Roadha Mihaaru
ޔޫކްރޭންގައި ރަޝިޔާއަށް އަނެއްކާވެސް ބޮޑު ގެއްލުމެއް

ޔޫކްރޭންގައި ރަޝިޔާއަށް އަނެއްކާވެސް ބޮޑު ގެއްލުމެއް

02 އޮކްޓޯބަރ 2022

ޔޫކްރޭނަށް އަރައި އެ ގައުމުގެ ބައެއް ބިންތައް އަޅުވެތިކޮށްގެން ތިބި ރަޝިޔާ ސިފައިންނަށް އަނެއްކާ ވެސް ބޮޑެތި ގެއްލުންތަކެއް ލިބުމާއެކު، ބައެއް ސަރަހައްދުތައް ދޫކޮށް ފަހަތަށް ޖެހެން ރަޝިޔާ ސިފައިންނަށް މަޖުބޫރުވެއްޖެ އެވެ.

ޔޫކްރޭނަށް އަރައި އެ ގައުމުގެ ބައެއް ބިންތައް އަޅުވެތިކޮށްގެން ތިބި ރަޝިޔާ ސިފައިންނަށް އަނެއްކާ ވެސް ބޮޑެތި ގެއްލުންތަކެއް ލިބުމާއެކު، ބައެއް ސަރަހައްދުތައް ދޫކޮށް ފަހަތަށް ޖެހެން ރަޝިޔާ ސިފައިންނަށް މަޖުބޫރުވެއްޖެ އެވެ.

ރަޝިޔާ ސިފައިން ފަހަތަށް ޖެހެން ޖެހުނީ، ރަޝިޔާގެ ބައެއްގެ ގޮތުގައި މިދިޔަ ހުކުރު ދުވަހު އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން ހަމަޖެއްސެވި ހަތަރު ސަރަހައްދުގެ ތެރެއިން ލުހާންސް އާއި ޑޮނެޓްސްކް ސަރަހައްދާ ކައިރީގައި އޮންނަ ލީމާން ސަރަހައްދުންނެވެ. ލީމާންއަކީ، ލުހާންސް އާއި ޑޮނެޓްސްކްގައި ތިބޭ ރަޝިޔާ ސިފައިންނަށް އަސްކަރީ އަދި އެހެނިހެން ގޮތްގޮތުން، އެއްގަމު މަގުން މަދަދު ފޯރުކޮށްދިނުމަށް ރަޝިޔާ އިން ބޭނުންކުރަމުން އަންނަ މުހިންމު ސަރަހައްދެކެވެ.

ރަޝިޔާ ސިފައިންނާ ދެކޮޅަށް ޔޫކްރޭން ސިފައިން މިދިޔަ ތިން ދުވަހު ދިން ވަރުގަދަ ރައްދު ހަމަލާތަކުގައި ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ގިނަ އަދަދެއްގެ ޓޭންކާއި އެއްގަމު އުޅަނދުތައް ހަލާކުވެ، ބައެއް ސިފައިން މަރުވެގެން ދިޔަ އިރު، އިތުރު އަސްކަރީ މަދަދު ލިބޭނެ ގޮތެއް ނުވުމުން، ރަޝިޔާ ސިފައިންނަށް މަޖުބޫރުވީ ހަނގުރާމައިގެ މައިދާން ދޫކޮށް ފަހަތަށް ޖެހޭށެވެ.

ރަޝިޔާ ސިފައިން ލީމާނުން ފޭބުމާއެކު، ޔޫކްރޭން ސިފައިން އެ ސަރަހައްދަށް ވަދެ، އެ ސަރަހައްދުގައި ހުރި ސަރުކާރުގެ މައި އިމާރާތްތަކުގައި މިހާރު ވަނީ ޔޫކްރޭން ދިދަ ނަގައިފަ އެވެ. ލީމާންގެ ބޮޑު ސަރަހައްދަކުން ރަޝިޔާ ސިފައިން ފައިބައިގެން ދިޔަ ނަމަވެސް، އެ ސަހަރުގައި މިހާރު ވެސް ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންނާ ދެމެދު ވަރަށް ވަރުގަދަ އަށް ދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ.

އަނެއްކޮޅުން ރަޝިޔާ ސިފައިން މިހާރު ވަނީ، ޔޫކްރޭންގެ ޒަޕަރޯޖިޔާގައި ހުންނަ ނިއުކްލިއާ އިންޖީނުގޭގެ ވެރިޔާ ހައްޔަރުކޮށް ރަޝިޔާ އަށް ގެންގޮސްފަ އެވެ. އެޓަމިކް ހަކަތައާ ބައިނަލްއަގުވާމީ އިދާރާ އިން ކަށަވަރުކޮށްދިން ގޮތުގައި، އެ އިންޖީނުގޭގެ ވެރިޔާ މުރަޝޯވް މިހާރު ހުރީ ރަޝިޔާ ސަރުކާރުގެ ބެލުމުގެ ދަށުގަ އެވެ.

ރަޝިޔާ ސަރުކާރުން ބޭނުންވަނީ، އޭނާ އަށް މަޖުބޫރުކޮށްގެން، އެ އިންޖީނުގޭގެ ހުރިހާ ކަމެއް ރަޝިޔާގެ ނިއުކްލިއާ އިދާރާ ރޮސަޓޮމްއާ ހަވާލު ކުރުމަށެވެ.