Roadha Mihaaru
ޔޫކްރޭންގެ ރޭލު ސްޓޭޝަނަކަށް ހަމަލާދީ 22 މަރު

ޔޫކްރޭންގެ ރޭލު ސްޓޭޝަނަކަށް ހަމަލާދީ 22 މީހުން މަރާލައިފި

25 އޯގަސްޓް 2022

ރަޝިޔާ ސިފައިން، ޔޫކްރޭންގެ ރޭލްވޭ ސްޓޭޝަނަކަށް އިއްޔެ ރޮކެޓް ހަމަލާތަކެއް ދީ އާންމުންގެ 22 މީހަކު މަރާލައި، އިތުރު އެތައް ބަޔަކު ޒަހަމްކޮށްލައިފި އެވެ.

ރަޝިޔާ ސިފައިން، ޔޫކްރޭންގެ ރޭލްވޭ ސްޓޭޝަނަކަށް އިއްޔެ ރޮކެޓް ހަމަލާތަކެއް ދީ އާންމުންގެ 22 މީހަކު މަރާލައި، އިތުރު އެތައް ބަޔަކު ޒަހަމްކޮށްލައިފި އެވެ.

ޔޫކްރޭނުން ބުނި ގޮތުގައި ޔޫކްރޭންގެ އިރުމަތީ އަދި މެދުތެރޭ ސަރަހައްދުގައި އޮންނަ ނިޕްރޮޕެޓްރޯވިސްކް ޕްރޮވިންސްގައި ހުންނަ ރޭލްވޭ ސްޓޭޝަނަށް އަމާޒުވި ރޮކެޓްތައް ގޮވުމާއެކު، އެ ތަނުގެ ކައިރީގައި ހުރި އެއްގަމު އުޅަނދުތަކުގައި ރޯވެ އަނދަން ފެށި އެވެ. މަރުވި 22 މީހުންގެ ތެރެއިން ފަސް މީހަކު މަރުވީ، އެ މީހުން ދަތުރު ކުރަމުން ދިޔަ ކާރުގައި ރޯވެ، ކާރާއެކު އެނދުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި 11 އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.

ރަޝިޔާ ސިފައިން މި ހަމަލާ ދިންކަން އިއުލާން ކުރެއްވީ، އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަން ހުންނަވައި، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަށް ރަޝިޔާ ތައްޔާރުވަނީ އެ ގޮތަށެވެ.

ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި މަދަނީ ތަންތަނަށް ހަމަލާ ދޭ ކަމަށް އިންކާރު ކުރަމުން އަންނަ ރަޝިޔާ އިން، މި ހަމަލާއާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ. ޔޫކްރޭނުން ބުނި ގޮތުގައި ރަޝިޔާގެ ރޮކެޓް ހަމަލާގައި މަރުވި މީހުންގެ އިތުރުން 50 މީހަކު ޒަޚަމްވި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރަޝިޔާ އިން ދިން މި ހަމަލާގެ ސަބަބުން، ރޭލެއްގެ ބައިތަކުގެ ތެރެއިން ފަސް ބައެއްގައި ރޯވެ އެކުގައި ވަނީ އަނދައިފަ އެވެ. އަދި ރޭލްވޭ ސްޓޭޝަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ރަޝިޔާ އިން ވަރުގަދަ ރޮކެޓް ހަމަލާތަކެއް މިދިނީ، ޔޫކްރޭންގެ މިއަހަރުގެ މިނިވަން ދުވަސް އިއްޔެ އެ ގައުމުގައި ފާހަގަކުރަމުން ދަނިކޮށެވެ. ޔޫކްރޭނުން ކުރިން ވެސް ބުނެފައިވަނީ އެ ގައުމުގެ މިނިވަން ދުވަހާ ދިމާކޮށް ރަޝިޔާ އިން ނުރައްކާތެރި ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން، މިނިވަން ދުވަހުގެ އުފާ ފާޅުކުރުމުގެ ގޮތުން ވެސް، އާންމުން އެއްވެ ނުއުޅުމަށް ޔޫކްރޭން ސަރުކާރުން އިއްޔެ ވަނީ އަންގައިފަ އެވެ. އަދި އާންމު ތަންތަނަށް މީހުން ޖަމާނުވުމަށާއި ބޮޑެތި ހަފްލާތައް ނުބޭއްވުމަށް ވެސް ޔޫކްރޭން ސަރުކާރުން ވަނީ އަންގައިފަ އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިއްޔެ ވިދާޅުވީ ޔޫކްރޭންގައި ރަޝިޔާ އިން ކުރަމުން ދަނީ އެއްވެސް މާނައެއް އަދި ބޭނުމެއް ނެތް ހަނގުރާމައެއް ކަމަށެވެ. އަދި މި ހަނގުރާމައިގެ ސަބަބުން ޔޫކްރޭނާއި އިތުރު އެތައް ގައުމެއްގެ އެތައް މިލިޔަން ބަޔަކު ބަނޑަށްޖެހިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.