށް 5 މިލިއަން ޑޮލަރު