Roadha Mihaaru
ބައިޑަންގެ ފުރަތަމަ ދުވަހު މުސްލިމުން މަނާކުރުން ބާތިލް

ބައިޑަންގެ ފުރަތަމަ ދުވަހު ވެސް މުސްލިމުން މަނާކުރުމުގެ އަމުރު ބާތިލް

21 ޖެނުއަރީ 2021

ވޮޝިންޓަން (ޖެނުއަރީ 21) - ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު ޖޯ ބައިޑަން ވައިޓް ހައުސް އަށް ވަޑައިގެން ކުރެއްވި ފުރަތަމަ މަސައްކަތްތަކުގެ ތެރޭގައު ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބައެއް ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުސްލިމް ބައެއް ގައުމުތަކުގެ މީހުން އެމެރިކާ އަށް އެތެރެވުން މަނާކުރުމުގެ އަމުރު ބާތިލް ކުރެއްވުން ހިމެނިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 21) - ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު ޖޯ ބައިޑަން ވައިޓް ހައުސް އަށް ވަޑައިގެން ކުރެއްވި ފުރަތަމަ މަސައްކަތްތަކުގެ ތެރޭގައު ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބައެއް ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުސްލިމް ބައެއް ގައުމުތަކުގެ މީހުން އެމެރިކާ އަށް އެތެރެވުން މަނާކުރުމުގެ އަމުރު ބާތިލް ކުރެއްވުން ހިމެނިއްޖެ އެވެ.

"އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމުގައި ވަގުތު ބޭކާރު ކުރެވޭކަށް ނެތް،" ހުވާ ކުރެއްވުމަށް ފަހު ވައިޓް ހައުސް އަށް ވަޑައިގަތުމުގެ ކުރިން ބައިޑަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އެމެރިކާ ގަޑިން އިއްޔެ މެންދުރު (ރާއްޖޭ ގަޑިން ރޭ 10 ޖެހިއިރު) ކެޕިޓަލް އިމާރާތުގައި ބޭއްވި ރަސްމިއްޔާތަށް ފަހު ވައިޓް ހައުސް އަށް ވަޑައިގެން ބައިޑަން ވަނީ 15 ލިޔުމެއްގައި ސޮއިކުރައްވައިފަ އެވެ. އޭގެ ތެރޭން އެންމެ މުހިންމު ކަމަކީ ކޮރޯނާވައިރަހާ ދެކޮޅަށް ފިޔަވަޅު އެޅުން އަވަސް ކުރުމެވެ. އޭގެ އިތުރުން ޕެރިސް އެގްރީމެންޓުން ވަކިވާން ޓްރަމްޕް ސަރުކާރުން ނިންމި ނިންމުން ބަދަލު ކުރުމާއި އިމިގްރޭޝަން މައްސަލަ ހިމެނެ އެވެ. ޓްރަމްޕުގެ ވެރިކަމުގައި ވަނީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ބައެއް ގައުމުތަކުގެ މީހުން އެމެރިކާ އަށް އެތެރެވުން މަނާކޮށްފަ އެވެ.

ހުވާ ކުރެއްވުމަށް ފަހު ބައިޑަން އާއި އާއިލާ ވައިޓް ހައުސް އަށް ވަޑައިގަންނަވަނީ. --ފޮޓޯ:އީޕީއޭ

ހުވާ ކުރެއްވުމަށް ފަހު ބައިޑަން އާއި އާއިލާ ވައިޓް ހައުސް އަށް ވަޑައިގަންނަވަނީ. --ފޮޓޯ:އީޕީއޭ

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އެކަމަށް ވަކި އޮފީހެއް ގާއިމް ކުރުމާއި ސަރުކާރުގެ އިމާރާތްތަކުގައި އުޅޭ އިރު މާސްކް އެޅުމާއި ގައިދުރުކޮށް އުޅުން މަޖްބޫރު ކުރުން ހިމެނެ އެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަކިވުމަށް ޓްރަމްޕުގެ ސަރުކާރުން ނިންމި ނިންމުން ބަދަލު ކުރުމަށް ވެސް ބައިޑަން ވަނީ ނިންމަވައިފަ އެވެ.

އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި އޯވަލް އޮފީހުގައި ރަސްމީކޮށް ބައިޑަން މަސައްކަތް ފައްޓަވާނީ ބުރާސްފަތި ދުވަހު އެވެ.

ހުވާ ކުރެއްވުމަށް ފަހު ބައިޑަން ދެއްވި ތަގްރީރުގައި ވަނީ ޑިމޮކްރެސީ އަށް ކާމިޔާބު ލިބިއްޖެ ކަމަށާއި އެމެރިކާގެ ހުރިހާ ރައްޔިތުންގެ ރައީސަކަށް ވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި އެމަނިކުފާނަށް ވޯޓު ނުދޭ މީހުން ވެސް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

ބައިޑަން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ކުރީގެ ތިން ރައީސުން ކަމަށްވާ ބަރަކް އޮބާމާ، ބިލް ކްލިންޓަން އަދި ޖޯޖް ޑަބްލިއު. ބުޝް ބައިވެރިވެވަޑައިގެންނެވި އެވެ. އޮބާމާގެ ދެ ދައުރުގައި ބައިޑަން ވަނީ ނައިބް ރައީސްކަން ކުރައްވައިފަ އެވެ. އެ ރަސްމިއްޔާތަށް ޓްރަމްޕް ވަޑައިނުގެންނެވި ނަމަވެސް ނައިބް ރައީސް މައިކް ޕެންސް ބައިވެރިވެވަޑައިގެންނެވި އެވެ.

ބައިޑަންގެ ކުރިން ވަނީ ނައިބް ރައީސްކަމުގެ ހުވާ ކަމަލާ ހަރިސް ކުރައްވައިފަ އެވެ.