Roadha Mihaaru
ރަޝިޔާ ސިފައިން ފަހަތަށް ޖެހެނީ އިތުރު ގޮތެއް ނެތުމުން

ރަޝިޔާ ސިފައިން ފަހަތަށް ޖެހެނީ އިތުރު ގޮތެއް ނެތުމުން

13 ސެޕްޓެމްބަރ 2022

ޔޫކްރޭނާ ދެކޮޅަށް ދުނިޔޭގެ އެންމެ ބޮޑު އެއް ބާރުން ކުއްލި ހަމަލާތަކަކާ އެކު ވަރުގަދަ ހަނގުރާމައެއް ފެށިތާ ހަ މަސް ވެގެން ދިޔައިރު، ކާމިޔާބުގެ އައްސޭރި ނުފެނި އެންމެ ފަހުން، އިތުރު ގޮތެއް ނެތިގެން ފަހަތަށް ޖެހެން ފަށައިފި އެވެ.

ޔޫކްރޭނާ ދެކޮޅަށް ދުނިޔޭގެ އެންމެ ބޮޑު އެއް ބާރުން ކުއްލި ހަމަލާތަކަކާ އެކު ވަރުގަދަ ހަނގުރާމައެއް ފެށިތާ ހަ މަސް ވެގެން ދިޔައިރު، ކާމިޔާބުގެ އައްސޭރި ނުފެނި އެންމެ ފަހުން، އިތުރު ގޮތެއް ނެތިގެން ފަހަތަށް ޖެހެން ފަށައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފެށި ހަނގުރާމައިގައި ޔޫކްރޭންގެ އިރުމަތީ ސަރަހައްދުންނާއި ދެކުނު ސަރަހައްދުގެ ބޮޑު ބައެއް ރަޝިޔާ ސިފައިން ވަނީ ހިފައިފަ އެވެ. އެއްގަމާއި ކަނޑާއި ވައިގެ މަގުން ރަޝިޔާ އިން ވަރުގަދަ ހަމަލާތަކެއް ދިން ނަމަވެސް، ގައުމުގެ ދިފާއުގައި ނުކުމެ ތިބި ޔޫކްރޭންގެ ސިފައިން، ހުޅަނގުގެ ފުރިހަމަ އަސްކަރީ އެހީތެރިކަމާއެކު، ރަޝިޔާއާ ދެކޮޅަށް ވަރުގަދަ ރައްދު ހަމަލާތަކެއް އަންނަނީ ދެމުންނެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގެ ހަތިޔާރާއި ހަނގުރާމަމަތީ ފަންނީ ލަފަޔާއި އިތުރު ތަމްރީންތަކާ އެކު، ޔޫކްރޭން ސިފައިންގެ ދިފާއީ ރައްދު ހަމަލާތައް، މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށް އަދި އިތުރު ވެސް ކޮށްފަ އެވެ. މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅުން ފެށިގެން، ޔޫކްރޭން ސިފައިންގެ ރައްދު ހަމަލާތައް އެތައް ގުނައަކަށް އިތުރުކުރުމާ ގުޅިގެން، ރަޝިޔާ ސިފައިން ހިފައިގެން ތިބި ޔޫކްރޭންގެ ބައެއް ސަރަހައްދުތައް ދޫކޮށް، ރަޝިޔާ ސިފައިން މިހާރު ވަނީ ފަހަތަށް ޖެހިފަ އެވެ.

ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި އެ ގައުމުގެ ސިފައިން ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ރަޝިޔާ ސިފައިން ފަހަތަށް ޖައްސަމުން ގޮސް، ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގާ ހަމައަށް ވެސް ބައެއް ސަރަހައްދުތަކުން މިހާރު ވަނީ ރަޝިޔާ ސިފައިން ފަހަތަށް ޖެއްސިފަ އެވެ.

ޔޫކްރޭން ސިފައިންގެ ވެރިޔާ، ޖެނެރަލް ވަލެރީ ޒަލުޒްހިނީ މިދިޔަ އާދީއްތަ ދުވަހު ވިދާޅުވި ގޮތުގައި، މި މަސް ފެށުނު ފަހުން ޚަރްކީވްގެ 3000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް މިނިވަންކުރެވިއްޖެ އެވެ.

އޭގެ ފަހުން ސިފައިންގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށް، 6000 އަކަ ކިލީމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް މިހާރު މިނިވަންކުރެވިއްޖެ ކަމަށް، ޔޫކްރޭންގެ އަސްކަރިއްޔާ އިން މިއަދު ބުންޏެވެ. ރަޝިޔާ ސިފައިން ފަހަތަށް ޖައްސައި، އަލުން މިނިވަންކުރެވުނު ސަރަހައްދުތަކުގައި ޔޫކްރޭން ސިފައިން މިހާރު އަންނަނީ ސަލާމަތީ ކަންތައް ބަލަހައްޓައި، ދިރިއުޅުމުގެ އާންމު ހާލަތަކަށް ރައްޔިތުން ގެނެވޭތޯ މަސައްކަތް ކުރަމުންނެވެ.