Roadha Mihaaru
ހިތަދޫގެ މަގުތައް ހަދަން ފެށީ ހިންދޫންގެ އަޅުކަމަކުން!

ހިތަދޫގެ މަގުތަކުގައި ތާރުއަޅަން ފެށީ ހިންދޫ ދީނުގެ އަޅުކަމަކުން، ބަލައެއް ނުގަނެވޭ!

01 ނޮވެމްބަރ 2022

އައްޑޫ ހިތަދޫގެ މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް، ހިންދޫ ދީނުގެ އަޅުކަމަކުން އިންޑިއާގެ ކުންފުނިން މިއަދު ރަސްމީކޮށް ފެށި މައްސަލަ ބޮޑުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އައްޑޫ ހިތަދޫގެ މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް، ހިންދޫ ދީނުގެ އަޅުކަމަކުން އިންޑިއާގެ ކުންފުނިން މިއަދު ރަސްމީކޮށް ފެށި މައްސަލަ ބޮޑުވެއްޖެ އެވެ.

ސޯޝަލް މީޑީއާގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުނިން ހިތަދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ފެށީ ހިންދޫ ދީނުގެ މީހުން އެފަދަ ކަންކަން ފެށުމަށް ކުރާ ދީނީ ހަރަކާތަކުންނެވެ. ތާރު އަޅަން ބޭނުންކުރާ މެޝިނުގެ ކައިރީގައި ތިބެ އަޅުކަން ކުރުމަށް ފަހު، އެ މެޝިނުގައި ކާއްޓަކުން ޖަހަައި ފަޅައިލަ އެވެ. އެފްކޮންގެ ކޮންމެ މުވައްޒަފަކު ކަހަލަ ގޮތަކަށް، ހިންދޫ ދީނުގެ އަޅުކަން ފުރިހަމަ ކުރުމުގެ ގޮތުން އެ ގޮތަށް އަމަލުކުރާ ތަން އެ ވީޑިއޯ އިން ފެނެ އެވެ.

މިއީ، ރާއްޖޭގައި ހިންގާ މިފަދަ މަޝްރޫއެއް ފެށުމަށް އެހެން ގައުމެއްގެ ދީނީ އަޅުކަން ބަޔަކު އިސްކޮށް، އެ ގޮތަށް އަމަލުކުރާ މަންޒަރު ފެނުނު ފުރަތަމަ ފަހަރެވެ. އެހެންވެ، ގިނަ ބަޔަކު ދަނީ އެ ކަމަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް، ދިވެހިން އިންޑިއާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރާނެ ކަމަށް ބުނެ ދިވެހި ސަރުކާރަށް ވެސް ބައެއް މީހުން ދަނީ ފާޑުކިޔަމުންނެވެ. އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެ އަމަލު ނުހުއްޓުވުމުން ވެސް މީހުން ވަނީ ރުޅިގަދަ ވެފަ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ރުފިޔާގެ ކްރެޑިޓް ލައިންގެ ދަށުން، 1.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން އައްޑޫގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މި އަހަރު ފެބްރުއަރީ 18ގަ އެވެ.

އެ މަޝްރޫއުގެ ދަށުން އައްޑޫގެ ހުރިހާ ރަށެއްގެ މަގުތައް ހަދައި، ފެން ހިންދުމުގެ ނިޒާމެއް ވެސް ގާއިމު ކުރާނެ އެވެ. އައްޑޫގެ ހުރިހާ މަގެއް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް އެފްކޮންސްއާ ހަވާލުކުރީ މިދިޔަ އަހަރު ފެބްރުއަރީގަ އެވެ.

އެ މަސައްކަތުގެ ތެރެއިން މިއަދު ވަނީ ބައެއް މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފަ އެވެ.

ހިންދޫ ދީނުގެ އަޅުކަމަކާއެކު، ހިތަދޫގެ މަގުތަކުގައި ތާރު އަޅަން ފެށި މައްސަލަ ފެންމަތިވިއިރު، އެ ރަށުގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި އެފްކޮން އިން ތަޅުން އަޅައި ދިން މައްސަލައެއް އޭސީސީ އަށް ވަނީ ހުށަހަޅައިފަ އެވެ. އެމްޑީޕީއަކީ މި ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ ކަމަށް ވާއިރު، އެފްކޮންގެ އެ އަމަލަކީ އަމިއްލަ މަސްލަހަތާއި ނުފޫޒު ފޯރުވުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެފްކޮންސް އިން ހިތަދޫގެ މަގުތަކުގައި ތާރު އަޅަން މިއަދު މި ފެށީ އެ މަސައްކަތް ލަސްވުމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. އަދި މިހާތަނަށް އައްޑޫގައި އެ ކުންފުނިން ހެދި މަގުތަކުގެ ފެންވަރު ދަަށްވުމުން އެ މައްސަލަ ވެސް އައްޑޫ މީހުން އަންނަނީ ޖައްސަމުންނެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ސްކޯޕް

- 107 ކިލޯމީޓަރުގެ މަގު ހެދުން (ތާރުއެޅުމާއި ގާއެތުރުން). - 104 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމެއް ހެދުން. - އައްޑޫގެ ރަށްތަކުގައި މަގުތަކުގައި 376 ސީސީޓީވީ ކެމެރާ ހަރުކުރުން. - އައްޑޫގެ ރަށްތަކުގެ މަގުތަކުގައި 3،600 ހޮޅިބުރި ހަރުކުރުން.

މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ކުރަމުން އަންނަ އެފްކޮންސް އިން މިދިޔަ ޖޫން މަހު ބުނީ އައްޑޫގެ މަގުތައް ހެދުމާއި ބްރިޖުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި އެ ދެ މަޝްރޫއު ވެސް ކަނޑައަޅާފައިވާ ތާރީހަށް ނިންމާލެވޭނެ ކަމަށެވެ.