Roadha Mihaaru
އައްޑޫގެ މަގުތަކުގައި ތާރު އަޅަން ފަށައިފި

އައްޑޫގެ މަގުތަކުގައި ތާރު އަޅަން ފަށައިފި

22 ނޮވެމްބަރ 2022

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލު ކޮށްގެން ހަދަމުން އަންނަ އައްޑޫގެ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލު ކޮށްގެން ހަދަމުން އަންނަ އައްޑޫގެ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނީ، ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށީ ސ. ފޭދޫން ކަމަށެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރާ ހަވާލާދީ، އެ ކައުންސިލުގެ ވެބްސައިޓްގައި ބުނީ މިއީ ރާއްޖޭގެ ތާރީހުގައި ވެސް އަތޮޅުގެ ތެރޭގައި ސަރުކާރަކުން ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށެވެ. ރަނގަޅު ފެންވަރަކަށް ހަދާފައިވާ މަގުތަކެއް ނެތުމުގެ ސަބަބުން އައްޑޫގެ މީހުންނަށް މިހާތަނަށް ދިމާވެފައިވާ ދަތިތަކާއި ފެންބޮޑުވުން ފަދަ މައްސަލަތަކަށް އެ މަޝްރޫއާއެކު ދާއިމީ ހައްލެއް ލިބޭނެ ކަމަށް ވެސް މޭޔަރާ ހަވާލާދީ ސިޓީ ކައުންސިލުން ބުންޏެވެ.

އައްޑޫ ފޭދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ފޭދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އެއްވެސް ސަރުކާރެއްގައި އައްޑު އަށް އަދި ހާއްސަކޮށް ފޭދު އަށް ކޮށްދީފައި ނުވާ އެތައް ކަމެއް މި ސަރުކާރުން ކޮށްދެމުން އަންނަ ކަމަށް ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވި ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ފޭދޫގެ މަގުތަކުގެ މަސައްކަތް ލަސްވެ، ފެންވަރު ދަށް ކަމުގެ ޝަކުވާ ވެސް މި ފަހުން ބޮޑުވި އެވެ. ސިޓީ ކައުންސިލުން އޭރު ބުނީ އާންމުންގެ ޝަކުވާތަކެއް ލިބިފައި ވާތީ ކަންކަން ރަނގަޅު ކުރަމުން އަންނަ ކަމަށެވެ.

އައްޑޫ ފޭދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށިތަން އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ސިޓީ ކައުންސިލުގެ އެހެން އިސްވެރިން ބައްލަވާލައްވަނީ -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ފޭދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށިތަން އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ސިޓީ ކައުންސިލުގެ އެހެން އިސްވެރިން ބައްލަވާލައްވަނީ -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ރުފިޔާގެ ކްރެޑިޓް ލައިންގެ ދަށުން، 1.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން އައްޑޫގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މި އަހަރު ފެބްރުއަރީ 18ގަ އެވެ. އެ މަޝްރޫއުގެ ދަށުން އައްޑޫގެ ހުރިހާ ރަށެއްގެ މަގުތައް ހަދައި، ފެން ހިންދުމުގެ ނިޒާމެއް ވެސް ގާއިމު ކުރާނެ އެވެ.

އައްޑޫގެ ހުރިހާ މަގެއް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް އެފްކޮންސްއާ ހަވާލުކުރީ މިދިޔަ އަހަރު ފެބްރުއަރީގަ އެވެ.

އައްޑޫ ފޭދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ފޭދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އެ މަޝްރޫއުގެ ދަށުން އައްޑޫގެ 107 ކިލޯމީޓަރުގެ މަގު ހަދަން ނިންމާފައިވެ އެވެ. އޭގެ ތެރެއިން ބައެއް ތަންތަނުގައި ތާރު އެޅުމަށާއި ގާ އަތުރަން ނިންމާފައިވެ އެވެ.

އައްޑޫގައި 104 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމަކާއި ރަށްތަކުގައި މަގުތަކުގައި 376 ސީސީޓީވީ ކެމެރާ ހަރުކުރުމާއި މަގުތަކުގައި 3،600 ހޮޅިބުރި ހަރުކުރުމަކީ ވެސް އެ މަޝްރޫއުގެ ދަށުން ކުރާނެ ކަމެކެވެ.