Roadha Mihaaru
އީޔޫއަކީ ރާއްޖޭގެ ތަރައްގީގައި ވަރަށް މުހިއްމު ބައެއް

އީޔޫއަކީ ރާއްޖޭގެ ތަރައްގީގައި ވަރަށް މުހިއްމު ބައެއް: ޝާހިދު

23 ނޮވެމްބަރ 2022

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަކީ ރާއްޖޭގެ ތަރައްގީގައި ވަރަށް މުހިއްމު ބައެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަކީ ރާއްޖޭގެ ތަރައްގީގައި ވަރަށް މުހިއްމު ބައެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ-އީޔޫ ޑައިލޮގްގެ ހަ ވަނަ ބައްދަލުވުން ފައްޓަވައިދެއްވުމަށްފަހު ޝާހިދު ވިދާޅުވީ އެ ޖަމާއަތާއެކު 1993 ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމްކުރި ފަހުން އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. އަދި ފާއިތުވި 29 އަހަރުގެ ތެރޭގައި އީޔޫ އިން ވަނީ ރާއްޖޭގެ ތަރައްގީގައި އެކި ދާއިރާތަކުން ބޮޑު އެހީތެރިކަމެއް ދީފައި ކަމަށް ވެސް، ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ޝާހިދު ވިދާޅުވި އެވެ.

ރާއްޖެއަށް މީގެ 18 އަހަރު ކުރިން އެރި ސުނާމީގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އަދި އޭގެ ފަހުން ކޮވިޑު-19 ގެ ސަބަބުން ކުރި އަސަރުތަކުން ލުއެއް ހޯދުމަށް ވެސް އީޔޫގެ ގައުމުތަކުން ވަރަށް ބޮޑު އެހީއެއް ލިބިފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރާއްޖެ-އީޔޫ ޑައިލޮގްގެ ހަ ވަނަ ބައްދަލުވުން ފެށުމަށް ފޮރިން މިނިސްޓްރީގައި މިއަދު ފެށި މަޝްވަރާގައި ފޮރިން މިނިސްޓަރު ޝާހިދު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރާއްޖެ-އީޔޫ ޑައިލޮގްގެ ހަ ވަނަ ބައްދަލުވުން ފެށުމަށް ފޮރިން މިނިސްޓްރީގައި މިއަދު ފެށި މަޝްވަރާގައި ފޮރިން މިނިސްޓަރު ޝާހިދު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މި ފަހަރުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ފަސް ކަމެއްގެ މައްޗަށެވެ. އެ ކަންތައްތަކަކީ؛

- ޑިމޮކްރަސީ، ގަވަނެންސް އަދި ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް

- ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމަށް

- ވިޔަފާރި، ޓޫރިޒަމް، އިންވެސްޓްމަންޓް، ފައިނޭންސް އަދި އިގުތިސޯދީގޮތުން އެހީތެރިވުމަށް

- ތިމާވެށި އަދި މޫސުމީ ބަދަލުތައް

- ޝެންގެން ވިސާ ދިނުމަށް

ރާއްޖެ-އީޔޫ ޑައިލޮގްގެ ހަ ވަނަ ބައްދަލުވުން ފެށުމަށް ފޮރިން މިނިސްޓްރީގައި ފެށި ބޭއްވި މަޝްވަރާގައި، ރާއްޖޭގެ ފަރާތުން ބައިވެރިވެރިވެވަޑައިގަންނަވާ މަންދޫބުން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރާއްޖެ-އީޔޫ ޑައިލޮގްގެ ހަ ވަނަ ބައްދަލުވުން ފެށުމަށް ފޮރިން މިނިސްޓްރީގައި ފެށި ބޭއްވި މަޝްވަރާގައި، ރާއްޖޭގެ ފަރާތުން ބައިވެރިވެރިވެވަޑައިގަންނަވާ މަންދޫބުން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އީޔޫގެ 17 ގައުމެއްގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ޝާހިދު ވަނީ ރާއްޖެއިން ކޮށްފައިވާ މުހިއްމު ބައެއް މަސައްކަތްތަކުގެ ތަފްސީލު ވެސް ހިއްސާކުރައްވައިފަ އެވެ. އޭގެ ތެރޭގައި، އަންހެނުންނަށް ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓުގެ ކޯޓާއެއް ކަނޑައެޅިއިރު، ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ހެއްކާ ބެހޭ ގާނޫނު ވުޖޫދުކޮށް، އިސްލާހުތަކެއް ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ ނަން ހިނގައި، އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމާއި އެ ޖަމާއަތުގެ ހިއުމަން ރައިޓްސް ކައުންސިލްގެ 2023-2025 ގެ ދައުރަށް ރާއްޖެއިން އިންތިހާބުވެފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ރާއްޖެ-އީޔޫ ޑައިލޮގްގެ ހަ ވަނަ ބައްދަލުވުން ފެށުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި މަޝްވަރާގައި، އެ ޖަމާއަތުން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ޑެނިސް ޗައިބި ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރާއްޖެ-އީޔޫ ޑައިލޮގްގެ ހަ ވަނަ ބައްދަލުވުން ފެށުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި މަޝްވަރާގައި، އެ ޖަމާއަތުން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ޑެނިސް ޗައިބި ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ރާއްޖެ އޮތީ އީޔޫގެ ގައުމުތަކާއެކު މަސައްކަތްކުރުމަށް ތައްޔާރަށެވެ.

އެ ބައްދަލުވުމުގައި އީޔޫގެ އެމްބެސެޑަރު ޑެނިސް ޗައިބި ވަނީ އދ. ގައި ޝާހިދު ދެއްކެވި ލީޑަޝިޕަށް އަދި އެންމެ ފަހުން ބޭއްވި ކޮޕް ސަމިޓުގައި ރާއްޖޭން ކުރި މަސައްކަތަށް ތައުރީފްކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޮޑެތި ގައުމުތަކުން ވާދަކުރި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ އިންތިހާބު ހޯދަން ފަސޭހައެއް ނުވާނެ އެވެ. އެކަމަކު، ރާއްޖެއިން ހޯދި ކާމިޔާބީއަށް ޑެނިސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

ރާއްޖެ-އީޔޫ ޑައިލޮގްގެ ހަ ވަނަ ބައްދަލުވުން ފެށުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި މަޝްވަރާގައި، އީޔޫގެ ގައުމުތަކުން ބައިވެރިވެވަޑައިގަންނަވާ ބައެއް ބޭފުޅުން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރާއްޖެ-އީޔޫ ޑައިލޮގްގެ ހަ ވަނަ ބައްދަލުވުން ފެށުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި މަޝްވަރާގައި، އީޔޫގެ ގައުމުތަކުން ބައިވެރިވެވަޑައިގަންނަވާ ބައެއް ބޭފުޅުން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާ ވިދާޅުވީ ރާއްޖެ އާއި އީޔޫގެ ގުޅުން ހަރުދަނާކުރަން ބާއްވާ ބައްދަލުވުމުގައި އެންމެ މުހިއްމު އެއް ކަމަކީ ސަލާމަތީ ކަންކަމާ ގުޅޭ މަޝްވަރާ ކަމަށެވެ. ޔޫރަޕުން ރާއްޖެއަށް ގިނަ ޓޫރިސްޓުން އަންނައިރު، އެ އެންމެންގެ ރައްކާތެރިކަމާ ގުޅޭ މަސައްކަތްތައް މުހިއްމުކަން ސަފީރު ފާހަގަކުރެއްވި އެވެ.