Roadha Mihaaru
ރާއްޖެ-ސާބިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

ރާއްޖެ އާއި ސާބިއާގެ ދެމެދު ސީދާ ދަތުރުތައް ފެށުން ހިމެނޭހެން ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި

10 މެއި 2023

ރާއްޖެ އާއި ސާބިއާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުން ހިމެނޭހެން ހަތަރު ދާއިރާއަކުން އެކި އެއްބަސްވުންތަކުގައި ދެ ގައުމުން އިއްޔެ ސޮއިކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖެ އާއި ސާބިއާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުން ހިމެނޭހެން ހަތަރު ދާއިރާއަކުން އެކި އެއްބަސްވުންތަކުގައި ދެ ގައުމުން އިއްޔެ ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އެ އެއްބަސްވުންތައް ހެދީ ދަތުރުފަތުރާއި އިގުތިސާދާއި ހާރިޖީ ގުޅުމާ އަދި ތައުލީމީ ދާއިރާއިންނެވެ. އެއީ؛

• ވައިގެ ހިދުމަތުގެ ދާއިރާ އިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް.

• އިގުތިސާދާއި ވިޔަފާރީގެ ދާއިރާ އިން ދެ ގައުމުގެ އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުމެއް.

• ކުޅިވަރުގެ ދާއިރާ އިން ދެ ގައުމުގެ ދެމެދުގައި ގުޅުން ވަރުގަދަކުރުމުގެ އެއްބަސްވުމެއް.

• ޑިޕްލޮމެޓިކް ތައުލީމުގެ ރޮނގުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް.

އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ސާބިއާ އަށް ކުރައްވާ ރަސްމީ ދަތުރުގަ އެވެ.

"ދިވެހިރާއްޖެ އާއި ސާބިއާއާ ދެމެދު މިއަދު ކުރެވުނު ވައިގެ ހިދުމަތުގެ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުކުރުމަށް މަގުފަހިވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ،" ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިޕްލޮމެޓިކް ތައުލީމުގެ ރޮނގުން ސޮއިކުރި އެއްބަސްވުމަކީ ދެ ގައުމުގެ ހާރިޖީ ގުޅުން އިތުރަށް ހަރުދަނާވެ، ދެ ގައުމުގެ ފޮރިން ސާވިސް އޮފިސަރުންނަށް ތަމްރީނާއި ތަޖުރިބާ ލިބޭނެ ފުރުސަތެއް ކަމަށެވެ. ކުޅިވަރުގެ އެއްބަސްވުމުގެ ސަބަބުން ދިވެހި އެތުލީޓުންނަށް ސާބިއާގައި ތަމްރީނުވެ ތަޖުރިބާ ހޯދުމަށް އައު ދޮރުތަކެއް ހުޅުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިގުތިސާދާއި ވިޔަފާރީގެ ދާއިރާގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އެކްސްޕޯޓްތަކަށް އާ މާކެޓެއް ލިބި، ސާބިއާއިން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް ވެސް އިތުރުކުރެވޭނެ ކަަމަށް ޝާހިދު ވިދާޅުވި އެވެ.

އޭނާގެ މި ދަތުރުގައި ސާބިއާގެ ފޮރިން މިނިސްޓަރު އިވިކާ ޑާޗިޗްއާ އިއްޔެ ބައްދަލުކުރެއްވި އެވެ.

"[އެ ބައްދަލުވުމުގައި] އިންސާނީ ވަސީލަތް ތަރައްގީކުރުމަށާއި ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރުމާއި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރިން. އަދި ބައިނަލްއަގުވާމީ މަސްރަހުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރިން،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެ އާއި ސާބިއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަމުގެ ޔަގީންކަން އެބައޮތެވެ.