Roadha Mihaaru
ނަޕޯލީ އަށް ހުއްޓުމެއް ނެތް

ނަޕޯލީ އަށް ހުއްޓުމެއް ނެތް

24 އޮކްޓޯބަރ 2022

އިޓާލިއަން ލީގުގައި ރޭ ނަޕޯލީން 1-0 އިން ރޯމާ ބަލިކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އިޓާލިއަން ލީގުގައި ރޭ ނަޕޯލީން 1-0 އިން ރޯމާ ބަލިކޮށްފި އެވެ.

މި ނަތީޖާއާ އެކު ނަޕޯލީ ވަނީ ބަލިނުވެ 11 މެޗު ފުރިހަމަކޮށްފަ އެވެ. އެ ޓީމު އޮތީ 29 ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. އެންމެ ކައިރީގައި އޮތީ 26 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް އޭސީ މިލާނެވެ.

ރޭ އެޓަލާންޓާ 2-0 އިން ބަލިކޮށް ލާޒިއޯ ވަނީ 24 ޕޮއިންޓް ހަމަކޮށް ތާވަލުގެ ތިން ވަނަ އަށް އަރައިފަ އެވެ. އަދި ކުރިން އެ މަގާމުގައި އޮތް އެޓާލާންޓާ ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް 24 ޕޮއިންޓް ލިބިފައިވީ ނަމަވެސް ލަނޑުގެ ތަފާތުން ލާޒިއޯ ކުރި ހޯދީ އެވެ.

ރޯމްގެ ސްޓޭޑިއޯ އޮލިމްޕިކޯގައި ރޭ ރޯމާ އާއި ނަޕޯލީ ކުޅުނު މެޗުގައި ނަޕޯލީގެ ހަމައެކަނި ލަނޑު 80 ވަނަ މިނެޓުގައި ޖެހީ ވިކްޓަ އޮސިމްހެން އެވެ.

ނަޕޯލީ އަކީ މި ސީޒަނުގައި ޔޫރަޕުގައި ވެސް އެންމެ ފޯމުގައި އޮތް ޓީމެވެ. އެ ޓީމުން ވަނީ ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތަރު މެޗު ކާމިޔާބުކޮށް ދެ ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.

މުހިއްމު ބައެއް ކުޅުންތެރިން ޓީމު ދޫކޮށްދިޔަ ނަމަވެސް ނަޕޯލީން ވަނީ ޓްރާންސްފާ ބާޒާރުގައި ހުނަރުވެރި ޒުވާން ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކޮށްފަ އެވެ. އޭގެ ތެރޭގައި ދެކުނު ކޮރެއާ ޑިފެންޑަރު ކިމް މިން-ޖަޔޭ އާއި ޖޯޖިއާ ވިންގާ ކިވިޗާ ކްވަރަޝެލިއާ ހިމެނެ އެވެ.

ލީގުގެ ގަދަބާރުތަކުގެ ތެރެއިން އިންޓަ މިލާން އޮތީ 21 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ. އަދި ޔުވެންޓަސް އޮތީ 19 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ.