Roadha Mihaaru
ސ. ފޭދޫގައި ޔޮޓް މެރީނާއެއް ހަދާނެ ބަޔަކު ހޯދަނީ

ސ. ފޭދޫގައި ޔޮޓް މެރީނާއެއް ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

13 ޖުލައި 2023

ސ. ފޭދޫގައި ކްރޫޒް ޓާމިނަލަކާއި ޔޮޓް މެރީނާއެއް ހަދައި އެތަންތަން އޮޕަރޭޓްކުރަން ޝައުގުވެރިވާ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއްޔެ އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސ. ފޭދޫގައި ކްރޫޒް ޓާމިނަލަކާއި ޔޮޓް މެރީނާއެއް ހަދައި އެތަންތަން އޮޕަރޭޓްކުރަން ޝައުގުވެރިވާ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއްޔެ އިއުލާންކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނީ އެ ޕްރޮޖެކްޓަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ވެސް އޮންނާނެ ކަމަށެވެ. އީއޯއައި ހުށަހެޅުމުގެ ފުރުސަތު މި މަހު 25 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

މި ޔޮޓް މެރީނާ ހަދަން ޕްލޭންކޮށްފައި ވަނީ ފޭދޫގެ ކުރީގެ ރަސްމީ ބޯޅަދަނޑާ ދިމާލުން ފޭދު އާއި ގަމާ ގުޅޭ ހިސާބުގަ އެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، ކްރޫޒް ޓާމިނަލާއި ޔޮޓް މެރީނާ ހަދާ ސަރަހައްދުގައި 100 ކޮޓަރީގެ ހޮޓަލެއް ވެސް ހަދަން ޖެހޭނެ އެވެ. އަދި އެ ހޮޓަލުން ކްރޫޒް ޓާމިނަލާއި ޔޮޓް މެރީނާއަށް އަންނަ މީހުންނަށް އެކި ހިދުމަތްތައް ލިބެން ޖެހޭނެ އެވެ.

ސިޓީ ކައުންސިލުން ބުނީ މި ޕްރޮޖެކްޓަށް ޝައުގުވެރިކަންފާޅުކުރާ ކުންފުނިތަކުން އެ ކުންފުނިތަކުގެ ފާއިތުވި ތިން އަހަރުގެ މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ ކުންފުންޏެއް ވާން ޖެހެނީ މަދުވެގެން 10 އަހަރުގެ ތަޖުރިބާ ހުރި ކުންފުންޏަކަށް ކަމަށް ވެސް ސިޓީ ކައުންސިލުގެ އިއުލާނުގައި ބުންޏެވެ.

އައްޑޫގައި ކްރޫޒް ޓާމިނަލަކާއި ޔޮޓް މެރީނާއެއް ހަދަން ޕްލޭން ކުރަމުން އަންނަތާ މިހާރު 16 ވަރަކަށް އަހަރުވެއްޖެ އެވެ. ނަމަވެސް، އަމަލީ ސިފައެއްގައި މިހާތަނަށް އެ މަސައްކަތް ފެށިފައެއް ނުވެ އެވެ. އައްޑޫގެ މިހާރުގެ ސިޓީ ކައުންސިލުން އެކުލަވާލި ލޭންޑް ޔޫސް ޕްލޭންގައި އެ މަސައްކަތް ކުރަން ބިން ކަނޑައަޅާފައިވެ އެވެ.