Roadha Mihaaru
އުކުޅަހުގައި 250 އެނދުގެ ސިޓީ ހޮޓަލެއް އަޅަނީ

އުކުޅަހުގައި "ކާނި ހޮޓެލްސް" އިން 250 އެނދުގެ ސިޓީ ހޮޓަލެއް ހަދަނީ

24 ނޮވެމްބަރ 2022

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރަމުން އަންނަ "ކާނި" އިން އއ. އުކުޅަހުގައި 250 އެނދުގެ ސިޓީ ހޮޓަލެއް ހަދަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރަމުން އަންނަ "ކާނި" އިން އއ. އުކުޅަހުގައި 250 އެނދުގެ ސިޓީ ހޮޓަލެއް ހަދަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ކާނި ހޮޓެލްސްގެ ޗެއާމަން އަދި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވީ، އުކުޅަހުގައި ހަދަނީ 10 ބުރީގެ ހޮޓަލެއް ކަމަށާއި ހޮޓާ ހަދަނީ 8،000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި ކަމަށެވެ.

ބީޗް ޕްރޮންޓްގައި ހަދާ މި ހޮޓާ ވާނީ އުކުޅަހުގައި މިހާތަނަށް ހަދާ އެންމެ ބޮޑު ހޮޓަލަށެވެ.

އެރަށުގައި މިވަގުތު ހުރި އެންމެ ބޮޑު ގެސްޓްހައުސްގައި ހުރީ 40 އެނދެވެ. ނަޝީދު ވިދާޅުވީ، އެރަށުގައި ގެސްޓްހައުސް ހަދަން ނިންމީ، އެއީ ރަޝިޔާ އާއި ސްފެއިން އަދި އިޓަލީގެ ޓޫރިސްޓުންގެ މެދުގައި މަގްބޫލު ރަށަކަށްވާތީ ކަމަށެވެ.

"ކާނި" އިން ހަދާ ގެސްޓްހައުސްގެ އެއްބަސްވުމުގައި ސޮއިކުރަނީ. --ފޮޓޯ:ކާނި

"ކާނި" އިން ހަދާ ގެސްޓްހައުސްގެ އެއްބަސްވުމުގައި ސޮއިކުރަނީ. --ފޮޓޯ:ކާނި

"އެރަށުގައި 1.5 ހެކްޓަރުގެ ބީޗް ސަރަހައްދެއް އޮވޭ. އެރަށަކީ ޓޫރިސްޓުންގެ މެދުގައި މަގްބޫލު ރަށެއް،" އޭނާ ވިދާޅުވި އެވެ.

އެރަށުގައި ހަދާ ގެސްޓްހައުސްގެ އަމަލީ މަސައްކަތް ފަށައި ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ކާނި ހޮޓެލްސް އިން ބުންޏެވެ.

ކާނި ހޮޓެލްސް އިން މިހާރު ވެސް އަންނަނީ ކ.މާފުށީގައި ހަތަރު ގެސްޓްހައުސް ހިންގަމުންނެވެ. އެ ތަންތަނުގައި ޖުމްލަ 400 އެނދު ހިމެނެ އެވެ. މީގެ އިތުރުން މާލޭގައި 26 އެނދުގެ ގެސްޓްހައުސްއެއް ވެސް ހިންގަ އެވެ.