Roadha Mihaaru
ރަޝިޔާގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަނީ

ރަޝިޔާގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަނީ

20 އޮކްޓޯބަރ 2022

ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސް ރަޝިޔާއާ އެއްކޮށްލާފައިވާ، ޔޫކްރޭންގެ ބިންތަކުގައި ތިބި ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބި ފަހަތަށް ޖެހެން މަޖުބޫރުވެފައި ވަނިކޮށް، އެ ބިންތަކުގަ އާއި ރަޝިޔާގެ ބައެއް ސަރަހައްދުތަކުގައި، ރަޝިޔާ އިން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.

ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސް ރަޝިޔާއާ އެއްކޮށްލާފައިވާ، ޔޫކްރޭންގެ ބިންތަކުގައި ތިބި ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބި ފަހަތަށް ޖެހެން މަޖުބޫރުވެފައި ވަނިކޮށް، އެ ބިންތަކުގަ އާއި ރަޝިޔާގެ ބައެއް ސަރަހައްދުތަކުގައި، ރަޝިޔާ އިން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.

ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ބިންތައް މިނިވަން ކުރުމަށް، ޔޫކްރޭންގެ ސިފައިން ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ކުރީމަތީގައި ސާބިތުވެ ނުތިބެވުމުން، ރަޝިޔާގެ އެތައް ހާސް ސިފައިންނެއް މިހާރު ވަނީ އެ ބިންތަކުން ފައިބައިފަ އެވެ. އެއާއެކު، ޔޫކްރޭން ސިފައިން މިހާރު ގެންދަނީ، އެ ގައުމާ އިންވެގެން އޮތް ރަޝިޔާގެ ބައެއް އަވަށްތަކަށް ވެސް ބޮޑުބަޑިން ހަމަލާތައް ދެމުންނެވެ.

ހަނގުރާމައިގެ ކަންތައް ރަޝިޔާގެ ކޮންޓްރޯލުން ނެއްޓޭ ހިސާބަށް ގޮސްފައިވާ އިރު، ރަޝިޔާއާ އެއްކޮށްލި ޔޫކްރޭންގެ ހަތަރު ސަރަހައްދުގައި ރަޝިޔާ އިން އިއްޔެ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އާންމުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފަ އެވެ. ރަޝިޔާއާ އެއްކޮށްލި ހަތަރު ސަރަހައްދަކީ، ލުހާންސްކް، ޑޮނެޓްސްކް، ޒަޕަރީޖިޔާ އަދި ޚެރްސޯން އެވެ.

ޔޫކްރޭންގެ ހަމަލާތައް ވަރުގަދަވުމާ އެކު، އެ ސަރަހައްދުތަކުގެ ވަރަށް ގިނަ އާންމު ރައްޔިތުން ވަނީ، އެ ސަރަހައްދުތައް ދޫކޮށް އެހެން ތަންތަނަށް ދަތުރުކުރަން ފަށައިފަ އެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން، އެ ސަރަހައްދުން ނުކުމެވޭނެ ގޮތެއް މިހާރު ނެތެވެ.

މީގެ އިތުރުން، ޔޫކްރޭނާ ކައިރީގައި އޮންނަ ރަޝިޔާގެ ބައެއް ސަރަހައްދުތަކުގަޔާއި، 2014 ވަނަ އަހަރު ރަޝިޔާއާ އެއްކޮށްލި ކްރީމިއާ ސަރަހައްދުގައި އިއްޔެ އިން ފެށިގެން ވަނީ މެދުމިނުގެ ސަލާމަތީ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، މަގުތަކަށް އިތުރު ސިފައިންނާއި ފުލުހުން ނެރެ، ދުއްވާ އެއްޗެހި ޗެކް ކުރުމާއި، އެ ސަރަހައްދުތަކަށް ވަދެ ނުކުމެވާ އުޅަނދުތަކާއި މީހުން ވަކިވަކިން ބަލައި ފާސްކުރުމެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯ ވެސް ހިމެނޭ ގޮތަށް، އެ ގައުމުގެ މެދުތެރޭގެ ބައެއް ސަރަހައްދުތަކުގައި އިއްޔެ އިން ފެށިގެން ވަނީ މަތީ ފެންވަރުގެ ސަލާމަތީ ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ. އެ ގޮތުން އެއްގަމު އުޅަނދުތައް ބަލައި ފާސްކޮށް، މަގުތަކުގައި ގިނަ ވަގުތު އުޅޭ މީހުންނާ ސުވާލުކުރުމާއި، ރަށުތެރެ ބެލެހެއްޓުން އިތުރަށް ވަރުގަދަކުރުން ހިމެނެ އެވެ.

ގައުމުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ރައީސް ޕުޓިން އިއްޔެ ނެރުއްވި ރިއާސީ ގަރާރުގައިވާ ގޮތުގެ މަތިން، ކޮންމެ ސަރަހައްދެއްގައި ސަލާމަތީ ފިޔަވަޅުތައް ތަންފީޒުކުރުމާ ބެހޭ މައި މަރުކަޒެއް ގާއިމުކުރުން، އެ ސަރަހައްދެއްގެ ގަވަރުނަރުގެ މައްޗަށް ލާޒިމުވާނެ އެވެ. އޭގެ އިތުރުން އެ ސަރަހައްދެއްގައި ތިބި ރަޝިޔާ ސިފައިންނަށް ބޭނުންވާ ކަންތައް ފުރިހަމަކޮށްދިނުމަށް ވެސް ގަވަރުނަރުންނަށް ވަނީ އަމުރު ކުރައްވައިފަ އެވެ.

ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް ލިބޭ ގެއްލުންތައް ބޮޑުވުމާ ގުޅިގެން، ޔޫކްރޭންގައި ހުންނަ ރަޝިޔާ ސިފައިންގެ ކޮމާންޑަރު މަގާމުން ދުރުކޮށް އެ މަގާމަށް މި މަހުގެ 10 ވަނަ ދުވަހު ވަނީ އާ ޖެނެރަލެއް އައްޔަންކޮށްފަ އެވެ. ޖެނެރަލް ސަރްގޭ ސުރޮވިކިން އިއްޔެ ވިދާޅުވީ ޚެރްސޯން ސަރަހައްދުގެ ހާލަތު މިހާރު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި، އެ ސަރަހައްދުގައި ތިބި ރަޝިޔާ ސިފައިންނަށާއި އާންމުންނަށް ވެސް ތިބީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ.

ރަޝިޔާ ސިފައިން ހިފާފައިވާ، ޔޫކްރޭންގެ އިރުމަތީ ދެ ސަރަހައްދާއި ދެކުނުގެ ދެ ސަރަހައްދު މިނިވަންކުރުމަށް ޔޫކްރޭން ސިފައިން މިހާރު އަންނަނީ ވަރަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކާ ގުޅިގެން، އެ ސަރަހައްދުތަކުގައި ތިބި އާންމުން ރައްކާތެރި އެހެން ތަންތަނަށް ގެންދިއުމަށް ރަޝިޔާ އިން އަންނަނީ ތައްޔާރުވަމުންނެވެ.