ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް ޕްރިމިއަމް އިކޮނޮމީ ކްލާސް ތައާރަފްކޮށްފި އެވެ.
19 މާޗް 2025
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް ޕްރިމިއަމް އިކޮނޮމީ ކްލާސް ތައާރަފްކޮށްފި އެވެ.
އެ އެއާލައިންގެ އެތެރޭގެ އުދުހުންތަކުގައި މީގެ ކުރިން ހަމައެކަނި ވިއްކަނީ އިކޮނޮމީ ކްލާސް ޓިކެޓެވެ.
ނަމަވެސް، އައިލެން އޭވިއޭޝަނުން މިއަދު ބުނީ، ޕްރިމިއަމް އިކޮނޮމީ ޓިކެޓްތަކުގައި ދަތުރު ކުރުން އަންނަ އޭޕްރީލް 13 ގައި ފަށަން މިހާރު ނިންމާފައިވާ ކަމަށެވެ. އެއާ އެކު، ފަސިންޖަރުންނަށް ޑޮމެސްޓިކް ދަތުރުތަކުގައި މިހާރަށް ވުރެ، ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދޭނެ ކަމަށް މޯލްޑިވިއަން އެއާލައިން ހިންގާ ކުންފުނިން ބުންޏެވެ.
ޕްރިމިއަމް އިކޮނޮމީގެ ދަށުން ދަތުރުކުރާ ފަސިންޖަރުންނަށް 25 ކިލޯގެ ބެގޭޖު އުފުލޭނެ އެވެ. ދަތުރުގެ ދުވަސް ބަދަލު ކުރުމާއި ޗެކިން ކުރުމުގައި ހާއްސަ އިސްކަމެއް ދޭނެ އެވެ. ޕްރިމިއަމް އިކޮނޮމީގައި ދަތުރުކުރާ ނަމަ "މޫނިމާ ލައުންޖް" ގައި މަޑުކޮށްލައި ކެއުމުގެ އިންތިޒާމުތައް ވެސް ހަމަޖެއްސޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.
މާލޭގެ އިތުރުން ދަރަވަންދު އާއި އިފުރުން ދަތުރުކުރާ ފަސިންޖަރުންނަށް ވެސް ލައުންޖުގެ ހިދުމަތްތައް ލިބޭނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ. ދަތުރުގައި އިކޮނޮމީ ޓިކެޓުގައި ދަތުރުކުރާ ފަސިންޖަރުންނަށް ވުރެ ފެންވަރު ރަނގަޅު ކެއުންތައް ލިބޭނެ އިންތިޒާމު ވެސް މޯލްޑިވިއަން އިން ވަނީ ހަމަޖައްސައިފަ އެވެ. އަދި ދަތުރު ނިމުމަށް ފަހު، އެންމެ ފުރަތަމަ ފޮށި، ދަބަސް ވެސް ލިބޭނީ ޕްރިމިއަމް އިކޮނޮމީގައި ދަތުރު ކުރާ ފަސިންޖަރުންނަށެވެ.
ޕްރިމިއަމް އިކޮނޮމީގެ ޓިކެޓް މިހާރު ވަނީ ވިއްކަން ފަށައިފަ އެވެ. ޓިކެޓު ބުކިން އެއާލައިންގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
މޯލްޑިވިއަން އިން އެންމެ ފުޅާދާއިރާއެއްގައި ހިންގަނީ ޑޮމެސްޓިކް ދަތުރުތައް ކަމަށް ވާއިރު، އެ ދަތުރުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެ އެވެ. އެ އެއާލައިން އިން ޑޮމެސްޓިކް ދަތުރުތަކުގައި ބޭނުން ކުރާ ހުރިހާ ބޯޓެއް މި އަހަރު ތެރޭ އާ ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެހެންވެ، މިއަހަރު ތެރޭ އިތުރު ތިން އޭޓީއާރް ގެނައުމަށް ވެސް ވަނީ ޕްލޭންކޮށްފަ އެވެ. އިތުރު ތިން ބޯޓާ އެކު، އޭޓީއާރްގެ އަދަދު 8 އަށް އިތުރު ކުރާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
މޯލްޑިވިއަންގެ އާ އޭޓީއާރްބޯޓު ބުރާސްފަތިދުވަހު ގެންނަނީ
މޯލްޑިވިއަންގެ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފި
މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ
ޗުއްޓީއަށް މޯލްޑިވިއަނުން 98 ފްލައިޓް އިތުރުކޮށްފި
ޓެކްނިކަލް މައްސަލައަކާ ހެދި ޑާކާ ދަތުރު ކެންސަލް!
އީދާ ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރަނީ
"އޭޓީއާރްގެ ހަތަރު ބޯޓަށް އެއް ބިލިއަން ހަރަދުވެއްޖެ"
މޯލްޑިވިއަނަށް ފައިދާވާން ފެށީމަ ދަތުރުގެ އަގުހެޔޮވާނެ
ޗުއްޓީގައި މޯލްޑިވިއަނުން ރެކޯޑު އަދަދެއްގެ ފްލައިޓު
ކުރިން ޓިކެޓް ނެގުމުން މޯލްޑިވިއަނުން ބޮޑު ޑިސްކައުންޓް