Roadha Mihaaru
ފޭދޫގެ މަގުތަކުގެ ފެންވަރު ދަށްކަމުގެ ޝަކުވާ

އެފްކޮންސް އިން ފޭދޫގެ މަގުތައް ހަދަނީ ފެންވަރު ދަށްކޮށް ކަމަށް ބުނެ ޝަކުވާ ބޮޑުވެއްޖެ

20 އޮކްޓޯބަރ 2022

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށްގެން ހަދަމުން އަންނަ ސ. ފޭދޫގެ މަގުތަކުގެ މަސައްކަތް ލަސްވެ، ފެންވަރު ދަށް ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށްގެން ހަދަމުން އަންނަ ސ. ފޭދޫގެ މަގުތަކުގެ މަސައްކަތް ލަސްވެ، ފެންވަރު ދަށް ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އެ މަގުތަކުގެ ކާނުގަނޑު ހަދަން ބޭނުންކޮށްފައި ހުރި ދަގަނޑުތަކުގައި ދަބަރު ޖަހާފައިވެ އެވެ. އަދި މަގުތައް ކޮނެފައި މަސައްކަތް ނުނިންމާ ގިނަ ދުވަހު ބޭއްވުމުގެ ސަބަބުން ވަޅުގަނޑުތަކަށް މީހުންނާއި ވެހިކަލްތައް ވެއްޓި ހާނިކަވުމުގެ ހާދިސާތައް ވެސް ހިނގާފައިވާ ކަމަށް ބައެއް މީހުން ބުންޏެވެ.

އެފޮކްންސް އިން ހަދާ އައްޑޫގެ މަގެއްގެ ކާނުގަނޑުގެ ދަގަނޑުތަކުގައި ދަބަރު ޖަހާފައި.

އެފޮކްންސް އިން ހަދާ އައްޑޫގެ މަގެއްގެ ކާނުގަނޑުގެ ދަގަނޑުތަކުގައި ދަބަރު ޖަހާފައި.

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ރުފިޔާގެ ކްރެޑިޓް ލައިންގެ ދަށުން، 1.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން އައްޑޫގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މި އަހަރު ފެބްރުއަރީ 18ގަ އެވެ. އެ މަޝްރޫއުގެ ދަށުން އައްޑޫގެ ހުރިހާ ރަށެއްގެ މަގުތައް ހަދައި، ފެން ހިންދުމުގެ ނިޒާމެއް ވެސް ގާއިމު ކުރާނެ އެވެ. އައްޑޫގެ ހުރިހާ މަގެއް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް އެފްކޮންސްއާ ހަވާލުކުރީ މިދިޔަ އަހަރު ފެބްރުއަރީގަ އެވެ.

ފޭދޫގެ މަގު ހެދުމުގެ މަޝްރޫއު ޕްލޭނާ އެއްގޮތަށް ކުރިއަށް ނުދާ ކަމަށް ވިދާޅުވެ އެ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

އެފްކޮންސް އިން ހަދާ އައްޑޫގެ މަގެއްގައި ކާނުގަނޑުގެ ބައެއް ހަދާފައި.

އެފްކޮންސް އިން ހަދާ އައްޑޫގެ މަގެއްގައި ކާނުގަނޑުގެ ބައެއް ހަދާފައި.

ނިހާދުގެ ޓުވީޓެއްގައި ވިދާޅުވީ ފޭދޫގެ މަގުތައް ހެދުމަށް އެފްކޮންސްއާ ހަވާލުކުރީ ތިން ސަރަހައްދެއްގައި އެއް ފަހަރާ މަސައްކަތްކޮށް، ކޮލިޓީކޮށް އަވަހަށް މަސައްކަތް ނިންމާލުމަށް ކަމަށް ވިޔަސް އެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.

"އެހެނަސް މަސައްކަތް ކުރަނީ އެންމެ ޓީމަކުން ކަމުގައިވުމުން މަސައްކަތުގެ ކޮލެޓީދަށްވެފައި އެހާ ލަސް. މަގުތައް ކޮނެފައި ނުނިންމާ ގިނަ ދުވަހު ބޭއްވުމުން ވަރަށް އުނދަގޫ،" އޭނާ ވިދާޅުވި އެވެ.

އެފްކޮންސް އިން ފޭދޫގެ މަގުތައް ހަދަނީ ސަބްކޮންޓްރެކްޓަރެއްގެ ގޮތުގައި އެމްއެމް އެކްސްޕޯޓްސް ޕްރައިވެޓް ލިމިޑެޓް ކިޔާ އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

އެ މައްސަލާގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު މިއަދު "މިހާރު" އަށް ވިދާޅުވީ ފޭދޫގެ މަގުތައް ހެދުމުގެ މަޝްރޫއުއާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ޝަކުވާތަކަށް ހައްލެއް ހޯދުމަށް ސިޓީ ކައުންސިލުން އެފްކޮންސްއާ އެކު މިހާރު ސިލްސިލާކޮށް މަޝްވަރާ ބައްދަލުވުންތައް ވެސް ބާއްވަމުން އަންނަ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"އެބަ އާދޭ ޑިޒައިންއާ ގުޅޭ ކަންކަމާއި އަދި އެހެން ޝަކުވާތައް ވެސް. ބައެއް ފަހަރު ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ފޭދު އަށް ބަލާއިރު ފޭދޫގައި މި އިންނަނީ މާ ކުރިން ފެން ހިންދާ ނިޒާމެއް ގާއިމްކޮށްފައި. ޔުޓިލިޓީސް ޖަންކްޝަންތަކާ އެއްޗެހި އެބަހުރި އެހެންވީމަ އެ އެއްޗެއްސަށް ބަލައިގެން މަގު މި ހެދޭނީ،" މަސައްކަތް ލަސްވާ ސަބަބުން މޭޔަރު ވިދާޅުވި އެވެ.

އެފްކޮންސްގެ މުވައްޒަފުން އައްޑޫގެ މަގު ހެދުމުގެ މަސައްކަތް ކުރަނީ؛ ކޮލެޓީ ދަށްކޮށް މަގުތައް ހަދާ ކަމުގެ ޝަކުވާ ބޮޑުވެފައިވޭ -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އެފްކޮންސްގެ މުވައްޒަފުން އައްޑޫގެ މަގު ހެދުމުގެ މަސައްކަތް ކުރަނީ؛ ކޮލެޓީ ދަށްކޮށް މަގުތައް ހަދާ ކަމުގެ ޝަކުވާ ބޮޑުވެފައިވޭ -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

"ކުރިން ހަދާފައި ހުރި ޖަންކްޝަންތަކަށް ބަލައިގެން މަގު ލެވެލް ކުރަން މި ޖެހެނީ. އެކަމުގައި އުނދަގޫތަކެއް އުޅެނީ."

މޭޔަރު ވިދާޅުވީ ލިބޭ ޝަކުވާތަކަށް ބަލައި، މިހާރު ވެސް ވަރަށް ގިނަ ކަންކަން ރަނގަޅުކުރަމުން އަންނަ ކަމަށެވެ. ސްޓޭކްހޯލްޑަރުންނާ އެކު ކޮންމެ ހަފުތާ އަކު ވެސް ކައުންސިލުން ބައްދަލުވުމެއް ބާއްވައި، ޝަކުވާތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވި ނަތީޖާ ވެސް ނެރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަގު ހެދުމަށް ބޭނުންކޮށްފައި ހުރި ބައެއް ދަގަނޑުތަކުގައި ދަބަރު ޖަހާފައި ހުރުމާ ގުޅިގެން ސުވާލުކުރުމުން މޭޔަރު ވިދާޅުވީ މަގު ހަދަނީ ހިޔާކޮށްގެން ނޫން ކަމަށް ވާތީ ވާރޭވެހި އަދި އަވިދިނުމުގެ ސަބަބުން ބައެއް ދަގަނޑުތަކުގައި ދަބަރު ޖަހާފައިވާ ކަމަށެވެ. އެ ތަންތަން ހަދަން ފެށިއިރު އެއީ ހަމަ ރީއްޗަށް ހުރި، ކޮލެޓީ ރަނގަޅު ދަގަނޑު ކަމަށް ވިދާޅުވި އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ޕްރެސްގައި އައްޑޫގެ މަގުތަކާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން ސީދާ ޖަވާބެއް ނުދެއްވާ އެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރުން އައްޑު އާއި އެހެން ރަށްރަށުގައި ވެސް ހިންގާ މަގު ހެދުމުގެ މަޝްރޫއުތަކުގެ ކޮލިޓީ ރަނގަޅުވާނެ ކަމަށެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ސްކޯޕް

- 107 ކިލޯމީޓަރުގެ މަގު ހެދުން (ތާރުއެޅުމާއި ގާއެތުރުން).

- 104 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމެއް ހެދުން.

- އައްޑޫގެ ރަށްތަކުގައި މަގުތަކުގައި 376 ސީސީޓީވީ ކެމެރާ ހަރުކުރުން.

- އައްޑޫގެ ރަށްތަކުގެ މަގުތަކުގައި 3،600 ހޮޅިބުރި ހަރުކުރުން.

މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ކުރަމުން އަންނަ އެފްކޮންސް އިން މިދިޔަ ޖޫން މަހު ބުނީ އައްޑޫގެ މަގުތައް ހެދުމާއި ބްރިޖުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި އެ ދެ މަޝްރޫއު ވެސް ކަނޑައަޅާފައިވާ ތާރީހަށް ނިންމާލެވޭނެ ކަމަށެވެ.