Roadha Mihaaru
ރާއްޖޭގެ އިގްތިސާދު ބަދަލުކޮށްލީ ޓޫރިޒަމުން: އަފީފް

ރާއްޖޭގެ އިގްތިސާދު ބަދަލުކޮށްލީ ޓޫރިޒަމުން: އަފީފް

04 އޮކްޓޯބަރ 2021

ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބޮޑު ބަދަލެއް އައީ ޓޫރިޒަމް ފެށުމުގެ ސަބަބުން ކަމަށް، ރާއްޖޭގެ ޓޫރިޒަމްގެ ބާނީންގެ ތެރޭގައި ހިމެނޭ ޗަމްޕާ ހުސައިން އަފީފު ރޭ ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބޮޑު ބަދަލެއް އައީ ޓޫރިޒަމް ފެށުމުގެ ސަބަބުން ކަމަށް، ރާއްޖޭގެ ޓޫރިޒަމްގެ ބާނީންގެ ތެރޭގައި ހިމެނޭ ޗަމްޕާ ހުސައިން އަފީފު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކައުންޓްޑައުން ފެށުމުގެ ގޮތުން ބޭއްވި ހަފްލާގައި އަފީފު ވިދާޅުވީ މިހާރާ އަޅާބަލާއިރު ޓޫރިޒަމް ފެށިއިރު ރާއްޖޭގެ ޖީޑީޕީ ވަރަށް ދަށް ކަމަށެވެ. ނަމަވެސް ޓޫރިޒަމް ފަށައިގެން ފުރަތަމަ ރިސޯޓަށް ޓޫރިސްޓުން އަންނަން ފެށުމާ އެކު އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނަ ފެށިކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ ޓޫރިޒަމް ކުރިއެރުވުމުގައި ފާއިތުވި 49 އަހަރު ގިނަ ގޮންޖެހުންތަކާ ކުރިމަތިވި ކަމަށެވެ. ނަމަވެސް ދާއިރާގެ އެންމެންނާއި ސަރުކާރާ ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ އަކީ މިއަދު ރާއްޖެއަކީ މުޅި ދުނިޔޭގެ އެންމެ މަޝްހޫރު މަންޒިލަށް ވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ރާއްޖޭގެ ޖީޑީޕީގެ 40 ޕަސެންޓު ހިއްސާކުރަނީ ޓޫރިޒަމުން. މި ދާއިރާގެ ސަބަބުން އިގްތިސާދަށް އިންގިލާބީ ބަދަލެއް އައި. ދުނިޔޭގެ ބޮޑެތި ބްރޭންޑުތައް ރާއްޖެ އައިސް ރާއްޖެއަށް އޮންނަ އިތުބާރު ބޮޑުވެ އިންވެސްޓުމަންޓުތައް ލިބެން ފެށި،" އަފީފު ވިދާޅުވި އެވެ.

ޓޫރިޒަމްގައި ރާއްޖެއަށް އެންމެ ފުރަތަމަ ބައިނަލްއަގުވާމީ ބްރޭންޑެއް ގެނައީ ވެސް އަފީފެވެ. އޭނާއާ ގުޅިގެން ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން، ހިލްޓަންގެ ފުރަތަމަ ރިސޯޓު ހުޅުވީ 1992 ވަނަ އަހަރު އެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކައުންޓްޑައުން ފަށަން ބޭއްވި ހަފްލާގައި މުހައްމަދު އުމަރު މަނިކު ވާހަކަދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކައުންޓްޑައުން ފަށަން ބޭއްވި ހަފްލާގައި މުހައްމަދު އުމަރު މަނިކު ވާހަކަދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ޓޫރިޒަމް ފެށުމުގައި އަފީފާ އެކު މަސައްކަތް ކުރެއްވި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އޭނާގެ ތަޖުރިބާ ހިއްސާ ކުރައްވައި ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް ފެށުމުގެ ކުރިން ބޭރުގެ ފައިސާއެއްގެ ގޮތުގައި ބޭނުންކޮށް އުޅުނީ ޕައުންޑު ކަމަށެވެ. ނަމަވެސް ކުރުނބާ ވިލެޖުގެ ފުރަތަމަ ޓޫރިސްޓުންނާ އެކު، ރާއްޖޭގައި ބޭނުން ކުރަމުން އައި ޕައުންޑު ހުއްޓި ޑޮލަރު ބޭނުން ކުރަން ފެށީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރު އައްޑު އަތޮޅުގައި މަސައްކަތްކުރާ މީހުންގެ ފަރާތުން އެ ލިބޭ ސެލަރީ މިތާގެ ފޮރިން ކަރަންސީއަކަށް ވެފައި އޮތީ. 1972 ވަނަ އަހަަރުގެ އޮކްޓޯބަރު ތިން ވަނަ ދުވަހު ރާއްޖެ އައި ޓޫރިސްޓުންގެ ފުރަތަމަ ގްރޫޕާ އެކު ޕައުންޑު ބަދަލުވެއްޖެ ޑޮލަރަށް. އެއިރުން ފެށިގެން މި އިކޮނޮމިކް ރިފޯމް ފަށައިގެންފި،" މަނިކު ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޓޫރިޒަމް ފެށުމަށް މަސައްކަތް ކުރެއްވީ މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި އެމްޔޫ މަނިކާއި އަފީފު ގުޅިވަޑައިގެންނެވެ. އެންމެ ފުރަތަމަ ކުރުނބާ ވިލެޖު ހުޅުވައި އެތަނުން ހިދުމަތް ދިނުމަށް 30 ކޮޓަރި ހެދި އެވެ. އެއަށްފަހު ޒަމާނަށް ފައްތައި އަމިއްލަ ރިސޯޓުތައް އެބޭފުޅުން ހުޅުވި އެވެ. އަދި ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް ރާއްޖެ ގެނައުމުގައި ބޭރު ގައުމުތަކުގައި ރާއްޖެ އިސްތިހާރުކުރަން ފެއްޓެވި އެވެ.