Roadha Mihaaru
ޔޫކްރޭންގެ ހަމަލާތައް ރަޝިޔާގެ އެންމެ އެތެރެއަށް

ޔޫކްރޭންގެ ހަމަލާތައް ރަޝިޔާގެ އެންމެ އެތެރެއަށް

06 ޑިސެމްބަރ 2022

ރަޝިޔާގެ ވެރިރަށް މޮސްކޯއާ މާ ދުރު ނޫން ދެ ސަރަހައްދެއްގައި އޮތް ރަޝިޔާގެ ވައިގެ ސިފައިންގެ ދެ މަރުކަޒަކަށް ޔޫކްރޭނުން އިއްޔެ މިސައިލް ހަމަލާތަކެއް ދީފި އެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯއާ މާ ދުރު ނޫން ދެ ސަރަހައްދެއްގައި އޮތް ރަޝިޔާގެ ވައިގެ ސިފައިންގެ ދެ މަރުކަޒަކަށް ޔޫކްރޭނުން އިއްޔެ މިސައިލް ހަމަލާތަކެއް ދީފި އެވެ.

އިއްޔެގެ ހަމަލާތައް އަމާޒުކުރި ދެ އަސްކަރީ މަރުކަޒުގެ ތެރެއިން، އެއް ތަނަކީ ޔޫކްރޭނާއި ރަޝިޔާ ގުޅޭ ސަރަހައްދީ އިމުން ފެށިގެން ގާތްގަނޑަކަށް 480 ކިލޯމީޓަރު ދުރުގައި އޮންނަ ސަރަޓޯވް ސަހަރުގައި ގާއިމުކޮށްފައި އޮންނަ އެންގެލްސް ވައިގެ މަރުކަޒެވެ. އަނެއް ތަނަކީ ދެ ގައުމު ގުޅޭ ސަރަހައްދީ އިމުން ފެށިގެން 485 ކިލޯމީޓަރު ދުރުގައި އޮންނަ ރިޔަޒާން ސަހަރުގައި ގާއިމުކޮށްފައިވާ ޑިޔާގިލޭވޯ ވައިގެ މަރުކަޒެވެ.

މި ދެ ތަނަކީ ވެސް ރަޝިޔާގެ އަސްކަރިއްޔާގައި ބޭނުންކުރާ އެންމެ ބޮޑެތި ބޮންއަޅާ ބޯޓުތައް ބަހައްޓާފައި ހުންނަ ދެ މަރުކަޒެވެ. މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ވެސް، މި ދެ މަރުކަޒުގެ ބޭނުން ރަޝިޔާ އިން އަންނަނީ ކުރަމުންނެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ޔޫކްރޭންގެ އަސްކަރީ ޑްރޯންތަކެއް އެ ދެ މަރުކަޒުގެ މަތީގައި ހަރަކާތްތެރިވަމުން ދަނިކޮށް، ރަޝިޔާގެ ވައިގެ ދިފާއީ ލަޝްކަރުން ހަމަލާ ދީ ވަނީ ވައްޓާލައިފަ އެވެ. އަދި އެ ޑްރޯންތައް ވައިގެ ތެރޭގައި ގޮއްވައިލުމުން ބިމަށް ފޭބި އެ ޑްރޯންގެ ބައިތަކުން ޖެހި، އެ ދެ މަރުކަޒުގައި ހުރި ބައެއް ބޯޓުތަކަށް ގެއްލުން ލިބުނު ކަމަށް ރަޝިޔާ އިން ބުނެ އެވެ.

ޔޫކްރޭންގެ ޑްރޯންތަކެއް ވައްޓައިލެވުނު ކަމަށް ރަޝިޔާ އިން ބުނުމުގެ ކުރިން، އެ ދެ ވައިގެ މަރުކަޒުގައި ބާރު ގަދަ އެއްޗެއް ގޮވާފައިވެ އެވެ. ނަމަވެސް އެއީ ކޮން ގޮވުމެއް ކަމެއް ރަޝިޔާ އިން ވެސް އަދި ޔޫކްރޭނުން ނުބުނެ އެވެ. އޭގެ ބަދަލުގައި ހަލާކުވެފައި އޮތް ދެ މަތިންދާބޯޓާއި އަސްކަރީ ޖިޕެއް ފެންނަ ދެ ފޮޓޯއާ އެކު ޔޫކްރޭންގެ ވައިގެ ސިފައިން ކުރި ޓުވީޓެއްގައި، ސުވާލުކޮށްފައިވަނީ "މިވީ ކިހިނެއް؟" ހެއްޔެވެ.

އެ ދެ ގޮވުމުގެ ގަޑިއެއްހާ އިރު ފަހުން، ރަޝިޔާ އިން ޔޫކްރޭންގެ އެކި ސަރަހައްދުތަކަށް ގިނަ އަދަދެއްގެ މިސައިލްތަކެއް ފޮނުވައިލި އެވެ. ޔޫކްރޭނުން ބުނި ގޮތުގައި ރަޝިޔާ އިން ފޮނުވައިލި 12 މިސައިލްގެ ތެރެއިން ނުވަ މިސައިލް ވަނީ، ޔޫކްރޭންގެ ވައިގެ ދިފާއީ ލަޝްކަރުން ހަމަލާދީ ވައިގެ ތެރޭގައި ގޮއްވާލައިފަ އެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި، މީގެ ކުރިން ޔޫކްރޭނުން ވަނީ ރަޝިޔާގެ އިމުގެ ތެރެއަށް އެކި ފަހަރު މަތިން ހަމަލާ ދީފަ އެވެ. ނަމަވެސް ރަޝިޔާގެ މިހާ އެތެރޭގެ އަމާޒުތަކަކަށް ޔޫކްރޭނުން ހަމަލާ ދިން މިއީ ފުރަތަމަ ފަހަރެވެ.

ސެޓެލައިޓްގެ ޒަރީއާއިން ވިލާތުގެ ގައުމުތަކުން ނަގާފައިވާ، އެ ދެ ވައިގެ މަރުކަޒުގެ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ދެ މަރުކަޒުގައި މައިގަނޑު ގޮތެއްގައި ހުރީ، ރަޝިޔާގެ އެންމެ ބޮޑެތި އަސްކަރީ މަތިންދާބޯޓުތަކެވެ. އޭގެ ތެރޭގައި ބޮން އެޅުމަށާއި ކްރޫޒް މިސައިލުން ހަމަލާ ދިނުމަށް ބޭނުންކުރާ، ޓުޕަލޯވް މަރުކާގެ ޓީޔޫ-160ގެ ބޯޓުތަކާއި ޓީޔޫ-90ގެ މަތިންދާބޯޓުތައް ހިމެނެ އެވެ.