Roadha Mihaaru
އަނެއްކާވެސް ޓްރަމްޕް/ބައިޑެންގެ ކުރިމަތިލުމަކަށް ވެދާނެ

އަނެއްކާވެސް ޓްރަމްޕާއި ބައިޑެންގެ ކުރިމަތިލުމަކަށް ވެދާނެ

25 ޖެނުއަރީ 2024

އެމެރިކާގެ ރިޔާސީ އިންތިހާބުގައި އަނެއްކާވެސް މިހާރުގެ ރައީސް ޖޯ ބައިޑެން އާއި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރިމަތިލުމަކަށް ހިނގައިދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެން ފަށައިފި އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި އަނެއްކާވެސް މިހާރުގެ ރައީސް ޖޯ ބައިޑެން އާއި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރިމަތިލުމަކަށް ހިނގައިދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެން ފަށައިފި އެވެ.

ޓްރަމްޕުގެ ވެރިކަން ނިމުމަކަށް ގެންނެވި ބައިޑެން ޑިމޮކްރެޓްސްގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާއިރު އިދިކޮޅު ރިޕަބްލިކަންގެ ޕްރައިމަރީތަކުގައި ޓްރަމްޕް ހޯއްދަވަމުން ގެންދަވާ ކާމިޔާބީތަކާ އެކު ޔަގީންކަން ބޮޑުވީ އަންގާރަ ދުވަހު ނިއު ހެމްޝަޔާގެ ޕްރައިމަރީ ވެސް ކާމިޔާބުކުރެއްވުމާ އެކުގަ އެވެ.

ޓްރަމްޕުގެ ވެރިކަމުގައި އދ.ގެ މަންދޫބަކަށް ހުންނެވި ހޭލީގެ މައްޗަށް ޓްރަމްޕް ކުރި ހޯދެއްވީ 54 ޕަސެންޓުގެ ވޯޓާ އެކުގަ އެވެ.

ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި، އުމުރުން 77 އަހަރުގެ ޓްރަމްޕުގެ ހަމައެކަނި ވާދަވެރިޔާ ނިކީ ހޭލީ ވަނީ ނާކާމިޔާބީއާ އެކު ވެސް، އަދިވެސް އުންމީދު އެބަ އޮތް ކަމަށް ވިދާޅުވެ ރޭހުން ވަކިވާން ދެކޮޅު ހައްދަވައިފަ އެވެ. އެކަމަކު ޕްރައިމަރީތަކުގެ ނަތީޖާތައް އަންނަ ގޮތަށް ބަލާއިރު އޭނާ އަށް ކާމިޔާބުވުމަކީ ވެދާނެ ކަމެއްގެ ގޮތުގައެއް މިހާރު ނުބެލެވެ އެވެ.

ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް އުންމީދު ބޮޑުވެފައިވާ ޓްރަމްޕް އަންގާރަ ދުވަހުގެ ކާމިޔާބީއާ އެކު ދެއްވި ތަގުރީރުގައި އާދައިގެ މަތިން ހޭލީ އަށް ބަހުގެ ހަމަލާތައް ދެއްވި އެވެ. ހޭލީ އަށް "ވަރަށް ގޯސް ރެއެއް" ތަޖުރިބާކުރެވިއްޖެ ކަމަށް ވިދާޅުވެ ހޭލީގެ ހެދުން އެޅުމަށް ވެސް ޓްރަމްޕް ފާޑު ވިދާޅުވި އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިއު ހެމްޝަޔާގެ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށް ފަހު އަންގާރަ ދުވަހު އުފާ ފާޅުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިއު ހެމްޝަޔާގެ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށް ފަހު އަންގާރަ ދުވަހު އުފާ ފާޅުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ

އުމުރުން 81 އަހަރުގެ ރައީސް ބައިޑެން ވެސް މިހާރު ގަބޫލުކުރައްވަނީ އަލުން ޓްރަމްޕާ ވާދަކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. ބައިޑެން ވިދާޅުވީ ޓްރަމްޕަކީ އެމެރިކާގެ ގިނަ މީހުން ބޭނުންވާ ހޮވުމެއް ނޫން ކަމަށާއި ނޮވެމްބަރު މަހަކީ އެމެރިކާގެ ޑިމޮކްރަސީގެ ކުރިމަގު ކަނޑައަޅަން ރައްޔިތުންނަށް އޮތް ފުރުސަތު ކަމަށެވެ.

ރިޕަބްލިކަންގެ މެދުމިނު ސިޔާސަތުގެ ސަޕޯޓަރުންގެ ގިނަ މީހުން ތިބީ ހޭލީއާ އެކުގަ އެވެ. އެ މީހުން ބުނަނީ ޓްރަމްޕް ވެރިކަމުގައި ހިންގަވާފައިވާ ގާނޫނާ ހިލާފް އަމަލުތަކުގެ ސަބަބުން އޭނާގެ މައްޗަށް ޖިނާއީ 91 ތުހުމަތެއް އޮތުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ބައިޑެންގެ ކެމްޕޭނުން މިހާރު ދަނީ ވާދަވެރިޔަކަށް ވާނީ ޓްރަމްޕް ކަމަށް ނިންމައި ކެމްޕެއިން މެޓީއަލްތައް ވެސް ޓްރަމްޕަށް އަމާޒުކޮށް ހަދަމުންނެވެ. ޑިމޮކްރެޓުން ބުނަނީ ޓްރަމްޕް ރިޔާސީ ކެންޑިޑޭޓަކަށް ވުމަކީ ބައިޑެން އަށް އެންމެ ފަސޭހަ ގޮތް ކަމަށެވެ. --އޭއެފްޕީ