Roadha Mihaaru
މިއީ އީޔޫ-ދިވެހިރާއްޖެ ގުޅުމުގެ އާ ސަފުހާއެއް: ސަފީރު

މިއީ އީޔޫ-ދިވެހިރާއްޖޭގެ ގުޅުމުގެ އާ ސަފުހާއެއް: ސަފީރު

12 މާޗް 2019

ޔޫރަޕިއަން ޔޫނިއަން އާއި ރާއްޖޭން އިއްޔެ ބޭއްވި މަޝްވަރާތަކަށް ފަހު އެއްބާރުލުމުގެ އާ ސަފުހާއެއް ހުޅުވިފައިވާ ކަމަށް އެ ޖަމާއަތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓުން ލައި މާގް ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޔޫރަޕިއަން ޔޫނިއަން އާއި ރާއްޖޭން އިއްޔެ ބޭއްވި މަޝްވަރާތަކަށް ފަހު އެއްބާރުލުމުގެ އާ ސަފުހާއެއް ހުޅުވިފައިވާ ކަމަށް އެ ޖަމާއަތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓުން ލައި މާގް ވިދާޅުވެއްޖެ އެވެ.

އީޔޫ-މޯލްޑިވްސް ޕޮލިސީ ޑަޔަލޮގްގެ ނަމުގައި ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޝްވަރާތަކަށް ފަހު ފޮރިން މިނިސްޓްރީން އާއްމުކުރި އިންޓަވިއުއެއްގައި މާގް ވިދާޅުވީ މަޝްވަރާތަކަށް ރާއްޖެއިން ދައުވަތު ދިނުމުން ވަަރަށް ހިތްހަމަޖެހިވަޑައިގެންނެވި ކަމަށާއި އެއީ ކާމިޔާބު މަޝްވަރާތަކެއް ކަމަށެވެ.

"މި އިވެންޓްގައި ބައިވެރިވެވުނީތީ އަޅުގަނޑުމެން ވަރަށް އުފާވި. މިއީ އަޅުގަނޑުމެންގެ [ދިވެހިރާއްޖެ-އީޔޫ]ގުޅުމުގެ އާ ސަފްހާއެއް،" އޭނާ ވިދާޅުވި އެވެ.

އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާކުރީ ތަރައްގީގައި އެއްބާރުލުން ދިނުން، ޑިމޮކްރަސީ، ގަވަނަންސް، އިންސާނީ ހައްގުތައް، މޫސުމީ ބަދަލުތައް އަދި ސަލާމަތީ ދާއިރާގައި އެއްބާރުލުން އިތުރުކުރަން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އީޔޫއިން ދެމެހެއްޓި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ޑިމޮކްރަސީއަށް ކުރި މަސައްކަތަށް ހިތްވަރު ލިބުނު ކަމަށެވެ. "ފަހުގެ ތާރީހުގައި އީޔޫ އާއި އެ ޖަމާއަތުގެ މެމްބަރު ގައުމުތަކުން ގެންގުޅުނު ވަރުގަދަ ސިޔާތު ރާއްޖޭގެ ރައްޔިތުން ޝުކުރުވެރިކަމާ އެކު ބަލައިގަނޭ. އެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ މަސައްކަތަށް ހިތްވަރު ލިބި، ގައުމު ޑިމޮކްރެޓިކްކޮށް ދެމެހެއްޓުމަށް ކުރި މަސައްކަތް ވަރުގަދަވި،" ޝާހިދު ވިދާޅުވި އެވެ.

ވަކި ހާލަތެއް ސީދާކޮށް ވިދާޅުނުވި ނަމަވެސް ފޮރިން މިނިސްޓަރުގެ ވާހަކައިގެ އަމާޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި އިދިކޮޅު ހަރަކާތްތައް ފުނޑުކޮށްލުމުގެ ސިޔާސަތާ ދެކޮޅަށް އީޔޫއިން ދިން އިންޒާރުތައް ކަމަށް ބެލެވެ އެވެ. އެގޮތުން މިދިއަ އަހަރުގެ ރިޔާސީ އިންތިހާބު ކައިރިވެފައި އޮއްވާ، މިނިވަން، އިންސާފުވެރި އިންތިހާބަކަށް ހުރަސްއަޅައިފި ނަމަ، ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އީޔޫއިން ދީފައިވެ އެވެ.

މަޝްވަރާތަކުގައި ރާއްޖޭން ބައިވެރިވި ވަފުދުގެ ވެރިޔަކީ ޝާހިދެވެ. އެ ވަފުދުގައި ދެން ހިމެނިވަޑައިގެންނެވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. އީޔޫއިން ބައިވެރިވި ވަފުދުގެ ވެރިޔަކީ މާގް އެވެ. އެ ވަފުދުގައި ދެން ހިމެނެނީ ފްރާންސް، ޖާމަނީ، ނެދަލެންޑްސް، އޮސްޓްރިއާ، ޗެކް ރިޕަބްލިކް، ސްވިޑްން، ޕޮލެންޑް، ރޮމޭނިއާ، އިޓަލީ އަދި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއި ސަފީރުންގެ ނައިބުންނެވެ.