Roadha Mihaaru
ހާތިފް ރިޓަޔާވެއްޖެ، ހައިކޯޓު ހިންގުން ޝަހީދަށް

ހައި ކޯޓުގެ އިސް ފަނޑިޔާރު ހާތިފް ރިޓަޔާވެއްޖެ، ކޯޓު ހިންގުން ޝަހީދަށް

17 ނޮވެމްބަރ 2022

ހައި ކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ ފަނޑިޔާރުކަމުން މިއަދު ރިޓަޔާވެ ވަޑައިގަތުމުން ހައި ކޯޓު ހިންގުން ފަނޑިޔާރު ހުސައިން ޝަހީދާ ހަވާލުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ ފަނޑިޔާރުކަމުން މިއަދު ރިޓަޔާވެ ވަޑައިގަތުމުން ހައި ކޯޓު ހިންގުން ފަނޑިޔާރު ހުސައިން ޝަހީދާ ހަވާލުކޮށްފި އެވެ.

ނޮވެމްބަރު، 2020 ގައި ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަންކުރި ހާތިފް ފަނޑިޔާރުކަމުން ރިޓަޔާވެ ވަޑައިގަތީ އަމިއްލައަށް އެދިގެންނެވެ. އޭނާ 2009 ވަނަ އަހަރުން ފެށިގެން ސިވިލް ކޯޓުގެ ގާޒީއަކަށް ހުންނެވުމަށްފަހު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2019 ވަނަ އަހަރު އެވެ.

ހާތިފްއަކީ ސިވިލް ކޯޓުގައި މުދަލާއި ފައިސާގެ ބޮޑެތި މައްސަލަތަކެއް ބެއްލެވި އަދި މަޝްހޫރު ފަނޑިޔާރެކެވެ. އަދި ފަހުގެ ތާރީޚުގައި ހައި ކޯޓުގެ އިސް ފަނޑިޔާރުކަން ކުރެއްވި އެންމެ ޒުވާން ބޭފުޅާ ވެސް މެ އެވެ.

ހާތިފް ރިޓަޔާވެ ވަޑައިގަތުމުން ވަގުތީ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައި ކޯޓު ހިންގުމާ ހަވާލުކުރި ފަނޑިޔާރު ޝަހީދަކީ 2018 ވަނަ އަހަރު އެ ކޯޓަށް އައްޔަން ކުރި ފަނޑިޔާރެކެވެ. އޭގެ ކުރިން ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީއަކަށެވެ.

މިއީ ހައިކޯޓުގެ ތާރީޚުގައި މިހާ އަވަސް އަވަހަށް ފަނޑިޔާރުން ރިޓަޔާވެ ވަޑައިގަތް ދުވަސްވަރެވެ. އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ޝުއައިބު ހުސައިން ޒަކަރިއްޔާ ވެސް އަމިއްލައަށް އެދިވަޑައިގެން ރިޓަޔާވެ ވަޑައިގަތީ މިދިޔަ މަހު އެވެ.