Roadha Mihaaru
ސިއްރު ލިޔުންތައް ފޮރުވާފައި ހުރީ ޓްރަމްޕުގެ ފާޚާނާގައި

ސިއްރު ލިޔުންތައް ފޮރުވާފައި ހުރީ ޓްރަމްޕުގެ ފާޚާނާގައި

12 ޖޫން 2023

ވެރިކަމުގައި ހުންނެވި ދުވަސްވަރުގެ ސަރުކާރުގެ ލިޔުންތަކެއް ވެރިކަމުން ވަކިވެވަޑައިގަތުމަށް ފަހު، ގާނޫނާ ޚިލާފަށް ފޮރުވައިގެން ގެންގުޅުނު މައްސަލައިގައި، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް 37 ޖިނާއީ ދައުވާއެއް އުފުލައިފި އެވެ.

ވެރިކަމުގައި ހުންނެވި ދުވަސްވަރުގެ ސަރުކާރުގެ ލިޔުންތަކެއް ވެރިކަމުން ވަކިވެވަޑައިގަތުމަށް ފަހު، ގާނޫނާ ޚިލާފަށް ފޮރުވައިގެން ގެންގުޅުނު މައްސަލައިގައި، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް 37 ޖިނާއީ ދައުވާއެއް އުފުލައިފި އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި ޓްރަމްޕުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އެމެރިކާގެ ގައުމީ ދިފާއާ ބެހޭ މައުލޫމާތުތަކެއް ގަސްދުގައި އަމިއްލައަށް ފޮރުވައިގެން ގެންގުޅުމާއި، އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށް ހިމެނެ އެވެ. އޭގެ އިތުރުން، އެ ކަންކަން ފޮރުވުމަށް ދޮގު ބަޔާންތައް ދެއްވުމުގެ ދައުވާ ވެސް ޓްރަމްޕުގެ މައްޗަށް އުފުލާފައިވެ އެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެރިކަމުން ވަކިވެވަޑައިގަތުމަށް ފަހު، ސަރުކާރުގެ ސިއްރު ލިޔުންތަކެއް ފޮރުވާފައި ހުރީ، ފްލޮރިޑާގައި ހުންނަ ޓްރަމްޕުގެ އަމިއްލަ ގެ ކަމަށްވާ މާރް-އާ-ލާގޯ ރިސޯޓްގަ އެވެ. އެމެރިކާގެ ޖިނާއީ ތަހުގީގުތަކާ ބެހޭ މަރުކަޒީ އިދާރާގެ އޮފިޝަލުން އެ ގެކޮޅަށް ވަނީ، އޮގަސްޓް 8، 2022ގަ އެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި އެމެރިކާ ސަރުކާރުގެ ސިއްރު ލިޔުންތަކުގެ ތެރެއިން ބައެއް ލިޔުންތައް ރައީސް ޓްރަމްޕު ފޮރުވާފައި ހުރީ މާރް-އާ-ލާގޯ ރިސޯޓްގެ ފާޚާނާގަ އާއި ފެންވަރާ ބައިގަ އެވެ. އެ ލިޔުންތައް ހުރީ ފާޚާނާ އާއި ފެންވަރާ ބައިގެ ތެރޭގައި ފާރު ކައިރީގައި ބަރިއަކަށް އަތުރާފައި ހުރި ކަރުދާސް ފޮށިތަކެއްގަ އެވެ.

އެ ތަނުން ފެނުނު ސިއްރު ލިޔުންތަކުގެ ތެރޭގައި އެމެރިކާގެ ޚާރިޖީ ދިފާއީ ގާބިލުކަމާ ބެހޭ މައުލޫމާތު ހިމެނޭ ލިޔުންތަކާއި، އެމެރިކާގެ ނިއުކްލިއާ ޕްރޮގްރާމްތަކާ ބެހޭ ސިއްރު ލިޔުންތައް ވެސް ހިމެނެ އެވެ. އޭގެ އިތުރުން އެމެރިކާ އަށް ދީފާނެ އަސްކަރީ ހަމަލާތަކާ ބެހޭ ސިއްރު މައުލޫމާތުތަކާއި، އެފަދަ ހަމަލާއަކަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާ އިން ހަމަލާ ދޭނެ ގޮތުގެ މައުލޫމާތު ހިމެނޭ ލިޔުން ވެސް ހިމެނެ އެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން އާންމު ކުރި މި މައުލޫމާތުތަކާ ގުޅިގެން، މިދިޔަ ހުކުރު ދުވަހު ޓްރަމްޕު ވަނީ ރައީސް ޖޯ ބައިޑެންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓުރުތު ސޯޝަލްގައި ވިދާޅުވި ގޮތުގައި އޭނާއާ ދެކޮޅަށް ޖަސްޓިސް ޑިޕާޓްމަންޓުން ފަށައިގެން އުޅޭ ތަހުގީގަކީ، ބައިޑެންގެ މަގުބޫލުކަން ދަށްވަމުން ދާތީ، އާންމުންގެ ސަމާލުކަން އަތުލުމަށް ކުރަމުންދާ ކަމެކެވެ.

ޓްރަމްޕު ވިދާޅުވީ މިހާރުގެ ރައީސް ބައިޑެން، އެމެރިކާގެ ނައިބު ރައީސްކަމުގެ މަގާމުގައި (2009-2017) ހުންނެވި ދުވަސްވަރުގެ ލިޔުންތަކެއް ވެސް، ބައިޑެންގެ އަމިއްލަ ގެކޮޅުގައި ފޮރުވާފައި ހުރި މައްސަލަ، އެމެރިކާ ސަރުކާރަށް މާ ބޮޑު ކަމަކަށް ނުވެ އެވެ. ބައިޑެން އަކީ ވައްކަން ކުރެއްވުމުގެ ރެކޯޑް އޮތް ބޭފުޅެއް ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

ޓްރަމްޕު އެ އިޝާރާތް ކުރެއްވީ ޖަސްޓިސް ޑިޕާޓްމަންޓުގެ ތަހުގީގު ޓީމަކުން، ޑެލްވެއާގައި ހުރި ބައިޑެންގެ އަމިއްލަ ގެއެއް ބަލައި ފާސްކުރި އިރު އެ ގެއިން ފެނުނު ސިއްރު ލިޔުންތަކަށެވެ. މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ތަހުގީގު ޓީމުން އެ ގެއަށް ވަދެ ބަލައި ފާސްކުރި އިރު ފެނުނު ލިޔުންތަކުގެ ތެރޭގައި، އެމެރިކާގެ ސެނެޓްގައި ޑެލްވެއާ ތަމްސީލް ކުރައްވާ މެމްބަރެއްގެ ގޮތުގައި ހުންނެވި (1973-2009) ދުވަސްވަރުގެ ލިޔުންތަކެއް ވެސް ހިމެނެ އެވެ.