Roadha Mihaaru
ރަޝިޔާއާ ދެކޮޅަށް ޔޫކްރޭނުން ބޮޑެތި ކުރިއެރުންތަކެއް

ރަޝިޔާއާ ދެކޮޅަށް ޔޫކްރޭނުން ބޮޑެތި ކުރިއެރުންތަކެއް

11 ސެޕްޓެމްބަރ 2022

ޔޫކްރޭނަށް އަރައި އެ ގައުމުގެ ބޮޑު ބައެއް އަޅުވެތިކޮށްގެން ތިބި ރަޝިޔާ ސިފައިންނާ ދެކޮޅަށް ޔޫކްރޭން ސިފައިން ދެމުންދާ ހަމަލާތަކުގައި، ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދީ، ޔޫކްރޭން ސިފައިން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި އެވެ.

ޔޫކްރޭނަށް އަރައި އެ ގައުމުގެ ބޮޑު ބައެއް އަޅުވެތިކޮށްގެން ތިބި ރަޝިޔާ ސިފައިންނާ ދެކޮޅަށް ޔޫކްރޭން ސިފައިން ދެމުންދާ ހަމަލާތަކުގައި، ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދީ، ޔޫކްރޭން ސިފައިން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި އެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ މިއަދު ވިދާޅުވި ގޮތުގައި އެ ގައުމުގެ ޚަރްކީވް ސަހަރުގައި ތިބި ރަޝިޔާ ސިފައިންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދީ، ބައެއް ސަރަހައްދުތަކުން ރަޝިޔާ ސިފައިން މިހާރު ވަނީ ފައްސައިލެވިފަ އެވެ. ޒެލެންސްކީ މިއަދު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ޚަރްކީވް ސަހަރުގެ 30 އަށް ވުރެ ގިނަ ސަރަހައްދުން ރަޝިޔާ ސިފައިން ފައްސާލައި، އެ ސަރަހައްދުތައް މިނިވަންކޮށް މިހާރުވަނީ ޔޫކްރޭންގެ ގައުމީ ދިދަ ނަގައިފަ އެވެ.

ޔޫކްރޭން ސިފައިންގެ ވެރިޔާ، ޖެނެރަލް ވަލެރީ ޒަލުޒްހިނީ މިއަދު ވިދާޅުވި ގޮތުގައި، މި މަސް ފެށުނު ފަހުން ޚަރްކީވްގެ 3000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް މިހާރު ވަނީ މިނިވަންކުރެވިފަ އެވެ. ޚަރްކީވްގެ އިރުމައްޗާއި ދެކުނު ސަރަހައްދުގެ އިތުރުން، އުތުރު ސަރަހައްދުން ވެސް ޔޫކްރޭން ސިފައިން މިހާރު ދަނީ ކުރިއަރަމުންނެވެ.

މި މަސް ފެށުމާއެކު، ޔޫކްރޭން ސިފައިންގެ ހަމަލާތައް ވަރުގަދަކޮށް، ޚަރްކީވް ސަހަރުގައި ތިބި ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދޭން ފެށި އެވެ. އެ ހަމަލާތަކުގެ ސަބަބުން ރަޝިޔާގެ ގިނަ އަދަދެއްގެ ސިފައިން އިއްޔެ ވަނީ، ޚަރްކީވް ދޫކޮށް އިޒިއުމް ސަހަރަށް ވަންނަން ފަށައިފަ އެވެ. ޚަރްކީވް އާއި ޑޮނެޓްސްއާ ދެމެދު އޮންނަ އިޒިއުމް އަށް ރަޝިޔާ ސިފައިން ވަންނަން ފެށުމާއެކު، ޔޫކްރޭން ސިފައިން ވަނީ އެ ސަހަރަށް ވެސް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭން ފަށައިފަ އެވެ.

މިދިޔަ ތިން ދުވަހުގެ ތެރޭގައި ޔޫކްރޭން ސިފައިން ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން، ރަޝިޔާ ސިފައިން ފަހަތަށް ޖެހެން މަޖުބޫރުވުމުން، ޚަރްކީވް އަށް އިތުރު ސިފައިން ފޮނުވުމުގެ މަސައްކަތް ރަޝިޔާ އިން މިހާރު ވަނީ ފަށައިފަ އެވެ. ނަމަވެސް، ޔޫކްރޭން ސިފައިންގެ ބާރުގެ ދަށަށް ގެންދިޔަ ސަރަހައްދުތަކުގެ ތެރޭގައި، ރަޝިޔާ ސިފައިން ޚަރްކީވް އަށް މަދަދު ފޮނުވުމަށް ބޭނުންކުރާ ބައެއް މަގުތައް ވެސް ހިމެނޭތީ، ރަޝިޔާގެ އިތުރު ސިފައިން އެ ސަރަހައްދަށް ފޮނުވުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.