Roadha Mihaaru
ހަރަދު ބޮޑުވުމުން މޯލްޑިވިއަންގެ ބޯޓެއް ދޫކޮށްލަނީ

މެއިންޓަނެންސްގެ ހަރަދު ބޮޑުވުމުން މޯލްޑިވިއަނުން އެއާބަސްގެ ބޯޓެއް ދޫކޮށްލަނީ

12 ސެޕްޓެމްބަރ 2022

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ކުއްޔަށް ނެގި އެއާބަސް އޭ321 މަރުކާގެ ބޯޓުގެ މެއިންޓަނެންސްގެ ހަރަދު ބޮޑުވާތީ، އެ ބޯޓުގެ ލީސްގެ މުއްދަތު އިތުރުނުކޮށް، ބޯޓު ފޮނުވައިލަން އެ ކުންފުނިން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ކުއްޔަށް ނެގި އެއާބަސް އޭ321 މަރުކާގެ ބޯޓުގެ މެއިންޓަނެންސްގެ ހަރަދު ބޮޑުވާތީ، އެ ބޯޓުގެ ލީސްގެ މުއްދަތު އިތުރުނުކޮށް، ބޯޓު ފޮނުވައިލަން އެ ކުންފުނިން ނިންމައިފި އެވެ.

އައިލެންޑް އޭވިއޭޝިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ މިއަދު ވިދާޅުވީ، ލީސްގެ މުއްދަތު އިތުރުނުކޮށް، އެ ބޯޓު ފޮނުވައިލަން ނިންމީ، އެއީ ވަރަށް ގިނަ ދުވަސްވެފައިވާ މޮޑެލެއްގެ ބޯޓެއް ކަމަށް ވާތީ، މެއިޓަނެންސްގެ ހަރަދު ބޮޑުވުމުން ކަމަށެވެ.

އޭނާ ވިދާޅުވީ، މޯލްޑިވިއަން އެއާލައިންގެ ވާދަވެރި ކުންފުނިތަކުން ބޭނުން ކުރަމުން އަންނަނީ ފަހުގެ ބޯޓުތައް ކަމަށާއި އެހެންވެ، އެ ކުންފުނިން ވެސް ވާދަވެރިކަމާ އެކު ވިޔަފާރި ފުޅާކުރަން އެންމެ ފަހުގެ ބޯޓުތައް ބޭނުންވާ ކަމަށެވެ. އެއާބަސް އޭ321 ބޯޓަކީ 17 އަހަރު ވެފައިވާ ބޯޓެކެވެ. އެ ބޯޓުގެ ލީސްގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ މޭ މަހަށެވެ. އެހެންވެ، އެ އަށް ފަހު ދެން އެ ބޯޓެއް ބޭނުމެއް ނުކުރާނެ އެވެ.

ޖެނިފާ ވިދާޅުވިގޮތުގައި، އެ ބޯޓު ދޫކޮށްލި ނަމަވެސް މޯލްޑިވިއަން އެއާލައިންގެ ދަތުރުތަކަށް އެއްވެސް ދަތިކަމެއް ނާންނާނެ އެވެ. މަސައްކަތް ކުރަނީ އަންނަ އަހަރުގެ ކުރީކޮޅު އާ އެއާބަސް މަރުކާރުގެ ބޯޓެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އަހަރު ފަހުކޮޅު އޭޓީއާރް ތިން ބޯޓު ގެންނާނަން. އަދި އަންނަ އަހަރު ކުރީ ކޮޅު އެއާބަސްގެ އާ ބޯޓެއް ގެނެވޭތޯ މި މަސައްކަތް ކުރަނީ،" ޖެނިފާ ވިދާޅުވި އެވެ.

މޯލްޑިވިއަން އެއާލައިނުން މި ވަގުތު އެއާބަސް މަރުކާރުގެ ދެ ބޯޓު ގެންގުޅެ އެވެ.