Roadha Mihaaru
ބޭރު ކޯޗަކަށް އިނގިރޭސި ޓީމު ދީގެންނުވާނެ: އެލަޑައިސް

ގައުމުން ބޭރު ކޯޗަކާ އިނގިރޭސި ޓީމު ހަވާލުކޮށްގެން ނުވާނެ: އެލަޑައިސް

15 ޑިސެމްބަރ 2022

ލަންޑަން (ޑިސެމްބަރު 15) - އިންގްލެންޑްގެ ފުޓްބޯޅަ ޓީމަށް ގައުމުން ބޭރުގެ ކޯޗަކު ހަމަޖެއްސުމަށް ތާއީދުނުކުރާކަމަށް އެ ޓީމުގެ ކުރީގެ ކޯޗް ސޭމް އެލަޑައިސް ބުނެފި އެވެ.

ލަންޑަން (ޑިސެމްބަރު 15) - އިންގްލެންޑްގެ ފުޓްބޯޅަ ޓީމަށް ގައުމުން ބޭރުގެ ކޯޗަކު ހަމަޖެއްސުމަށް ތާއީދުނުކުރާކަމަށް އެ ޓީމުގެ ކުރީގެ ކޯޗް ސޭމް އެލަޑައިސް ބުނެފި އެވެ.

ވޯލްޑް ކަޕުގައި ކުރިމަތިވި ނާކާމިޔާބާއެކު އިނގިރޭސި ގައުމީ ޓީމުގެ މިހާރުގެ ކޯޗު ގެރެތު ސައުތުގޭޓްގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެއާއެކު ގައުމުން ބޭރުގެ ކޯޗަކާ އިނގިރޭސި ޓީމު ހަވާލުކުރުމުގެ ވާހަކަތަކެއް ވެސް ދަނީ ދެކެވެމުންނެވެ. އެގޮތުން ޕްރިމިއާ ލީގުގައި ކާމިޔާބު މަސައްކަތްތަކެއް ކުރި ދެ ކޯޗުން ކަމަށްވާ އާޖެންޓީނާގެ މައުރީޝިއޯ ޕޮޗެޓިނޯ އާއި ޖަރުމަންގެ ތޯމަސް ޓުޗެލްގެ ނަން އިނގިރޭސި ޓީމާ ގުޅުވައި ދަނީ ފަތުރަމުންނެވެ.

އެކަމަކު އެ ހިޔާލާ އެލަޑައިސް ދެކޮޅެވެ. އޭނާ ބުނީ އިނގިރޭސި ޓީމަށް ކޯޗުކޮށްދޭން އިނގިރޭސި ވިލާތުން ވެސް ފެންވަރު ރަނގަޅު ކޯޗުން ލިބޭނެ ކަމަށެވެ. އެކަމަކު އިނގިރޭސި ލީގުގައި އިންގްލެންޑް ކޯޗުންނަށް އެކަށީގެންވާ ކާމިޔާބެއް ނުހޯދެ އެވެ.

"އަލުން އެކަން ހިގައިގެން ނުވާނެ،" އިނގިރޭސި ގައުމީ ޓީމާ 2016 ގައި ހަވާލުވެ އެންމެ މެޗެއްގައި ކޯޗުކޮށް ދިން އެލަޑައިސް ބުންޏެވެ.

"ތަޖުރިބާއާއި ފެންވަރު ހުރި ބްރިޓިޝް ކޯޗުން ފުދޭވަކަށް މިގައުމުގައި އެބަތިބި. ގައުމީ ޓީމަށް ރަނގަޅު ކޯޗުން މި ގައުމުން ހޯދޭނެ. އިނގިރޭސި ޕްރިމިއާ ލީގުގައި ބްރިޓީޝް ކޯޗުންނަށް ފުރުސަތު ނުލިބިދާނެ. އެކަމަކު ގައުމީ ޓީމުގައި ގައުމުން ބޭރުގެ ކޯޗަކު ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން."

އޭސީ މިލާން އާއި ރެއާލް މެޑްރިޑްގައި ކުރިން ކާމިޔާބު ހޯދި އިޓަލީގެ ފަބިއޯ ކަޕެއްލޯ އަކީ އިނގިރޭސި ޓީމަށް އެންމެ ފަހުން ކޯޗުކޮށް ދިން ގައުމުން ބޭރު ކޯޗެވެ.