Roadha Mihaaru
ވަން އައިލެންޑް- ވަން ރިސޯޓް ކޮންސެޕްޓާ ދުރަށްނުދޭ

ޕައިނިއަރުންގެ ނަސޭހަތް: ވަން އައިލެންޑް- ވަން ރިސޯޓް ކޮންސެޕްޓާ ދުރަށް ނުދޭ

15 ސެޕްޓެމްބަރ 2022

ރާއްޖޭގެ ޓޫރިޒަމްގެ ފެށުން ނުވަތަ "ވަން އައިލެންޑް، ވަން ރިސޯޓް" ކޮންސެޕްޓާ ދުރަށް ނުދިއުމަށް، ރާއްޖޭގައި ޓޫރިޒަމް ފެއްޓެވުމުގައި އިސްކޮށް އުޅުއްވި ޗަމްޕާ ހުސެއިން އަފީފާއި ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ) އިލްތިމާސްކުރައްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ޓޫރިޒަމްގެ ފެށުން ނުވަތަ "ވަން އައިލެންޑް، ވަން ރިސޯޓް" ކޮންސެޕްޓާ ދުރަށް ނުދިއުމަށް، ރާއްޖޭގައި ޓޫރިޒަމް ފެއްޓެވުމުގައި އިސްކޮށް އުޅުއްވި ޗަމްޕާ ހުސެއިން އަފީފާއި ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ) އިލްތިމާސްކުރައްވައިފި އެވެ.

ރާއްޖޭގައި ޓޫރިޒަމް ފުޅާކުރަން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ކުރުނބާ މޯލްޑިވްސްގައި މިއަދު ފެށި ޖެނެރަލް މެނޭޖަރުންގެ ފޯރަމްގައި އަފީފު ވިދާޅުވީ، ރާއްޖެއަކީ ގުދުރަތީ ގޮތުން ރަށްތައް ވަކިވަކިން އޮންނަ ގައުމަކަށްވާ އިރު، އެކަން ބަދަލުކޮށްފި ނަމަ، ރާއްޖޭގެ ތަފާތުކަން ގެއްލޭނެ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، މިއީ ކުރިއަށް އޮތްތަނުގައި ރިސޯޓު ތަރައްގީ ކުރާ ފަރާތްތަކުން ވިސްނުން ވަރަށް މުހިއްމު ކަމެވެ. ކައިރި ކައިރީގައި ރިސޯޓުތައް ހުރުމަކީ ރާއްޖޭގެ ސިފަތައް ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގުދުރަތީ ގޮތުން ރާއްޖޭގެ ރަށްތައް އޮންނަނީ ދުރު ދުރުގައި. އެކަމަކު މިހާރު އެއް ރިސޯޓުން ޖަހާ ބޮޑު ބޮޑު އަނެއް ރިސޯޓަށް އެބަ އަޑު އިވޭ. އެހެންވެ ރިސޯޓުތަކުގެ ޓޫރިސްޓުންނަށް އެބަ އުނދަގޫވޭ،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމްގެ ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފު ޖީއެމް ފޯރަމްގައި ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޓޫރިޒަމްގެ ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފު ޖީއެމް ފޯރަމްގައި ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ރާއްޖޭގައި މިހާރު ވެސް ހިންގަމުން އަންނަ އިންޓަގްރޭޓެޑް ފަރި އައިލެންޑް ރިސޯޓު ކޮންސެޕްޓާ މެދު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ފޯރަމްގެ ބައިވެރިޔަކު ދެންނެވުމުން އަފީފު ވިދާޅުވީ އެކަމާ މެދު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރުން މިހާރު މާ ލަސްވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ގެންދަން ޖެހޭނީ އެންމެ ކުރީގައި ގެންގުޅުނު އަސާސީ ކަންކަން ބަދަލު ނުވާނެ ގޮތްގޮތަށް ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ކައިރި ކައިރީ ރިސޯޓުތައް ތަރައްގީ ކުރުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އޭނާ ވިދާޅުވީ، މިހާރު ރިސޯޓުތައް ހަދަމުން އަންނަ ގޮތުން، ސްޕެއިން ފަދަ ގައުމުތަކުގައި ހޮޓާތައް އޮންނަ ގޮތް ސިފަވާ ކަމަށެވެ.

ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ މުހަންމަދު އުމަރު މަނިކު (އެމްޔޫ) ޖީއެމް ފޯރަމްގައި ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ މުހަންމަދު އުމަރު މަނިކު (އެމްޔޫ) ޖީއެމް ފޯރަމްގައި ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެމްޔޫ މަނިކު ވިދާޅުވީ، މިކަންކަން ބަދަލުކޮށް، ނުވަތަ ތަފާތު ކޮންސެޕްޓަށް ތައާރަފް ކުރުމުގެ ބާރު އޮތީ ސަރުކާރަށް ކަމަށެވެ. އެހެން ނަމަވެސް ޓޫރިޒަމް ތަރައްގީ ކުރުމުގައި ރާއްޖެ ތަފާތުވާ ސިފަތައް ދެމެހެއްޓުމަށް އޭނާ ވެސް އެދިވަޑައިގަތެވެ.

"މިއީ ސަރުކާރަށް ކޮންޓްރޯލު ކުރެވޭނެ ކަންކަން. ސަރުކާރުގެ ޕޮލިސީތަކުން މިފަދަ ކަންކަން ކުރެވޭނީ. ރާއްޖޭގެ ޓޫރިޒަމް ކުރިއަރީ ބޮޑެތި ރިސްކުތައް ނަގައިގެން. އަޅުގަނޑުމެންގެ ތަޖުރިބާ ބޭނުންކުރޭ،" އޭނާ ވިދާޅުވި އެވެ.