Roadha Mihaaru
ގައުމީ ސަލާމް ކިޔަން ވެސް އިރާންގެ ކުޅުންތެރިން ދެކޮޅު

އަމިއްލަ ގައުމުގެ ގައުމީ ސަލާމް ކިޔަން ވެސް އިރާންގެ ކުޅުންތެރިން ދެކޮޅު

21 ނޮވެމްބަރ 2022

ދޯހާ (ނޮވެމްބަރު 21) - ފީފާ ވޯލްޑް ކަޕްގައި މިރޭ، އިންގްލެންޑާ ދެކޮޅަށް އިރާން ކުޅުނު މެޗުގައި، އަމިއްލަ ގައުމުގެ ގައުމީ ސަލާމް ކިޔަން ވެސް އިރާންގެ ކުޅުންތެރިން ދެކޮޅު ހަދައިފި އެވެ.

ދޯހާ (ނޮވެމްބަރު 21) - ފީފާ ވޯލްޑް ކަޕްގައި މިރޭ، އިންގްލެންޑާ ދެކޮޅަށް އިރާން ކުޅުނު މެޗުގައި، އަމިއްލަ ގައުމުގެ ގައުމީ ސަލާމް ކިޔަން ވެސް އިރާންގެ ކުޅުންތެރިން ދެކޮޅު ހަދައިފި އެވެ.

މެޗުގެ ކުރިން ގައުމީ ސަލާމަށް ދެ ޓީމު ހުއްޓިގެން ތިބި އިރު، އިރާންގެ ގައުމީ ސަލާމް ކުޅެން ފެށުމުން އެ ޓީމުގެ ކުޅުންތެރިން ގައުމީ ސަލާމް ނުކިޔަ އެވެ.

ގައުމީ ސަލާމް ކިޔަން އިރާންގެ ކުޅުންތެރިން ދެކޮޅު ހެދީ، އިރާންގައި އަންހެނުންނަށް ބުރުގާ އެޅުން މަޖުބޫރުކޮށްފައި ވަނިކޮށް، ބުރުގާ ނާލައި އުޅުނު މީހަކަށް އާންމުންގެ ބަޔަކު ހަމަލާ ދީފައި ވަނިކޮށް އޭނާ މަރުވުމުންނެވެ. މަހްޝާ އަމީނީ ނަމަކަށް ކިޔާ މީހާ މަރުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުންނެވެ.

މަހްޝާ މަރުވުމުން އެތައް ބަޔަކު ވަނީ އިރާންގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފަށައިފަ އެވެ. މުޒާހަރާ ކުރާ ފަރާތްތަކުން ގޮވާލަމުން ދަނީ ބުރުގާ އެޅުން ގާނޫނުން މަޖުބޫރު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށެވެ. އެ މުޒާހަރާތަކުގައި 344 މީހުން މަރުވި އެވެ. އަދި 15280 މީހުން ހައްޔަރު ކުރި އެވެ. މުޒާހަރާތަކަށް ތާއީދު ކުރާކަން ހާމަ ކުރުމުގެ ގޮތުން އިރާންގެ ގައުމީ ޓީމުން ވަނީ ސެޕްޓެމްބަރު މަހު އެ ގައުމު ކުޅުނު ދެ މެޗެއްގައި ގައުމީ ޓީމުގެ ބެޖް ނިވާކޮށްގެން ކުޅެފަ އެވެ.

މުޒާހަރާތަކަށް ތާއިދު ކުރާކަން ކުޅުންތެރިން އޭރު ހާމަ ކުރި ނަމަވެސް އިރާންގެ ޓީމަށް ސޯޝަލް މީޑިއާގައި ފާޑުކިޔުން ވެސް ވަނީ އަމާޒުވިއެވެ. އެއީ މުބާރާތުގެ ކުރިން އިރާން ސަރުކާރުގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމަށް ކުޅުންތެރިން ދިއުމުންނެވެ. އެކަމަކު ވޯލްޑް ކަޕް ފެށުމުގެ ކުރިން އިރާންގެ ކޯޗު ކާލޯސް ކުއިރޯޒް ބުނީ ވޯލްޑް ކަޕް ތެރޭގައި ވެސް ފީފާގެ ގަވާއިދުތަކާ އެއްގޮތަށް އިހުތިޖާޖު ކުރުމުގެ ހުއްދަ އޭނާގެ ކުޅުންތެރިންނަށް ދޭނެ ކަމަށެވެ.